ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކޮންމެ ކުޅުންތެރިޔަކަށް ވެސް ޒިންމާއެއް އެބައޮތް: ސެގާޓް

މެލޭޝިއާ ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ގައުމީ ޓީމުގެ އިވެންޓުގައި ސެގާޓް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ސްކޮޑުގައި ތިބި ކޮންމެ ކުޅުންތެރިޔެއްގެ ވެސް ޒިންމާއެއް އެބައޮތް ކަމަށާއި ޓީމު ހޯދާ ނަތީޖާގައި މުޅި ޓީމުގެ ދައުރު އޮންނާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު މާލޭގައި ކުޅޭ ދެ މެޗަށް ގައުމީ ޓީމު ފަރިތަކުރުމުގެ ގޮތުން މި ވަގުތު މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނައިރު، މާދަމާ މެލޭޝިއާއާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ކޮލިފައިން ފެށި ފަހުން ރާއްޖެ ކުޅޭ ފުރަތަމަ ޕްރެކްޓިސް މެޗެވެ.

މެޗުގެ ކުރިން ސެގާޓް ބުނީ މިއީ ނަތީޖާ ނެރެން ކުޅޭ މެޗެއް ނޫން ކަމަށާއި ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލަން މުހިއްމު މެޗެއް ކަމަށެވެ.

"ވަރަށް އުނދަގޫވާނެ މެލޭޝިއާއާ ދެކޮޅަށް ކުޅެން. ދުވާލަކު ދެ ފަހަރު ޕްރެކްޓިސް ކުރުމަށް ފަހު މި މެޗު މި ކުޅެނީ. ހަގީގަތަކީ މި މެޗުގެ ނަތީޖާ މުހިއްމެއް ނޫން. މިއީ އަހަންނަށް ކުޅުންތެރިންގެ ކުޅުން ބަލަން މުހިއްމު މެޗެއް. އަހަންނަށް މުހިއްމީ ފިލިޕީންސް މެޗުގައި ނަތީޖާ ނެރުން،" ސެގާޓް ބުންޏެވެ.

"ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް ޒިންމާއެއް އެބައޮތް. ދުވަސްވީ ކުޅުންތެރިން ވިޔަސް ޒުވާން ކުޅުންތެރިން ވިޔަސް. މި ޓީމުން ހުރިހާ މަސައްކަތެއް ކުރާނީ އެކުގައި،"

ރާއްޖޭން މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ 3-0 އިން ބަލިވެފަ އެވެ.

އަފްގާނިސްތާންގެ ކުރީގެ ކޯޗު ސެގާޓް ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭނާ ހަވާލުކުރިއިރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އަމާޒުހިފީ މުސްތަގުބަލަށް ވަރުގަދަ ޓީމެއް ބިނާކުރާށެވެ. ސެގާޓް ބުނީ މިހާތަނަށް ފުރުސަތުދިން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އަހަރެން ފުރުސަތުދިން ކުޅުންތެރިންގެ މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެ މީހުން ދަނީ. ހަގީގަތަކީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވަރަށް ފަސޭހަވާނެ އައިސް ކުޅެލަން. އެކަމަކު ޒުވާން ކުޅުންތެރިން ޖެހޭނެ ސެލްފް ކޮންފިޑެންސް ބިލްޑް ކުރަން. އެ މަސައްކަތުގައި ޒުވާން ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުން،" ސެގާޓް ބުންޏެވެ.

ޗައިނާ މެޗުގެ ކުރިން މާލޭގައި ބޭއްވި ޕްރެކްޓިސް ސެޝަނުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އަލީ އަޝްފާގު (ދަގަނޑޭ) އަށް ވެސް ޓީމުން ފުރުސަތު ދިނީ ޓީމުން ޖާގައެއް ހައްގުވީމަ ކަމަށް ސެގާޓް ވަނީ ދާދި ފަހުން ބުނެފަ އެވެ. ދަގަނޑޭ ގައުމީ ޓީމަށް އެނބުރި އައީ މިދިޔަ ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު މާލޭގައި ޗައިނާ އަތުން 5-0 އިން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ދަގަނޑޭ ކުޅުވީ ހާލަތުގެ ގޮތުން ކަމަށް ސެގާޓް ބުންޏެވެ. އަދި ސީރިއާ އަތުން މިދިޔަ މަހު 2-1 އިން ބަލިވި މެޗުގައި ދަގަނޑޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވީ ވެސް ރޭވުމެއްގެ ތެރެއިން ކަމަށެވެ.

"އަހަރެމެންގެ ޓޮޕް ސްޓްރައިކަރުންނަށް މި ތިބީ ދަގަނޑޭ، އަސަދުﷲ ދެން ދާދު (ނާއިޒް ހަސަން). މީގެން އެއް ކުޅުންތެރިޔަކު އެންމެ ކުރިއަށް ކުޅޭނީ. ދެން ހާލަތުގެ ގޮތުން އެއްކޮށް ވެސް ކުޅެފާނެ. ދެން މި ތިބީ ފަޅިން ކުޅޭ ކުޅުންތެރިން. ފޭދޫ އިއްބެ އާއި ހަމްޕު އާއި އޮގީ ދެން ޗޯޓު. ލަނޑު ޖަހާ ކުޅުންތެރިޔާ ވެސް އަހަންނަށް މުހިއްމެއް ނޫން. ބޭނުމީ ނަތީޖާ ނެރުން،" ސެގާޓް ބުންޏެވެ.

ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް މާފު ދިނުމަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ސެގާޓް ބުނީ އެ ދެ ކުޅުންތެރިން ވެސް ޓްރެއިނިން ކޭމްޕްގައި ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

ކޮލިފައިންގައި މި މަހު 14 ވަނަ ދުވަހު މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅުމަށް ފަހު 19 ވަނަ ދުވަހު މާލޭގައި ނުކުންނާނީ ގުއާމާ ދެކޮޅަށެވެ. މެލޭޝިއާ ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ޓީމު މާލެ އަންނާނީ މި މަހު ނުވަ ވަނަ ދުވަހު އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިއޮ

05 November 2019

މިނިސްޓަރ އަނެއް މުބާރާތަށް ދާން ތައްޔާރު ވާ އިރު ކުރިން މުބާރާތުގެ އިނާމް ފައިސާ ލިބެނީ ކޮންއިރަކު ބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454