ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުތަކުންގެ ފޯމު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ނޮވެމްބަރ 2019 - 13:27
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ.
އެ ހުކުމަށް ފަހު ޔާމީން އެންމެ ފުރަތަމަ ގެންދިޔައީ މާލެ ޖަލަށެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް ނިންމުމަށް ފަހު، ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޔާމީން މާލެ ޖަލުގައި ބަހައްޓާފައި ހުރީ ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހަދަން ކަމަށް ވިޔަސް އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވަނީ މާލެ ޖަލު ކައިރިއަށް އެއްވެ އަޑު ވެސް އުފުލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔާމީން ހުންނެވީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގަ އެވެ. އެއީ މާލެ ޖަލުގައި ހުންނަ އެންމެ އުނދަގޫ ގޮޅި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ފާހަނާ ތަށި ފްލަޝް ނުކުރެވޭ އިރު، ޔާމީން އޮށޯވެގެން އޮންނަވަނީ ހަމަ އިސްކޮޅު ނުލިބޭ ތަނެއްގައި ކަމަށް އެމީހުން ބުނެ އެވެ.
ޔާމީން މާފުށީ ޖަލަށް ބަދަލު ކުރަނީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހައްދަވައި ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފޫ
01 December 2019
އެބޭފުޅާއަށް ހީވީ މަކަރާ ޖަހައިގެން ދުނިޔެ ކާލެވޭނޭ. ދެރަ މިއަދު މިވީގޮތް. އަސްލު އިސްލާމް ދީނަށް އުޅުންނަމަ އެހެން ނުވީސްކަން ޔަގީން.
ހޫރޭ
01 December 2019
މި ޓެސްޓް ތަކުން ވައްކަން ކުރިކަން ސާބިތު ވޭތޯ? އަދުރޭ އެބަބުނޭ ރާއްޖޭގައި އެފަދަ ޓެސްޓް ހެދޭކަށް ނެތޭ .
ބޮޑުމީހާ
01 December 2019
މިފެންނަ ކަންތައްތަކަކީ ސިޔާސީ ދާއިރާގައި އުޅޭ މީހުން އިބްރަތް ހާސިލްކުރާނެ ކަންތައްތަކެއް ކަމަށް ހީކުރަން. މިއަދު ބާރު އޮތީތީވެ ނާއިންސާފާއި، ނުހައްގުން ރައްޔިތުންގެ މުދަލާއި ފައިސާގައި ޖެހިފައި މާދަމާ ސަލާމަތުން ހުރެދާނެކަމަށް ގަބޫލުކޮށްގެންނުވާނެ. އިބޫވެސް ވިސްނަން އެބަޖެހޭ ބަދަލުތައް ތިމަންނަ މިދެނީ އެންމެ ރަގަޅަށްތޯ
ކުރުކޮށް
01 December 2019
އަލްހަމްދު ލިﷲ
އަބްދުއްالله
01 December 2019
އެ ސޮރަށް ހޫނުފެން ލިބޭތަ؟
ނެޑް
01 December 2019
ސާބާސް ޔާމީން. ހުރިހާ ޓެސްޓަކުން ފާސްވި. މުޅިން އޭ ސްޓަރ
ވަގު ކަދުރު
30 November 2019
އަލްޙަމްދު ﷲ. ﷲ އަކްބަރް . ޤަޢުމަށް ދިރުންލިބި ތިމާވެށި ފެހިވެއްޖެ. އަލްޙަމްދުﷲ.
ހަނުހުންނަ މީހާ1
30 November 2019
މީހަކު ޖަލަށްލުމަކީ އުފާކުރާކަމެއްނޫން އެކަމަކު ޖަލުގައި އުޅުމުގެ އުދަގޫކަން ރައީސްޔާމީނަށް އިހުސާސް ކުރެވި އެހެންމީހުންގެ މައްޗަށް ރަހުމާއި ހަމްދަރުދީ އުފެދިއްޖެޔާ އުފާކުރާނަން
މޯޑޭ
30 November 2019
މިއަދު ޖަލު ފޭރާމުގަ ނިކަމެތި ކަމުގަ. އެދުވަހު އާރާބާރުގަ ރަށްއިތުންނަށް އަނިޔާވެރިވުމުގެ ނަތީޖާ.
ކާމިނީގޭ ތައުރީފު
30 November 2019
ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ. އޯގާވުމެއްނެތި ދޫތަކާއަތް ބަންދު ކޮއްލިޔަކަސް. ތަގުދީރުގާ ތިގޮތައް އަތުން ހިފެހެއްޓިދާނޭތޯ. ބަލާއޭ ގައުމައް މެދުވެރިވީ ނުފޫޒާ ބާރާ ހިންގައިގެން. އަދާވާތްތެރިވި މީހުންތާ ކުށެއްނެތި ޖަލުގާ ބަންދުކުރީ.