ރިޕޯޓް / އެންސިސް

އާ ފެކްޓަރީއާ އެކު އެންސިސްއަށް ހިނިތުންވުން

އެންސިސް އިން ހުޅުމާލޭގައި ހެދި އާ ފެކްޓަރީ: މިއީ އެ ކުންފުނިން އެއް ފަހަރާ ކުރި އެންމެ ބޮޑު އިންވެސްޓްމަންޓް

26 ނޮވެމްބަރ 2019 - 09:49

10 comments

"މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަން އިށީންނެވި އިރު އަބްދުލް ވާހިދުގެ މޫނުމަތިން ވަރުބަލިކަމާއި އުފާވެރިކަން، އެކުއެކުގައި ފެނުނެވެ. ވަރުބަލިކަން އިހުސާސްކުރެއްވުނީ، އޭނާގެ ހިއްސާ އޮންނަ އަދި ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް މަސް ކުންފުނި ކަމަށް ވާ އެންސިސްގެ އާ ފެކްޓަރީގެ އޯޕަން ޑޭގެ ކަންކަމުގައި ބިޒީކޮށް އުޅުއްވުމުންނެވެ. އުފާވެރިކަން ބޮޑުވީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ މަޝްރޫއު އެންމެ ފަހުން ނިންމާލެވުމުންނެވެ.

"މިއީ އެންސިސްއަށް ނެގުނު ވަރަށް ބޮޑު ޖަމްޕެއް،" ފުރަތަމަ ވެސް ވާހިދު ވިދާޅުވި އެވެ.

އޭނާ އާއި މުހައްމަދު ވަސީމް އަދި އަބްދުﷲ ސައީދުގެ ހިއްސާ އޮންނަ އެންސިސް އިން ހުޅުމާލޭގައި، 50،000 އަކަފޫޓުގެ ބިމެއްގައި ހެދި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ އަކީ މަސްވެރިކަމުގައި ރާއްޖެ އަށް ގެނެސްދިން އިތުރު ތަރައްގީއެއް ކަމާ މެދު ޝައްކެއް ނެތެވެ. ފެކްޓަރީގެ ވަޒީފާގެ ފުރުސަތުތައް އާންމުންނަށް ކިޔައިދޭން މިދިއަ ހޮނިހިރުދުވަހު އޮތް އޯޕަން ޑޭ އިން އެކަނި ވެސް، އެ ފެކްޓަރީގެ ސަބަބުން އިގުތިސާދަށް ކުރާނެ ފައިދާ އެނގުނެވެ.

ފެކްޓަރީއަށް 400 މުވައްޒަފުން ބޭނުންވެ އެވެ. އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އާންމުންނަށް ދެއްކީ މުޅި ފެކްޓަރީ ހިނގާނެ ގޮތް، ތަފްސީލުކޮށް ކިޔައިދެމުން، އެކި މީހުންނަށް ކުރެވިދާނެ ކަންކަން ދެނެގަނެވިދާނެ ގޮތަށެވެ. އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައި، 700 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، 450 އަށް ވުރެ ގިނަ މީހުން، ވަޒީފާތަކަށް ނަން ނޯޓުކުރި އެވެ.

ވާހިދު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އާ ފެކްޓަރީގެ ސަބަބުން ދިވެހިންނަށް އިގުތިސާދީ ގޮތުން ހުޅުވުނު ދޮރެއްކަން ދައްކައިދޭ މިސާލެކެވެ.

ކާމިޔާބު ތަނަކަށް ވާނެ

މީގެ 17 އަހަރު ކުރިން އުފެއްދި އެންސިސް އިން އެއް ފަހަރާ 25 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް މީގެ ކުރިން ހިންގާފައެއް ނުވެ އެވެ. އެވަރުގެ އިންވެސްޓްމަންޓަކަށް ދާން ކުންފުނިން ނިންމީ ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގު އޮތްކަން ގަބޫލުކުރެވިގެންނެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ސަރުކާރުން ދޭ ބޮޑެތި ސަބްސިޑީޒްތަކާ އެކު ވެސް އަޑިއަށް ދާ އިރު، އެންސިސްގެ މަސް ފެކްޓަރީން ދައްކައިދެނީ، އަމިއްލަ ވިޔަފާރިވެރިންނަށް ފައިދާއާ އެކު އެކަން ކުރެވިދާނެ ކަމެވެ. ނުވަތަ އެ ޔަގީންކަމުގައި އާ އިންވެސްޓްމަންޓްތަކަށް ޖެހިލުންނުވާ ކަމެވެ.

އެކަމަކު ފެކްޓަރީއެއް ހެދުމަކީ އެއް ބަ އެވެ. ދެ ވަނަ ބަޔަކީ ދިގު މުއްދަތަކަށް ހިންގުމެވެ. ރާއްޖޭގެ މަސްވެރިކަމުގައި، އެހެން ކުންފުނިތަކުގެ ތަޖުރިބާއަށް ބަލާއިރު، އެއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވާހިދު ވެސް އެކަން ގަބޫލުކުރައްވަ އެވެ. އެކަމަކު ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ގާބިލްކަން ހުރި ފެކްޓަރީ ހިންގޭނެކަމާ މެދު އެންސިސްއަށް އެއްވެސް ޝަައްކެއް ނެތެވެ.

އެންސިސްގެ އެއް ޑައިރެކްޓަރު ވާހިދު: އޭނާ ވިދާޅުވަނީ އާ ފެކްޓަރީ ކާމިޔާބުވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ /މިހާރު

"މިއީ ވަރަށް ބޮޑު ޗެލެންޖެއް ވެސް މެ،" ވާހިދު ވިދާޅުވި އެވެ.

އެންސިސް އަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަ ކުންފުންޏެއް ނޫނެވެ. އެންސިސްގެ މައިގަނޑު ވިޔަފާރި އަކީ ކަންނެލި އެކްސްޕޯޓްކުރުމެވެ. އަދި މަހުގެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމެވެ.

އެކަމަކު ކަޅުބިލަމަސް ދަޅުގައި ބަންދުކުރާ ރާއްޖޭގެ ތިން ވަނަ ފެކްޓަރީ އެ ކުންފުނިން ގާއިމްކުރީ، ވާހިދު ވިދާޅުވި ގޮތުގައި، އެ މަސްވެރިކަމަށް "ރާއްޖޭގައި ވަރަށް ބޮޑު މުސްތަގުބަލެއް އޮތުމުންނެ"ވެ.

މަސް ބޭނުންކޮށްގެން "އެންމެ ބޮޑު ވެލިއު [އަގު] ނެރެވޭ ގޮތަށް އޮތީމާ އޭގެ ފިއުޗާ [މުސްތަގުބަލް] މި އޮންނަނީ،" ވާހިދު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވާ ވާހަކައިގެ ތަފްސީލަކީ، މިފްކޯ އިން މައިގަނޑު ގޮތެއްގައި ކަން ކުރަމުން އަންނަ ފިނިކުރި މަސް ރާއްޖެ އިން އެކްސްޕޯޓްކުރުމުގެ ބަދަލުގައި، މަހުން ތަފާތު އެހެން އުފެއްދުންތައް އުފައްދައިގެން ބޭރުގެ މާކެޓަށް ނެރުމެވެ. މިސާލަކަށް ތައިލެންޑަށް ހަމައެކަނި ރޯމެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓްކޮށްގެން އޭގެ އަސްލު ފައިދާ ނުނެރެވޭނެ އެވެ. ތައިލެންޑުން ރާއްޖޭގެ މަސް ގަންނަނީ އެ ގައުމުގެ ފެކްޓަރީތަކަށެވެ.

"ފިނިޝިން ޕްރޮޑަކްޓަކަށް [މަހުން އެހެން ބާވަތެއް އުފެއްދުން] ބަދަލުކޮށްލުމުން އެބަ ވިއްކޭ ވަރަށް ގިނަ ގައުމުތަކަށް، ގިނަ ކަސްޓަމަރުންތަކަކަށް،" ވާހިދު ވިދާޅުވި އެވެ.

އެންސިސްއަކީ، އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ރާއްޖެ އިން މަސް ބޭރުކުރާ ކުންފުނިތަކުގެ ތެރެއިން ބޭރުގައި އެންމެ ގިނަ ބަޔަރުން [ގަންނަ މީހުން] ތިބި ކުންފުންޏެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ތަފާތު އެކި ގައުމުތަކުގައި އެންސިސްގެ އުފެއްދުން 50 ފަރާތަކުން ގަނެ އެވެ. އެހެންކަމުން މިއީ، ވާހިދު ގަބޫލުކުރައްވާ ގޮތުގައި، އާ ފެކްޓަރީގެ މަސައްކަތަށް އޮތް އެޑްވާންޓޭޖެކެވެ.

އެކަމަކު ހަމައެއާ އެކު އުފެއްދުންތައް ރަނގަޅުވާން ވެސް ޖެހޭނެ ކަމަށް ވާހިދު ވިދާޅުވި އެވެ.

"މަސްވެރިކަމަކީ ދުނިޔޭގައި ވާދަވެރިކަން އޮތް ދާއިރާއެއް،" އޭނާ ތަފްސީލު ދެއްވި އެވެ.

"މަސް ބާނާ އެހެން ގައުމުތަކުން ވެސް މާކެޓް ހޯދަން އުޅޭނެ ޔޫރަޕުން. އެހެންވީމާ މިކޮޅުގެ ޕްރޮޑަކްޓާއި ކޮލިޓީ ރަނގަޅުވެގެން މާކެޓް ލިބޭނީ."

އެކަން އެންސިސް އިން ކުރާނެކަމުގެ ޔަގީންކަން ވާހިދަށް އެބަ އޮތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި 17 އަހަރުގެ ތެރޭގައި ކުންފުންޏަށް ކާމިޔާބު ލިބުނީ، މާކެޓް ދިރާސާކޮށް، މާކެޓަށް ބޭނުންވާ ގޮތަށް އުފެއްދުންތައް ވާސިލްކޮށްދެވިގެންނެވެ. އެހެންކަމުން އާ ފެކްޓަރީ ހިނގައިގަންނާނީ އެ ތަޖުރިބާގައި، ބޭރުން ވެސް ރަނގަޅު މާކެޓްތައް ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

އެންސިސް ހާހެއްހާ މުވައްޒަފުންނާ އެކު

މިހާރު ހަމަޖެހިފައިވާ ގޮތުން ފެކްޓަރީ ރަސްމީކޮށް ހުޅުވާނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށް ވާ ޑިސެމްބަރު 10 ގަ އެވެ. އޭރަށް ވާ އިރު އެންސިސްގައި، މިހާރު ތިބި ގާތްގަނޑަކަށް 600 މުވައްޒަފުންގެ ތެރެއަށް 350 އާއި 400އާ ދެމެދުގެ އަދަދަކަށް އާ މުވައްޒަފުން އިތުރުވާނެ އެވެ. އޭގެ މާނައަކީ ހާހެއްހާ މުވައްޒަފުން ގެންގުޅޭ ބޮޑު ކުންފުންޏަކަށް އެތަން ބަދަލުވުމެވެ.

ވާހިދުގެ އުއްމީދަކީ ވީހާ ވެސް ގިނަ ދިވެހިން، ފެކްޓަރީގައި މަސައްކަތްކުރާ ތަން ފެނުމެވެ. އެކަމަށްޓަކައި، އާ ފެކްޓަރީން ވަޒީފާގެ ފުރުސަތު ދޭނެ ތަފާތު ގޮތްތައް ވަނީ ރާވައިފަ އެވެ. އެއް ކަމަކީ، ފުލްޓައިމް ނޫނަސް، ޕާޓް ޓައިމްކޮށް މަަސައްކަތްކުރުމުގެ ފުރުސަތު ދިނުމެވެ.

ފެކްޓްރީން ވަޒީފާ ހޯދަން ބަޔަކު ރަޖިސްޓްރީ ކުރަނީ-- ފޮޓޯ: މިހާރު

"މިސާލަކަށް ގޭގައި އުޅޭ އަންހެނަކު ހެނދުނު ދާންވީ ދެ ގަޑިއިރު މަސައްކަތްކޮށްލަން، އެ ފުރުސަތު އޮންނާނެ،" ވާހިދު ވިދާޅުވި އެވެ.

މިއީ މާލެ ސަަރަހައްދުގައި ހެދި ފުރަތަަމަ ކޭނަރީ ކަމުން، ފަސޭހަކަމާ އެކު ވަޒީފާގެ ފުރުސަތު ލިބުމުގެ ފައިދާ އާންމުންނަށް ނެގެން އެބަ އޮތެވެ. އެހެންކަމުން އެންސިސްގެ އާ ފެކްޓަރީއަކީ މަސްވެރިންގެ އިތުރުން، އާންމުންނަށް ވެސް ހުޅުވޭ އިގުތިސާދީ ދޮރަކަށް ވާނެ އެވެ.

"ދުރު މުސްތަގުބަލަށް ބަލާއިރު ދިވެހިން ވަޒީފާގައި ތިބުން ރަނގަޅީ،" ވާހިދު ވިދާޅުވި އެވެ.

"ރަނގަޅު އާމްދަނީއެއް ލިބޭނެ. ވަރަށް ގިނަ ތަފާތު ޖޮބް އެބަ ހުރި."

މިއަދު އެންސިސް އަށް އަނެއްކާވެސް އެވަނީ، ވާހިދު ވިދާޅުވި ގޮތަަށް، މަސްވެރިކަމުގެ ދާއިރާ އިން ބޮޑު ފިޔަވަޅެއް އެޅިފަ އެވެ. ކުންފުނީގެ މާޒީއަށް ބަލާއިރު ދައްކައިދީފައި ވަނީ ތަަރައްގީ އެވެ. އުފެއްދުންތައް އިތުރުކުރަމުން އަންނަ ތަނެވެ.

"އެންސިސް ފެކްޓަރީ ވަރަށް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރެވެނީ،" ވާހިދު ވިދާޅުވި އެވެ.

"އެންސިސް އިން މިހާތަނަށް ތަފާތުވާ [ސަބަބަކީ] އެފިސެންސީ. އަހަރެމެންގެ އެފިސެންސީ ޑިވެލޮޕްކޮށްފައި އޮތީ ތަފާތު މާކެޓްތަކަށް."

އެކަން އާ ފެކްޓަރީއާ އެކު އަނެއްކާވެސް ވާނީ ފުޅަލެވެ.

10 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ވޯލް

27 November 2019

‫އެންސިސްއިން ދިވެހި މުވައްޒަފުންނަށް ފުރުސަތު ދޭކަމަށް ވަންޏާ އަޅުގަޑު ތިޔަ ކުންފުނީގެ އައުޓްލެޓް ތަކުންނޫނީ ވިޔަފާރިއެއް ނުކުރާނަން. ތައިލެންޑް އިން ބަންދުކޮށްގެން ގެންނަ މަސްދަޅަށްވުރެ 100% ލޯކަލް ޕްރޮޑަކްޓަކަށް ހުރިހާ ދިވެހިންވެސް އިސްކަން ދިނުމަށް ގޮވާލަން.

The name is already taken The name is available. Register?

ސައި

26 November 2019

ފެކުޓަރީގެ ވަޒީފާ ހޯދަން ކިހިނެތް ހަދާނީ އަދި 2 ނުވަތަ 3 4 ގަޑިއިރު މަސައްކަތް ކުރީ މަ މުސާރަ ކިހާވަރެއްބާ ލިބޭނީ

The name is already taken The name is available. Register?

ނައިފަރޭ

26 November 2019

ޅ. އަތުޅު މަސްފެކްޓަރީ ފެލިވަރު ކާރުޚަނާ 40 ވަރަކަށް އަހަރުވާއިރު ކުރިއެރުމެއްނުލިބޭ. މިތަނާމެދު ކަރުނައަޅަން. މަރުހަބާ އެންސިސް

The name is already taken The name is available. Register?

އަލީ އައްބާބުވާ

26 November 2019

ނިކަން ވިސްނާލާ ހުޅުމާލޭގަ ގޯޅިގަނޑެއްގެތެރޭ އެހެރީ މާސިންގާ މަސްފެކްޓަރީއެއް އަޅާފަ. ސަރުކާރުން އައްޑޫގަ ތީގެ ކުޑަ ފެކްޓަރީއެއް އަޅަން ކަމުދާ ބިންކޮޅެއް ފެނޭތޯ 5 އަހަރުވަންދެން ސާވޭކޮށްފަ އަނެއްދައުރުގަ ދިރާސާއިން ދެއްކީ ވަކިރަށެއް ހިއްކައިގެންނޫނީ އެޅެންނެތްކަމަށް. މިހާރު ފަޅުހަލާކުކޮށްގެން މާސިންގާ ރަށެއް ހިއްކައިގެން ކަނެއްގަ ކުޑަވަރެއްގެ ހެނގަރެއް ހަދާފަ އެބަހުރި. އަދިވެސް ނިމޭނެދުވަހެއް ނޭނގެ.

The name is already taken The name is available. Register?

ރަދީފް

26 November 2019

''ސަރުކާރުން އައްޑޫގަ ތީގެ ކުޑަ ފެކްޓަރީއެއް އަޅަން ކަމުދާ ބިންކޮޅެއް ފެނޭތޯ 5 އަހަރުވަންދެން ސާވޭކޮށްފަ އަނެއްދައުރުގަ ދިރާސާއިން ދެއްކީ ވަކިރަށެއް ހިއްކައިގެންނޫނީ އެޅެންނެތްކަމަށް.''ނޫން.އައްޑޫ ސިޓީ ކައުންސިލުން ބިން ހަމަޖައްސައި ނުދިނީ އޭރުގެ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން.އަސްލު ތިބުނި ފެކްޓަރީ އެއީ ހިތަދޫގަ އަޅަން ނިންމާފަ ހުރިތަނެއް.ސޯބެމެން މޮޅުކުރަން ކަންކުރީމަ ހުރިހާ ދެރައެއް ލިބުނީ ހިތަދޫ ރައްޔަތުންނަށް.ދެން ހިނގާ ދޯ އަތްޖަހާލަން.

The name is already taken The name is available. Register?

ޙިމްސާ

26 November 2019

ބޭރު ޗީޕް ލެބަރ ކޮސްްޓް އަށް ކުންފުނިތަކުން ބަލަނީ.

The name is already taken The name is available. Register?

ކެޔޮޅުދޮންބެ

26 November 2019

ޔާމީން ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ޒަމީރުގެ އެއްވެސް ޙިއްސާ އެއް އޮވޭތޯ ތިތާނގަ؟

The name is already taken The name is available. Register?

ކެޔޮޅުތުއްތުބޭ

26 November 2019

ޒަމީރަށް ކޮން ހިއްސާއެއް ވެވޭނީ އޭނަ އަތުން ލާރިނަގާ ޔާމީން އޭނަ ދަރުވާލީމަ ޒަމީރުގެ މަސް ގަންނަ ވިޔަފާރިވެސް އޭނަގެ މާލޭގަ ހުރި ބިމެއްވެސް ގަތީ އެންސިސް މީހުން.

The name is already taken The name is available. Register?

ރަބަރު

26 November 2019

އެންސިސްއަށް އިތުރު ކާމިޔާބީ އަށް އެދެން. އުފެއްދުންތެރިކަމަކީ ގައުމުގެ އިގްތިސާދު ރަނގަޅުވެ ކުރިއަރާނެކަމެއް.

The name is already taken The name is available. Register?

ރަދީފް

26 November 2019

ސާބަހޭ އެންސިސް.މަރުހަބާ ވާހިދު،ސައީދު އަދި ވަސީމް.މި ތިން ބޭފުޅުންނާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ސާސްކަފުގެ ކުރިން ލިބުނު.ވަރަށް ބިނާކުރުވަނިވި ހިޔާލުގެ 3 ބޭފުޅުންކަމުގަ ބުނަންޖެހޭ.އެންސިސް އެއީ ހުވަދު އަތޮޅު މީހުންގެ ފަހުރެއް.ގުޑް ލަކް އެންސިސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454