ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޑިސެމްބަރ 2019 - 21:55
ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓު ސާވިސް ޗާޖް ނެގުން ހުއްޓާލައި އާ ޓެކުހެއް ތައާރަފް ކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދެވެ. ބިލް ހުށަހެޅި އެއް މަގްސަދުގެ ގޮތުގައި ބުނެފައި ވަނީ އެއާޕޯޓް ސާވިސް ޗާޖުގެ ނަމުގައި ފީ ނެގުން ހުއްޓާލައި، ޑިޕާޗަ ޓެކްސްގެ ނަމުގައި ޓެކުހެއް ނެގުމަށެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުންގެ އަތުން ފީގެ ގޮތުގައި ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ރޭޓްތައް ފަސެންޖަރުން ދަތުރު ކުރާ ކްލާހަށް ބިނާކޮށް ކަނޑައެޅުމަކީ ވެސް މި ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން މިހާރު 12 ޑޮލަރު ނަގާ އިރު، ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ. އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ވެސް ދިވެހިންގެ އަތުން 12 ޑޮލަރު، އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެހެންވެ، ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގަ އެވެ.
އެކަމަކު، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލްގައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އަދި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ޑިޕާޗަ ޓެކްސްގެ ނަމުގައި ޓެކުހެއް ނަގަން ބިލްގައި ވަނީ ހިމަނައިފަ އެވެ.
- އިކޮނޮމީ ކްލާހުން ނަމަ، ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 25 ޑޮލަރު.
- ބިޒްނަސް ކްލާހުން ނަމަ، ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.
- ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
- ޕްރައިވެޓް ޖެޓް ނަމަ، ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
ބިލްގައިވާ ގޮތުން ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށް ބިލްގައިވެ އެވެ. ބިލްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީއެއް ނަގާނެ އެވެ.
އެގޮތުން އަންނަ އަހަރުގެ މާޗު 31 އާ ހަމައަށް ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 24 ޑޮލަރު ނަގާނެ އެވެ. އަދި އޭޕްރީލް މަހުން ފެށިގެން ޑިޕާޗާ ޓެކްސް ނަގާ އުސޫލާ އެއްގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުން އަތުން ފީ ނަގަން ވާނެ ކަމަށް ބިލްގައިވެ އެވެ.
ބިލުގައިވާ ގޮތުން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި ކަނޑައެޅިފައިވާ ތާރީހުގައި އެ ފީތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
އޭގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގައި ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮންގޯ
09 December 2019
މަގޭ ސުވާލަކީ ތިހާ ލާރި ނަގަން ވޯތްހޭ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް؟! ފާއިތުވި 2އަހަރު އޭޑީސީއިން ޓިކެޓް އަގުބޮޑުވުން ނޫންކަމެއް ނުވި! ޕެސެންޖަރުންނަށް ރަނގަޅު ހިދްމަތެއްދީފައި ޓެކްސްއެއް ނަގަން މަޑުކޮށްލާ!
ޟާމް
09 December 2019
ޙުރިހާ ގޮތަކުން ޓެކްސް.ދުނިޔެއްށް ނޭވާލާތީ ޓެކްސް. ޕާޓީ ކުދިންނަށް ލާރި.. ކޮމެޓީ ތަކަށް ލާޜި. ބޮޑު މުޞީބާތެއް މިއޮތީ ޖެހިފައ.
އޮނަރަބްލް އަފީފު ދީދީ
08 December 2019
ހުޅުލޭއެއަރޕޯޓަކީ ދައުލަތުން 3 ބިލިޔަންޑޮލަރު ދަރަންޏަށް ނަގައިގެން ހަދަމުންދާތަނެއް ކަމުގައިވާތީ ތިރަށްގަނޑުގެ އެއަރޕޯޓުން ތިއަގު ނެގުމަކީ ގޯސްގޮތެއްނޫން. # އެހެން ނަމަވެސް "ދެވަނަ ދަރިންގެ ގޮތުގައި ނުވަތަ ދޮންދަރިންގެ މަޤާމްގައިއޮތް" ހަނިމާދޫ އަދި ގޭންއެއަރޕޯޓުން ޔިއަގުތަށް ނަގައިގެން ނުވާނެ. # މިއީ ލާމަރުކަޒީނިޒާމާއި ގެސްޓްހައުސްސިޔާސަތާއި ދިމާއިދިކޮޅު ގޯސްނިންމުމެއް. ހަނިމާދޫ، ގޭން ފީތަކާއިޓެކްސްއަގުހެޔޮކޮށް ބޯޓްތަކަށް ފުރުސަތުހުޅުވާލާ.
ސާބަސް2023
08 December 2019
އެއަރޕޯޓު އިން ދެވޭ އެއްވެސް ހިދުމަތަކަށް ބަދަލެއް ނައިސް ތިހާބައިވަރު ލާރި ނެގީމަ ކޮންތާކު ޖެހެނީ. ފުރަތަމަ ހިދުމަތް ރަގަނޅު ކުރޭ!
ބޯހަލާކުމީހާ
08 December 2019
ނަގާވަރު މަދުވެގެންތަ އަދިވެސް ކަން ކަން ނުވެގެން މިއުޅެނީ
ޑުޓާޓެ
08 December 2019
އަނެއްކާ ވިއްކާ ލާނި އެއް ނޫން އަފިރިންގެ އެއާޕޯޓް
ދޮންހިޔަލަ
08 December 2019
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފަ ތިބޭ މީހުންނަނީ ފަސްޓް ކްލާސްއާ ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުން. ކޮބާތަ އިންސާފު؟ މުއްސަނދިންނަށް މޮޅު ގޮތް. ނިކަމެތި މީހާ ފެލުންކަމަކީ. މަޖިޅިހުގައި ތިބީ ހަމަ ގަމާރުން.
މީރާޓެކްސްގެ
08 December 2019
އަހަރެމެން ނޭވާ ލާތީ ނުނަގާނަންތޯ ޓެކުހެއް
މަރަދޫމީހާ
08 December 2019
ތާކުން ތާކު ނުޖެހޭ ޓެކުސް ނަގައިގެން ރައްޔތުންހަނާ އެބަކުރައެއްނޫން........ކޮބާހޭ ތިޓެކުސް ނާގަތާ މިހާރު 10 އަހަރުވެއްޖެއް ސާފުބޯފެނެއް ނުލިބޭ...ނަރުދަމާ ނިޒާމެއް ނެތް....އެކަމަކު ތިމަޖިލީހުގެ ތިބި އިއްޒައްތެރިން ޖީބު ފުރިގެން ބަންޑުންވެއްޖެ...ފެންފައިވާނެއް އެރިމީހުން ރީފު ފައިވާނެއް ބަދަލުވެއްޖެއް މިހެންގޮސް ކިޔާނެ ކަމެއްނެތް އަދިވެސް ރައްޔިތުމީހާގެ ވައުދު އޮތީ ކޮންތާކު ކަމެއްވެސް ނޭގެ!!!!
ބީގީ
08 December 2019
މުޅިގައުމު ފުޑާލާފި
ދަގަނޑުދަހަނާ
08 December 2019
ފުނޑާލުމަށް މިކަންވަނީ ކިހިނެއް؟