ގއ. ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އަތޮޅުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ފަށާ މި ކޯސްތައް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ އަންނަ މަހު ކޯސްތައް ފަށަން ހަމަޖައްސާފައިވާ ދުވަހު، ވިލިނގިލީގައި ވެސް ކިޔެވުން ފަށާނެ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަަމައަށް ވަނީ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފަ އެވެ.
އޭނާ ވިދާޅުވީ ގއ. އަތޮޅަކީ ކުރިއްސުރެ ވެސް ތައުލީމަށް ވަރަށް ލޯބިކުރާ މީހުން ދިރުއުޅޭ އަތޮޅެއް ކަމަށެވެ. އެހެންކަމުން ރަށުގައި ތިބެގެން، އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ލިބުމަކީ ތައުލީމީ ގިނަ ބަޔަކު އުފެދިގެންދާނެ ކަމެއް ކަން އަންވަރު ފާހަގަކުރެއްވި އެެވެ.
ވިލާ ކޮލެޖުން މަސައްކަތް ކުރަމުންދަނީ ހުރިހާ އަތޮޅެއްގައި ވެސް، އެ ކޮލެޖުގެ ކޯސްތައް ފެށުމަށް ކަމަށް އަންވަރު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލްވުމުގެ މަަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދެއްގައި އެ ކޮލެޖުގެ ކޯސްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ވިދާޅުވީ، ރަށުގައި ތިބެގެން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވެމުން ދިއުމަކީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ.
އެއީ މުޅި އަތޮޅަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯސްތަކަކަށް ވުމުން، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އެކޮމޮޑޭޝަން ކަންތައްތައް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ކެމްޕަހުގައި ކުރިއަށްގެންދާ ހުރިހާ ކޯހެއް ވެސް، ދަރިވަރުންގެ ތަރުހީބަށް ބަލާފައި އެ އަތޮޅުގައި ކުރިއަށްގެންދާނެ އެވެ. ބިޒްނަސް މެނޭޖްމަންޓާއި ޝަރީއާ އެންޑް ލޯ އަކީ މިހާރު އެންމެ ގިނަ ދަރިވަރުން އެދެމުން އަންނަ ކޯސްތައް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މީގެ 10 އަހަރު ކުރިން އުފެއްދި ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ޑިގްރީ އަދި މާސްޓާޒް ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.