ޔޫވީގެ ޕްރޮގްރާމަކުން ދަސްވެނިވި ދަރިވަރަކަށް، ޔޫވީގެ ވައިސް ޗާންސެލާ ސްޓީވް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.- ފޮޓޯ: ވިލާ ކޮލެޖު
16 ނޮވެމްބަރ 2019 - 18:52
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ ކޯސްތަކުން 300 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓުގެ ކޯސްތަކުން 345 ދަރިވަރުން ދަސްވެނިވެފައި ވެ އެވެ.
އެ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އަމިއްލަ ގައުމުގައި ހުރެގެން ފެންވަރު ރަނގަޅު މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އެ ކޮލެޖުން ފަހިކޮށްދީފައިވާ ކަމަށެވެ. އެކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޔޫވީގެ ކޯސްތަކުން އެންމެ ފުރަތަމަ ފެށީ އަންޑަ ގްރެޖުއޭޓްގެ ހަތަރު ޕްރޮގްރާމް ނަމަވެސް މިހާރު އަންޑަ ގްރެޖުއޭޓްގެ ނުވަ ޕްރޮގްރާމާއި ޕޯސްޓް ގްރެޖުއޭޓްގެ ފަސް ޕްރޮގްރާމް ހިންގަމުން އަންނަ ކަމަށް އަންވަރު ވިދާޅުވި އެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް އެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ހިންގާ ޔޫވީގެ ގްރެޖުއޭޝަން ހަފުލާގައި، ވިލާގެ ރެކްޓާ ޑރ. އަންވަރު ވާހަކަދައްކަވަނީ - ފޮޓޯ: ވިލާ ކޮލެޖު
ރެކްޓާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސޯދު މައުލޫމާތު ހޯދައި ލިބިގަތުމުގެ އުސޫލުތައް ބަދަލުވާއިރު، ކިޔަވައިދިނުމުގެ ވައްޓަފާޅި ވެސް ބަދަލުކުރަންޖެހެ އެވެ. އެއީ މިހާރު ގައުމަށް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތައްޔާރު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
"ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ އެ އުސޫލުން މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ މަސައްކަތް ކުރަން،" އަންވަރު ވިދާޅުވި އެވެ.
ކޮންމެ ދުވަހަކީ ވެސް ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އެނގޭ ބަޔަކަށް ވާއިރު އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ވިލާ ކޮލެޖުން އަމިއްލަ އަށް އިސްނަގައިގެން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
ވިލާ ކޮލެޖުގައި ހިންގާ ޔޫވީގެ ދަސްވެނިވުމުގެ ހަފުލާގައި ޔޫވީގެ ވައިސް ޗާންސެލާ ސްޓީވް ސެޓްފިކެޓް ވާހަކަދައްކަވަނީ.- ފޮޓޯ: ވިލާ ކޮލެޖު
ޔޫވީގެ ވައިސް ޗާންސެލާ ސްޓީވް ވެސްޓް ވިދާޅުވީ މިއަދު ދަސްވެނިވި ދަރިވަރުންނަށް މުސްތަގުބަލުގައި އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
ސްޓީވް ވިދާޅުވީ 2015 ވަނަ އަހަރުން ފަށައިގެން ޔޫވީގެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށެވެ. މިހާރު ވެސް އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓުގައި 3000 ދަރިވަރުން ކިޔަވަމުން އަންނައިރު އެއީ މުސްތަގުބަލް އުޖާލާކަން ދޭހަކޮށްދޭ ކަމެއް ކަމަށް ވިިދާޅުވި އެވެ. އަދި ޕާޓްނަޝިޕް އިތުރަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫވީގެ އެކި ޕްރޮގްރާމްތައް އެކި ގައުމުތަކުގައި ވެސް ހިންގާ ކަމަށެވެ. އަދި ސްޓީވް ވިދާޅުވި ގޮތުގައި ވިލާ ކޮލެޖާ އެކު ގާއިމް ކޮށްފައި ވަނީ އެންމެ ކާމިޔާބު އެއް ޕާޓްނަޝިޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy