ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2019 - 10:10
މިއުނިކް (އޮކްޓޫބަރު 27) - ޖަރުމަން ލީގުގެ މި ސީޒަނުގެ ފުރަތަމަ ނުވަ މެޗުގައި ލަނޑު ޖަހައި ބަޔާން މިއުނިކްގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ލީގުގެ ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ.
ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ ރެކޯޑް ހެދި ގޯލު ޖެހީ ރޭ ބަޔާނުން އަމިއްލަ ދަނޑުގައި ބާލިން ޔޫނިއަން އަތުން 2-1 އިން މޮޅުވި މެޗުގަ އެވެ. ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑްގެ ގޯލުން ބަޔާން ކުރިހޯދިއިރު ލެވަންޑޯސްކީގެ ގޯލާ އެކު އެ ޓީމުން ވަނީ ލީޑުފުޅާކޮށްފަ އެވެ. ބާލިން ޔޫނިއަންގެ ހަމައެކަނި ގޯލު ޖެހީ ސެބަސްޓިއަން ޕޯލްޓާ އެވެ.
ޖަރުމަނު ލީގުގެ އާ ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ކުރިން އޮތީ ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަތުގަ އެވެ. މިހާރު އާސެނަލަށް ކުޅެމުން އަންނަ އޮބާމަޔަން އެ ރެކޯޑް ހެދީ އަށް މެޗުގައި ލަނޑު ޖަހައިގެންނެވެ.
އުމުރުން 31 އަހަރުގެ ލެވަންޑޯސްކީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރިއިރު 2019 ވަނަ އަހަރުގެ މިހާތަނަށް ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. މި އަހަރުގެ މިހާތަނަށް ލެވަންޑޯސްކީ ވަނީ 37 ގޯލު ޖަހައިފަ އެވެެ. މި ސީޒަނުގައި މިހާތަނަށް ލެވަންޑޯސްކީ ވަނީ 19 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 13 ގޯލު ޖެހީ ލީގުގަ އެވެ.
މިހާތަނަށް ލެވަންޑޯސްކީ އަށް މުގުރާނުލެވި އޮތް ރެކޯޑަކީ ޖަރުމަން ލީގުގެ އެއް ސީޒަނެއްގައި 40 ގޯލު ޖަހައިގެން ކުރީގެ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރެކޯޑެވެ. ލެވަންޑޯސްކީ ބުނީ ސީދާ އެ ރެކޯޑަށް އަމާޒުކޮށްގެން މަސައްކަތް ނުކުރާނެ ކަމަށެވެ.
"އެ ރެކޯޑެއް ނޫން މުހިއްމީ. އެންމެ ބޭނުމީ ޓީމު މޮޅުކޮށްދޭން. މީގެ އަދިވެސް ގިނަ މެޗުތަކެއް ކުޅެންޖެހޭ. ބޭނުމީ މި ފޯމުގައި ކުރިއަށްދާން،" ލެވަންޑޯސްކީ ބުންޏެވެ.
ރޭގެ މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނަ މަގާމު ދިފާއުކޮށްފަ އެވެ. އެ ޓީމަށް ނުވަ މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy