ކުޅިވަރު

ޔޫވީ އަށް ބޮޑު ޒިންމާއެއް އެބައޮތް: މުހައްމަދު އާދަމް

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް.-- ފޮޓޯ: އެފްއޭއެމް

17 ޑިސެމްބަރ 2019 - 09:58

ދިރާގު ދިވެހި ޕްރިމިއާ ލީގުން ވިކްޓްރީ ސަސްޕެންޑްވުމުން މި މުބާރާތުގައި ކުޅޭ އެންމެ ދޮށީ ކްލަބެއްގެ ގޮތުގައި އޮތީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކަމަށާއި އެއާ އެކު ޒިންމާއެއް ވެސް އޮންނާނެ ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

މި ސީޒަނުގައި ފުރަތަމަ ވިކްޓްރީ ކޯޗުކަމާ ހަވާލުވި މުހައްމަދު އެ ޓީމުން އިސްތިއުފާދިނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ދެ މަހެއްހާ ދުވަސް ފަހުން މުހައްމަދު، ޔޫވީގެ ކޯޗުކަމާ ހަވާލުވިއިރު ޝަރުތަކީ ވިކްޓްރީގައި ކުރަން ޖެހުނު ހިތި ތަޖުރިބާ ތަކުރާރުނުވުމެވެ. ވިކްޓްރީން މުހައްމަދު އިސްތިއުފާ ދިނީ އެ ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ފާހަގަވެ ކުރިއަށްދެވޭނެ އިތުރު އެއްވެސް ގޮތެއް ނުފެނިގެންނެވެ.

ވިކްޓްރީން ޒުވާން ޓީމަކާ އެކު ނުކުމެ ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުހިފީ ޕްލޭނެއް އޮތް ކަމަށް ބުނެ އެވެ. މުހައްމަދު ބުނީ ޕްލޭނެއް އޮތް ކަމަށާއި އެކަމަކު އޭގެ އަށް އަމަލުކުރެވޭނެ ގޮތެއް މެނޭޖްމަންޓަށް ނުހޯދުނު ކަމަށާއި ވިކްޓްރީ ކޯޗުކަމުން އިސްތިއުފާދިނީ އެކަން ކުރަން އެންގިތާ ތިން މަސް ދުވަސް ފަހުން ކަމަށެވެ.

"އެންމެ ރަނގަޅު ޒުވާން ޓީމެއް އޭރު ނެގެން އޮންނާނީ ވިކްޓްރީގައި. އޭރު ވިކްޓްރީގެ ޓާގެޓަކަށް އޮތީ މި އަހަރެއް ނޫން. އަޅުގަނޑާ ވާހަކަ ދެއްކިއިރު މި އަހަރު ލީގުގައި އޮވެފައި. އެ މީހުން މީގެ ދެ އަހަރު ފަހުން ވިކްޓްރީ އަށް 50 އަހަރު ފުރޭއިރު ލީގަށް ވާދަކުރަން. ތަށްޓަށް ހިފާ އަހަރަށް ހަދަން. އޭތި އެ ގޮތަށް މެއިންޓެއިން ނުކުރެވުނީމަ އަޅުގަނޑު ދޫކޮށްލީ،" މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މަޝްވަރާތަކަށް ފަހު ޔޫވީއާ ހަވާލުވާން ނިންމީ ދިން ޔަގީންކަމެއްގެ ބޮޑުކަމުން ކަމަށާއި ޔޫވީން ދިން ޓާގެޓާ އެކު މިހާރު ޒިންމާއެއް ވެސް އެބައޮތް ކަމަށެވެ.

"(ޔޫވީއާ) ހަވާލުވިއިރު އަޅުގަނޑު ބުނީ ރާއްޖޭގެ ކްލަބެއްގައި ހުރެފައި އައިސް އަޅުގަނޑު ކުރި އެކްސްޕީރިއަންސް ތަކުރާރުކުރަން ނެތީމޭ. ޓާގެޓެއް ދިން އަޅުގަނޑަށް ހަވާލުުކުރިއިރު. އެ އަށް ވުރެ ބޮޑަށް ވިކްޓްރީ ސަސްޕެންޑްކުރީމަ މިއީ (ޔޫވީ އަކީ) މި ވަގުތު ލީގުގައި ކުޅޭ އެންމެ ދޮށީ ކްލަބް. އެހެންވީމަ އެ ގޮތުން ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. ކުރިން ވިކްޓްރީ އޮތް ހާލަތުން އެ ކްލަބް ދޮށި ކަމުގައި ވިޔަސް އެ މެއިންޓެއިން ކުރުން އޭރު އޮތް ކަމަކީ. ޔޫވީ ގައި މެނޭޖްމަންޓް ވަރަށް ރަނގަޅު، މުސާރަނުދޭ ކުޅުންތެރިޔަކު ވެސް ނެތް. ކުޅުންތެރިން ވެސް ވަރަށް ބަރާބަރު. މި ގޮތުގައި ކުރިއަށް ދިއުމަކީ ޒިންމާއެއް،" މުހައްމަދު ބުންޏެވެ.

ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅުމުގެ އިތުރުން އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގައި އަދި އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރި މުހައްމަދު ބުނީ ޔޫވީގައި ހުރިހާ ކަމެއް ފުރިހަމަކޮށް އޮވެ ނަތީޖާ ނެރެވެންޖެހޭނެ ކަމަށާއި އެކަން ކުރުމުގައި ދެކޭނީ ރަނގަޅު ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ.

"ދެން އަޅުގަނޑަށް ނަތީޖާ ނުނެރެވިއްޖެކަމަށްވަންޏާ އެ އަޅުގަނޑުވެސް ގަބޫލުކުރަން ޖެހޭ ކުރީގެ ކޯޗު ޔޫވީ ދޫކުރިހެން އަޅުގަނޑަށް ވެސް މި ކަން ނުކުރެވެނީކަން،" ސްރީ ލަންކާގެ ކްލަބަކަށް ވެސް ކުރިން ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.

ޔޫވީއާ ހަވާލުވެ، މިހާތަނަށް ކުރެވުނު 31 ޕްރެކްޓިހާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް އެހާ ގިނަ ދުވަހަށް ފަހު ވާދަވެރި މެޗަކަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ. އަދި ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ޕްރެކްޓިސް ކުރަނީ މާޒިޔާ އާއި އާއި ޔޫވީ ކަމަށްވާއިރު، ދެން އޮތް ކްލަބްތައް އެ ގޮތަށް އޮތުމުގެ ސަަބަބުން ލީގުގެ ފެންވަރު ދަށްވާނެ ކަމަށް މުހައްމަދު ގަބޫލުކުރެ އެވެ.

މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ. މުހައްމަދު ބުނީ އަމާޒަކީ މޮޅަކުން ފެށުން ކަމަށެވެ.

"ގަބޫލެއް ނުކުރެވޭ ޔުނައިޓެޑް ވިކްޓްރީ އަށް ބަލިނުކުރެވޭނެ ޓީމެކޭ ފޯކައިދޫ އަކީ. އެންމެ ފަހުން ޔޫވީ މި އޮތީ ފޯކައިދޫ އަތުން 2-1 އިން ބަލިވެފައި. އިރާދަކުރެއްވިއްޔާ އޭގެ ރިވެންޖް ނަގާނަން،" މުހައްމަދު ބުންޏެވެ.

ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ޔޫވީ ލީގުގެ ހަތް ވަނައިގައި އޮތްއިރު، ފޯކައިދޫ އޮތީ 11 މެޗުން 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ޔޫވީ އާއި ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިއަދު 3:50 ގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454