ވިލާ ކޮލެޖު ހިންގަމުން އަންނަ ގޯތި ތެރޭގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.
އެ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ އިމާރާތް އަޅަން ނިންމާފައިވަނީ ވިލާ ކޮލެޖުގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ކްލާސް ބަރިތައް ހުންނަ ތަނުގައި ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު އެކަމުގެ އަމަލީ މަސައްކަތް ފަށައި، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި އާ އިމާރާތް އަޅަން ހަމަޖައްސާފައިވާ ތަނުގައި މިހާރު ހުރި ކްލާސްރޫމުތަކުގެ ބަދަލުގައި، ތިން ބުރީގެ އިމާރާތެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ އިމާރާތް އަޅާ ތަނުގައި ހުރި ކްލާސްރޫމުތައް ތަޅާލާފައި، އޭގެ ބަދަލުގައި ތިން ބުރީގެ އިމާރާތެއް މި އަޅަނީ އެ ކްލާސްރޫމުތައް މެނޭޖުކުރަން. ދެން އެ ތަނުގައި 10 ބުރީގެ އިމާރާތް އަޅަން ހަމަޖައްސާފައި މިވަނީ،" އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ދަރިވަރުންގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގާއިމްކުރާ އާ އިމާރާތުން، ގިނަ ދަރިވަރުންނަށް ފުރުސަތު ދެވިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ 10 އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖުގައި އަލަށް އިމާރާތް ކުރާ ތަނުގައި 25 ކްލާސްރޫމް ހުންނާނެ އެވެ.