ހދ. ނޮޅިވަރަމް ކައުންސިލް: އެ ރަށު ކޯޓުން ނިންމީ ގޯތި ދޫކުރުމުގައި ކައުންސިލުން ޕޮއިންޓް ދީފައި ވަނީ ރަނގަޅަށް ނޫން ކަމަށް -- ފޮޓޯ: ނޮޅިވަރަން ކައުންސިލް
31 އޮކްޓޯބަރ 2019 - 13:36
ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ކައުންސިލުން ޕޮއިންޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އަލުން ގުރުއަތުލުމަށް ފަހު ގޯތި ދޭން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އެ ރަށުން މިއަހަރު ގޯތި ދޭން ފެށީ ގޯތި ދޫކުރުން މެދުކަނޑާލާފައި އޮންނަތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ދޫކުރުން ކަނޑައެޅި 75 ގޯއްޗަށް 283 ފަރާތަކުން ކުރިމަތިލި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ފަހު، ގުރުއަތުލީ މިދިޔަ މާޗު މަހު އެވެ.
ކައުންސިލުން ޕޮއިންޓު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ތިން ފަރާތަކުން އެ މައްސަލަ އެ ރަށު ކޯޓަށް ހުށަހެޅި ކަމަށް ނޮޅިވަރަމް ކައުންސިލް މެމްބަރު އިބްރާހިމް ނަސީރު "މިހާރު" އަށް ވިދާޅުވި އެވެ. އެއީ ކައިވެނީގެ ސެޓްފިކެޓްގެ ފަހު ސަފުހާ ހުށަހަޅާފައި ނުވުމުން، ކައިވެނީގެ މުއްދަތަށް ދޭންޖެހޭ ޕޮއިންޓް ދެވިފައި ނެތުމުންނެވެ. މި މައްސަލަ ތިން މީހަކު ހުށަހެޅި ނަމަވެސް، ފަސް ފަރާތަކަށް މި މައްސަލަ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ކުރެއްވި ހުކުމުގައި ވަނީ ދައުވާކުރި، ނޮޅިވަރަމް އަޒުމްގެ ހުސެއިން ރަޝީދަށް ޕޮއިންޓު ދީފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. ގޯއްޗަށް ކުރިމަތިލުމުގައި އޭނާ ބައެއް ލިޔެކިޔުންތައް ހުށަނާޅާ ކަމަށް އެ ރަށު ކައުންސިލުން ސާބިތުކުރެވިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ ދައުވާކުރި މީހާ އަށް ގޯއްޗެއް ލިބެން ޖެހޭނެ ފަރާތެއް ކަމަށް ކަނޑައެޅި އެވެ.
އަލުން ގުރުއަތަށް ދާއިރު، އެ މައްސަލަ ދިމާވެފައިވާ އެހެން މީހުން ހިމަނަން ވެސް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
ކައުންސިލް މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ، އެ މައްސަލަ ދިމާވީ ކޯޓަށް ލިޔެކިޔުންތައް ހުށަހެޅި އިރު ކައިވެނީގެ ސެޓްފިކެޓް ލިބިފައިވާ ކަމަށް އެ ކައުންސިލުން ލިޔުން ދޫކުރުމުން ކަމަށެވެ. ނަމަވެސް ހުށަހަޅާފައި ވަނީ ކައިވެނީގެ ސެޓްފިކެޓްގެ ބައެއް ކަމަށާއި އެހެން ކަމުން ކައިވެނީގެ މުއްދަތަށް ދޭންވާ ޕޮއިންޓު ނުދެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިސްޓު މުރާޖާއާ ކުރުމަށް ފަހު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަލުން ގުރުއަތު ލާން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެމް
31 October 2019
ޕޮއިންޓް ދީފައި ލިސްޓް އާންމު ކޮއްފައި ޝަކުވާ ހުށައަޅަން ވަރައް ދިގު މުއްދަތެއް ލިބޭނެ. މި މުއްދަތުގައި ޝަކުވާ ހުށަނާޅައި ގުރުއަތުލައިގެން ގުރުއަތުން ގޯތި ނުލިބުނީމަ އެވީ މައްސަލަ ޖައްސަން؟ ބަލަ ޝަކުވާ ހުޝައަޅަން ދިން މުއްދަތުގައި ނިދާފަތަ ތި ޝަކުވާ ކޮއްގެން އުޅޭ ފަރާތުން އޮތީ؟ ކިހާ ދެރަކަމެއް ބައެއް ދިވެހިންގެ އަމިއްލަ އެދުން ބޮޑުކަން. ދެންވެސް ތި ޝަކުވާ ކުރި ބަޔަކައް ގުރިއަތުން ގޯތި ނުލިބުނިއްޔާ ރަނގަޅީ