22 ޑިސެމްބަރ 2019 - 08:48
ދޯހާ (ޑިސެމްބަރު 22) – ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭ ރޮބާޓޯ ފިރްމީނިއޯ ޖެހި ލަނޑާ އެކު ބްރެޒިލްގެ ފްލަމެންގޯ 1-0 އިން އިންގްލެންޑުގެ ލިވަޕޫލުން ފީފާ ކްލަބް ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ރޭ ކާމިޔާބުކޮށްފި އެވެ.
މިއީ ޔޫރަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މުބާރާތުގައި ވާދަކުރާ ލިވަޕޫލުން މި އަހަރުގެ ތެރޭ އުފުލާލި ބައިނަލްއަގްވާމީ ތިން ވަނަ ތަށްޓެވެ. އަނެއް ދެ ތަށްޓަކީ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕެވެ.
ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލަށް ރަނގަޅު ތިން ފުރުސަތު ލިބި ބޭކާރުވި އެވެ. ފަހުން ފްލަމެންގޯ މެޗުގެ ތެރެއަށް ވަދެ ހަމަޖެހިލި ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލުން އަނެއްކާ ވެސް ނުރައްކާކުރި އެވެ. ފިރްމީނީއޯގެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއިރު މުހައްމަދު ސަލާހުގެ ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މި ހާފް ވެސް ކުރިއަށް ދިޔަވަރަކަށް ފްލަމެންގޯ އިން މެޗުގެ ތެރެއަށް ވަދެ ހަމަލާތައް ވަރުގަދަކުރި އެވެ. އެގޮތުން އިންޓަ މިލާނުގެ ކުރީގެ ފޯވާޑް ގަބިގޯލް ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ތެރޭ ފްލަމްނެގޯގެ ރަފީނާގެ ފައުލަކަށް ލިވަޕޫލުގެ ސަޑިއޯ މާނޭ ވެއްޓުމުން ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ފިރްމީނިއޯ ބްރެޒިލަށް ކުރި ހޯދައިދިނީ ނުވަ ވަނަ މިނެޓުގަ އެވެ. ފިރްމީނިއޯ އަކީ ސެމީ ފައިނަލުން މެކްސިކޯގެ މޮންޓަރޭ އަތުން ލިވަޕޫލް މޮޅުކޮށްދޭން ފަހު މިނެޓުގައި ގޯލް ޖެހި ފޯވާޑެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ރޭގެ މެޗަށް ފަހު ބުނީ ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ލިބުމުން ކުރެވެނީ އާދަޔާހިލާފު އިހުސާސެއް ކަމަށާއި ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށެވެ.
މުބާރާތުގެ ފައިނަލުން 2005 ގައި ބަލިވި ލިވަޕޫލަކީ މި މުބާރާތް ކާމިޔާބުކުރި އިނގިރޭސި ދެ ވަނަ ޓީމެވެ. އަނެއް ޓީމަކީ 2008 ގައި ތަށި ހޯދި މެންޗެސްޓާ ޔުނައިޓެޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
22 December 2019
މަރުހަބާ ލިވަޕޫލް. އަހަރެން ހީކުރީ 5 ލަނޑުވަރު ޖަހާލާނެކަމަށް. ލިވަޕޫލުން ވަރަށް ކައްޕަޅި ކުޅުމެއް ކުޅުނީ. މިހެން ބުނާއިރަށް މިތާގައި އުޅޭ ލިވަޕޫލް ސަޕޯރޓަރުން ހޮރުން ނިކުންނާނެކަން އިނގޭ. އެކަމަކު ތިމާ ސަޕޯރޓްުރާ ޓީމް ދަށް ކުޅުމެއް ކުޅުނުކަން ޤަބޫލުކުރުމަކީ ހަގީގީ ސަޕޯރޓަރުންގެ އުސޫލު.
ރަދީފް
22 December 2019
މަރުހަބާ ޔޫރަޕްގެ ޗެމްޕިއަން ، މަރުހަބާ ދުނިޔޭގެ ޗެމްޕިއަން ، މަރުހަބާ ބީޕީއެލް 2019/2020 ގެ އޮބްވިއަސް ޗެމްޕިއަން ލިވަޕޫލް.ދިވެހި ހުރިހާ ލިވަޕޫލް ފޭނުންނަށް މަރުހަބާ ކިޔަން. (އާސެނަލް ފޭން) ވ.ވެދުން
މެސީ
22 December 2019
އާރސެނަލް ފޭން؟ ޔުވެންޓަސް ނޫންތަ؟
ހަނުހުންނަ މީހާ1
22 December 2019
ލިވަރޕޫލް މަރުހަބާ
އެންޓިޒް
22 December 2019
ފިރްމީނޯ ބްރެޒިލަށްތަ ކުރިހޯދައިދިނީ ނުވަތަ ލިވަޕޫލަށްތަ؟