ކުޅިވަރު / ގައުމީ ވޮލީ މުބާރާތް

ހުރިހާ މެޗަކުން މޮޅުވެ ޕޮލިހުން ގައުމީ ތަށި ދިފާއުކޮށްފި

ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފައިނަލުގައި ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތަށި ޕޮލިސް ކްލަބުން ދިފާއުކޮށްފި އެވެ.

ރޭގެ ފައިނަލް މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 27-25، 25-19 އަދި 25-18 އިންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޕޮލިހުން މޮޅުވީ ފޮނަދޫ މެދު އަވަށު ކްލަބް އަތުން 3-2 ސެޓުންނެވެ. އޭގެ ކުރިން ދެ ފަހަރުގެ ފައިނަލުން ވީ ބައްޔެވެ.

މި ފަަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގެ ކުރިން ޕޮލިހުން ވަނީ ވެމްކޯ އަތުން ދެ ފަހަރެއްގެ މަތިން މޮޅުވެފަ އެވެ. ލީގު ބުރުގައި 3-1 ސެޓުން މޮޅުވިއިރު، ފުރަތަމަ ސެމީގައި ވެމްކޯގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އެ ދެ މެޗުގައި ދެއްކި ކުޅުމަށް ވުރެން ވަރުގަދަ ކުޅުމަކާ އެކު ވެމްކޯ އިން ރޭގެ ފައިނަލް ފަށައި ޕޮލިހަށް ފުރަތަމަ ސެޓުގައި ރަނގަޅު ފައިޓެއް ދިނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ބޮޑުބައިގައި ލީޑުގައި އޮތީ ވެމްކޯ އެވެ. ވެމްކޯ އަށް ކުޅޭ ތައިލެންޑް ކުޅުންތެރިޔާ ސިދާތާ އާއި އެ ޓީމުގެ އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިމިނަތު އަރީޝާ (އަރީ) އަދި މަރިޔަމް އަޒީފާ (އައްޒަ)ގެ މޮޅު ކުޅުމާ އެކު މި ސެޓުގެ ކުރީކޮޅުގައި އެ ޓީމުން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ.

ޕޮލިހުގެ ދެ ކުޅުންތެރިން ކައިރިން ވެމްކޯގެ އަރީ (މ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވެމްކޯ ކުރީގައި އޮތުމުން ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ރަނގަޅު ވަގުތުގައި ޓައިމްއައުޓް ނަގަމުން ޓީމު ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުންދިޔަ އެވެ. ނަތީޖާ އަކަށްވީ ސެޓުގެ މުހިއްމު ހިސާބުގައި ޕޮލިހުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި ސެޓަރު ޖޫޒާން ޒަރީރުގެ އިތުރުން ނޭޕާލުގެ ކުޅުންތެރިޔާ ޕްރަތީބާ މާލީ ފޯމަކަށް އެޅި ރަނގަޅަށް ކުޅެން ފެށުމެވެ. ޕޮލިހަށް ފުރަތަމަ ސެޓުގައި ލީޑު ލިބުނީ 25-24 އިންނެވެ. ވެމްކޯ އިން ފަހުން އަނެއްކާ ވެސް އެއްވަރުކުރި ނަމަވެސް ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ސެޓު 27-25 އިން ގެންގޮސް އިތުބާރު ހޯދައިފަ އެވެ.

ވާދަވެރި ގޮތަކަށް ގޮސް ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ވެމްކޯ އިން ދެ ވަނަ ސެޓާ ކުރިމަތިލީ ވެސް ރަނގަޅު ރޫހެއްގަ އެވެ. ދެ ފަހަރެއްގެ މަތިން 9-9 އާއި 13-13 އިން ދެ ވަނަ ސެޓުގައި އެއްވަރުވިއިރު، އޭގެ ފަހުން ޕޮލިހުން ކޮންޓްރޯލް ނެގި އެވެ. ސެޓަރު ޖޫޒާން ތަފާތު ދައްކައި ތަނަވަސްކޮށްދޭ ފުރުސަތުތަކުގައި ޕްރަތީބާ އާއި ހައްވަގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން ވެސް ޕޮއިންޓްތައް ހޯދައި މި ސެޓް 25-19 އިން ގެންގޮސްދިނެވެ.

ރޭގެ މެޗުގެ ތެރެއިން ޕޮލިހުގެ ޝަހާ (ކ) އާއި ޖޫޒާން އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތިން ވަނަ ސެޓު ވެސް ދިޔައީ ދެ ވަނަ ސެޓާ އެއްގޮތަށެވެ. ސެޓުގެ ކުރީކޮޅުގައި އެއްވަރުގެ ކުޅުމެއް ދެ ޓީމުން ފެނުނުއިރު ވެމްކޯގެ ސިދާތާ ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ވަކި ހިސާބަކުން ވެމްކޯ އަށް ޑިފެންސް ކުރުމުގައި ގިނަ ގޯސްތަކެއް ހެދުނުއިރު އެ ޓީމުން ޓައިމްއައުޓް ނެގި ނަމަވެސް ޓީމު ހަމަޔަކަށް އަޅުވަން އުނދަގޫތަކެއް ދިމާވި އެވެ. ނަތީޖާ އަކަށްވީ ޕޮލިހުން ރަނގަޅު ފޯމެއްގައި ކުޅެ 25-18 އިން ސެޓު ގެންގޮސް މެޗު ކާމިޔާބު ކުރުމެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕްރަތީބާ އެވެ. ޕްރަތިބާ ވަނީ މީގެ ކުރިން ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާ އެކު ވެސް މި މުބާރާތުގެ ތަށި ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިހުގެ ހައްވަގެ އިތުރުން އެ ޓީމުގެ ހައްވާ ސަހާ އާއި ޖޫޒާން އާއި ނުހާ ވަހީދުގެ އިތުރުން ވެމްކޯގެ އަރީ އާއި އައްޒަ އާއި އައިމިނަތު ރިޔާޝާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޕޮލިހުގެ ޝަހާ އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ ކޯޗު ފައްލޯ އެވެ. ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޮލިސް

22 December 2019

ގައުމީޓީމު އެންކޮން ލައިގެން ތިކަން ވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454