ކުޅިވަރު / މިހާރު އެވޯޑްސް 2019

މިހާރު އެވޯޑްސް: މެއިން ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް

22 ޑިސެމްބަރ 2019 - 18:42

1 comments

ރާއްޖޭގެ ކުޅިވަރުގައި ދެވޭ އެންމެ ޝަރަފްވެރި އަދި އެންމެ ބޮޑު އެވޯޑްސް ކަމަށްވާ މިހާރު އެވޯޑްސްގެ މި އަހަރުގެ އިވެންޓުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެން ގުޅި، "މިހާރު" އާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އަހަރުގެ އެވޯޑް ރަސްމީކޮށް ލޯންޗްކޮށް ސްޕޮންސަރުންނާ އެކު ސޮއިކުރީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިހާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިޓަރު މޫސާ ލަތީފެވެ.

މިހާރުގެ އެޑިޓަރު މޫސާ ލަތީފް (ވ) އާއި އެލައިޑުގެ ޑެޕިއުޓީ މާކެޓިން މެނޭޖަރު އައިޝަތު ސުދާ އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ހިދުމަތްދޭ އެންމެ ބޮޑު އެއް މުވާސަލަތީ ކުންފުނި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް ބްރޭންޑްސް އެންޑް ސޭލްސް ހުސެއިން ނިޔާޒެވެ. އިންޝުއަރެންސްގެ ހިދުމަތުގެ ރާއްޖޭގެ އެއް ވަނަ އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މާކެޓިން މެނޭޖަރު އައިޝަތު ސުދާ އެވެ.

އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. އެވޯޑްސްގެ ޓްރޮފީ ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. ތިންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ އޮފް އޮޕަރޭޝަންސް އަހުމަދު ނީރައިން ޖަލީލެވެ.

މިހާރުގެ އެޑިޓަރު މޫސާ ލަތީފް (ވ) އާއި އުރީދޫގެ ޑިރެކްޓަ އޮފް ބްރޭންޑްސް އެންޑް ސޭލްސް ހުސެއިން ނިޔާޒް އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީޑިއާ ޕާޓްރަނަކީ މިދިޔަ ދެ އަހަރު އެވޯޑް ހަފުލާ ލައިވްކޮށްދީ އަދި ޓީވީ މެދުވެރިކޮށް އެވޯޑްސް ޕްރޮމޯޓްކޮށްދިން ވީޓީވީ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ހެޑް އޮފް ވީ ސްޕޯޓްސް އިސްމާއިލް ޝާހު އެވެ.

އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ޕްރިންޓް ލެބާއި ދަ ކިޗެން އާއި މެޓަލް ސައިންސް އާއި ސޮނީ ސްޕޯޓްސް އަދި ބީއެޗްއެމް އެވެ. ޕްރިންޓް ލެބްގެ ފަރާތުން ސޮއިކުރެއްވީ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އާބިދު ސައީދެވެ. މެޓަލް ސައިންސްގެ ފަރާތުން މާކެޓިން މެނޭޖަރު ލަކްމަލީ ރުވަންތީ ސޮއިކުރެއްވި އިރު، ދަ ކިޗެންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހަސަން ޝިޔާޒެވެ.

މިހާރުގެ އޮފިޝަލަކު ބުނީ ރާއްޖޭގެ ކުޅިވަރު ތަރިން އަހަރުގެ ތެރޭ ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑްސް މިހާ ފުރިހަމަކޮށް ބޭއްވުމުގެ ސިއްރަކީ ސްޕޮންސަރުން ކަމަށެވެ.

"މިފަދަ އެވޯޑެއް ދޭއިރު އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސްޕޮންސަރުންނަށް. އެ ފަރާތްތަކުގެ އެހީ ނެތި މިފަދަ ބޮޑު އެވޯޑެއް އިންތިޒާމްކުރުމަކީ، ކުރެވޭނެ ކަމެއް ނޫން. އެހެންވެ ދިވެހި ކުޅިވަރު އާއިލާގެ ނަމުގައި ސްޕޮންސަރުންނަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޮފިޝަލް ބުންޏެވެ.

މިހާރު އެވޯޑްސްގެ ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

އެވޯޑްސްގައި ޖުމްލަ 24 އެވޯޑެއް ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

މައިގަނޑު އެވޯޑްތައް އެ ހަ ކުޅިވަރުން ދިން ނަމަވެސް މި އެވޯޑްސްގައި ޖުމްލަކޮށް ރާއްޖޭގެ މުޅި ކުޅިވަރު އާއިލާ ހިމެނެ އެވެ. އެގޮތުން ކޮންމެ ކުޅިވަރަކުން ވިޔަސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ރީތި ނަމާއި ޝަރަފް ހޯދައިދިން ފަރާތްތަކަށް އެކަމުގެ އިނާމް ދެވޭނެ އެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހާއްސަ ރެކޯޑެއް ހެދި ކުޅުންތެރިޔެއްގެ އެ މަސައްކަތް ވެސް ފާހަގަކުރެވިގެންދާނެ އެވެ.

މިހާރުގެ އެޑިޓަރު މޫސާ ލަތީފް (ވ) އާއި ދަ ކިޗެންގެ ޖެނެރަލް މެނޭޖަރު ހަސަން ޝިޔާޒް އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެފްރީންނާއި ކޯޗުންނާއި އިދާރީ ހިދުމަތްތެރިންގެ ގިނަ ދުވަހު ކުރާ މަސައްކަތް ބަލައިގަނެ އެކަމުގެ އިނާމް ދެވިގެންދާނެ އެވެ. އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ، ލައިފްޓައިމް އެޗީވްމަންޓަށްދޭ ޒާހިރު ނަސީރު އެވޯޑެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ޒާހިރު ނަސީރުގެ ނަންފުޅުގައި މި އެވޯޑް ދެނީ، އެމަނިކުފާނަކީ ކުޅިވަރަށް އެންމެ ގިނަ ދުވަހު، އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރެއްވި "ދިވެހި ކުޅިވަރުގެ ބައްޕަ" ކަމަށްވާތީ އެވެ.

މި އެވޯޑްސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ވެސް ތަފާތު ހަރަކާތްތައް އަންނަނީ ރާވަމުން. އެންމެ ފާހަގަކޮށްލެވެނީ ކުޅިވަރު ތަރިންނާ އެކު ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކިޑްސް ފިއެސްޓާ އެވެ. ކައިރި ރަށްރަށުގައި ބާއްވާ މި ފިއެސްޓާގައި އެ ރަށެއްގެ ކުދިންނަށް ރާއްޖޭގެ ކުޅިވަރު ތަރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި ސްޕޮންސަރުން މެދުވެރިކޮށް އެ ރަށެއްގެ ސްކޫލާއި ޒުވާނުންގެ ޖަމިއްތާކާއި ކުޅިވަރު ޖަމިއްޔާތަކަށް އެހީތައް ފޯރުކޮށްދެ އެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން މިދިޔަ އަހަރު ތައާރަފްކުރި ޗެމްޕިއަންސް ޓޯކް އަކީ ވެސް އެވޯޑްސްގެ މުހިއްމު ބަޔެކެވެ. ކުޅިވަރުގެ ޗެމްޕިއަނެއްގެ ވާހަކަ މިއަދުގެ ޖީލުގެ ކުދިންނާ ހިއްސާކޮށް އެ ކުދިންނަށް ހިތްވަރު ދިނުމަށް ބާއްވާ މި ސިލްސިލާ މި ފަހަރު ވެސް އޮންނާނެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެދުރުބެ

22 December 2019

ތިޔަ އެވޯޑައް ބާސްކެޓް އަދި ހޭންޑް ބޯލް ހި މަނާފިޔާ އެއީ ކުޅިވަރަށާއި ކުޅިވަރުތައް ކުޅޭކުދިން ނައް ކުރާ މަލާ މާތަކައް ވެފަ ، ވަރައް ބޭއިންސާފު ކަ މަކައް ވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454