ރިޕޯޓް

އެ ދުވަސް: ގައުމީ ޚިދުމަތުގައި، ހިލޭ ސާބަހަށް އަތުކުރި އޮޅާލައިގެން

މިއީ ދުވަހު ނޫސް "ހަވީރު" ގައި، ޑިސެމްބަރު 27، 2004 ގައި ޖެހި ރިޕޯޓެކެވެ. ސުނާމީއަށް 15 އަހަރު ފުރުމާ ދިމަކޮށް މި ރިޕޯޓް ކިއުންތެރިންނާ ހަމައަށް މި ގެނެސްދެނީ، އެދުވަހު ދިވެހި ރައްޔިތުން ކުރި ބިރުވެރި ތަޖުރިބާ އަލުން ހަނދާންކޮށްލުމުގެ ގޮތުންނެވެ.

ސުނާމީގައި ރަށަކަށް އެރި ލޮނުގަނޑު ތެރޭގައި އާއިލާއެއް: މިއީ މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާ

އާދަމް ހަލީމް އަދި އަލީ ޔޫސުފް

26 ޑިސެމްބަރ 2019 - 08:41

1 comments

ފެން ކޭސްތަކާއި އެހެނިހެން ތަކެތި ކޮނޑު ޖަހާލައިގެން ލޮރީތަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. މަސައްކަތުގައި އުޅޭ މީހުންގެ ފަރާތުން ވަރުބަލިކަމެއް ނުފެނެ އެވެ. އެ އެންމެން އެތިބީ ގައުމީ މި ބޮޑު ހިތާމައިގައި އެހީ އަށް ޖެހިފައިވާ ދިވެހިންނަށް ވީހާވެސް އަވަހަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގަ އެވެ.

"އަހަރެން ނިދާކަށް ވެސް ބޭނުމެއްނުވޭ،" ޒުވާން ވޮލަންޓިޔަރަކު ބުންޏެވެ.

"ވެއްޓެއްދެން މަސައްކަތް ކުރާނަން."

އިސްކަންދަރު ސްކޫލް ތެރޭގަ އާއި އަދި ވަކިވަކި ޓީމުތަކުގެ ގޮތުގައި ވެސް އެތައް ސަތޭކަ ބަޔަކު އަންނަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެ އަށް ކުރިމަތިވި މި ބޮޑު ނުރައްކަލުގައި މުޅި ގައުމު އެހީއަށް އެދި ގޮވާ އިރު ޒުވާނުންނާއި ހަރު މީހުން ވެސް އަންނަނީ އެ މީހުންގެ ވަގުތުތައް އެހީގެ މަސައްކަތަށް ހުސްކުރަމުންނެވެ.

"ބޮޑު ރާޅު ހާދިސާއާ ގުޅިގެން އެހީގެ ގޮތުގައި ނުލިބޭ ހަމަ އެއްވެސް ބާވަތެއް ނެތޭ ވެސް ބުނެވިދާނެ. އެހާވެސް ބޮޑު ތަރުހީބެއް ލިބެމުން ދަނީ. އަދި އެހީގެ ކަންތަކުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުން ވެސް ހައްތާ ދަނީ އިތުރު ވަމުން،" ސުނާމީގެ ކަންތައް ބަލަހައްޓަން އުފެއްދި ޓާސްކްފޯހުން އެކުލަވާލާފައިވާ ވޮލަންޓިއާ ސާވިސް ޑެސްކްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު ހާނިމް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބޮޑު ރާޅު އަރައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި ވީނުވީއެއް ނޭނގި އެތައް ބަޔަކު ގެއްލިފައިވާ ވާއިރު ރަށްރަށުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދިނުމަށާއި އެހީގެ މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހިލޭސާބަހަށް ވަނީ މަސައްކަތް ފަށައިފަ އެވެ.

ވޮލަންޓިއަރުންގެ ގޮތުގައި 300 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ހަރަކާތްތެރިވަމުން އަބަ ދެ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އަމިއްލަ ފަރާތްތަކުން ވޮލަންޓިއާ ސާވިސް ޓީމްތައް ހަދައިގެން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.

"ވޮލަންޓިއަރުންގެ ކަންތައް ދާ ގޮތް ވަރަށް ހިތްހަމަޖެހޭ. އެކަމަށް އެދެމުންދާ މީހުން ހައްތަހާ ދަނީ ގިނަވަމުން،" ހާނިމް ވިދާޅުވި އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކޮށްދެމުން ދަނީ އެހީގެ ގޮތުގައި ލިބޭ ތަކެތި އުފުލައި ދިނުމާއި އެތަކެތި ރަށްރަށުގެ އާބާދީގެ ނިސްބަތުން ބައިބަޔަށް އަޅައި ބަންދުކޮށް އަދި އިތުރު އެހީ ހޯދައިދޭށެވެ. ރަށްރަށަށް ދަތުރު ކުރާނެ ލޯންޗު ހޯދައިދީ ދަތުރުފަތުރު ހަމަޖައްސައި ދިނުމުގެ މަސައްކަތް ވެސް ވޮލަންޓިއާ ޓީމުތަކުން އެބަ ކޮށްދެ އެވެ.

"ވަރަށް ގިނަ އަދަދެއްގެ ޒުވާން ގުރޫޕްތައް ވަރަށް ފޯރީގައި އެއްބާރުލައިގެން އެ އުޅެނީ،" ހާނިމް ވިދާޅުވި އެވެ.

"މީގެ އިތުރުން އެހީގެ ބާވަތްތައް ރަށްރަށަށް ފޮނުވައި ދިނުމުގެ މަސައްކަތް ވެސް އެކި ދިމަދިމާ އިން ވޮލަންޓިއާ ގްރޫޕުތައް އުފެދިގެން ކުރަމުން އެބަ ދޭ."

އިސްކަންދަރުގައި އަތޮޅުތަކުން ބަހައްޓާފައިވާ މޭޒުތަކުގައި ތިބި މީހުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރަށްރަށުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި އެހީ ދޭ ފަރާތްތައް އިތުރުކުރުމަށާއި ރަށްރަށަށް ދަތުރުތައް ހަމަޖައްސައިދިނުން ފަދަ ކަންތައްތަކުގަ އެވެ.

"މި ތަނުގައި އެބަ އުޅޭ ޒުވާނުންނާއި ހަރުކުލައިގެ މީހުން ވަރަށް ގިނަ އަދަދަކަށް. ރޭ އަޅުގަނޑުމެން މަސައްކަތް ކުރީ އެކި ގޮތްގޮތުން ރަށްތަކުގެ ހަބަރުތައް ހޯދައި މިކޮޅުގައި ތިބި އަތޮޅުގެ ރައްޔިތުންނަށް އެ ހަބަރުތައް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭތޯ،" އިސްކަންދަރުގައި ހުރި ޅ. އަތޮޅުގެ މޭޒުން ވާހަކަ ދެއްކެވި އަތޮޅުގެ އިއްޒަތްތެރިއެއް ކަމަށްވާ މުހައްމަދު މާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އަތޮޅު ތެރެއަށް ކާޑުގެ ބައެއް ސާމާނާއި ލުއި ކާނާގެ ބާވަތްތަކާއި އަންނައުނުގެ ސާމާނު ވެސް ފޮނުވާފައިވާ ކަމަށާއި ދަތުރުފަތުރުގެ ހިދުމަތްތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ހުރި ވަރުން ކާބޯތަކެއްޗާއި ތެލިތަށި ފަދަ ކެއްކުމަށް ބޭނުން ކުރާ ސާމާނު މަދުވާނެހެން ހީވަނީ،" މާހިރު ވިދާޅުވި އެވެ.

ގދ. އަތޮޅުން ވާހަކަ ދެއްކެވި ނަޒީރު އަހުމަދު ވިދާޅުވީ އެ އަތޮޅުން އެންމެ ބޮޑަށް ރާޅުގެ އަސަރު ކޮށްފައިވާ ގައްދުއަށާއި އެނޫން ވެސް ރަށްރަށަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މާލޭގައި ދިރިއުޅޭ ތިނަދު އާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް އަމަލީ ގޮތުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ވިޔަފާރިވެރިންނާއި ވަކިވަކި ފަރުދުން އަންނަނީ ކެނޑި ނޭޅި ގިނަ އަދަދެއްގެ ތަކެތި އެހީގެ ގޮތުގައި ހަދިޔާ ކުރަމުންނެވެ. އިސްކަންދަރު ސްކޫލުގަ އާއި އަމީނިއްޔާގައި ހަދާފައިވާ އެހީގެ ތަކެތި ގުދަން ކުރާ ހޯލާއި އެހީ ބަލައިގަންނަ ހޯލްތަކުގައި އިއްޔެ އާއި ރޭ އަދި މިއަދު ވެސް ގިނަ އަަދެއްގެ ބަޔަކު ޖަމާވެ އެހީ ފޯރުކޮށްދެމުން އެބަ ދެ އެވެ. ލޮލީތަކުގައި އަބަދުވެސް ތަކެތި ގެނައުމާއި ރަށްރަށަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

ހާނިމް ވިދާޅުވީ ހުރިހާ ބާވަތެއްގެ ތަކެތި އެހީގެ ގޮތުގައި ލިބެމުން ދިޔަ ނަމަވެސް އެންމެ ގިނައިން ލިބެނީ ހާލުގައި ޖެހިފައިވާ ބަޔަކަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާނެ ފަދަ ތަކެތި ކަމަށެވެ. އެގޮތުން އަންނައުނާއި ލުއި ކަނާ އާއި ބޯ ފެނާއި ބެޑް ޝީޓާއި ޓީޝާޓު އަދި ފަސްޓް އެއިޑަށް ބޭނުންވާ ތަކެއްޗާ ފައިސާ ހިމެނެ އެވެ.

"މި ތަކެތި ލިބެމުން ދަނީ މެދުނުކެނޑި. ފައިސާ ވެސް ވަރަށް ގިނަ އަދަދަކަށް ލިބެމުންދޭ. އެހެންނަމަވެސް ފައިސާގެ ތަފުސީލުތަކެއް މިވަގުތު އަދި ނޭނގޭ،" ހާނިމް ވިދާޅުވި އެވެ.

ބޮޑު ރާޅުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ރާއްޖޭގެ ގިނަ ރަށްރަށަށް ލިބިފައިވާތީ ރާއްޖެ އަށް އެހީވުމުގެ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުންނާއި ބޭރު ގައުމުތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަހުމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސް އޮތް ޕާކިސްތާނުގެ މަނަވަރަކުން ވެސް އެހީ ފޯރުވުމަށާއި މީހުން އުފުލައި ދިނުމުގެ މަސައްކަތް އެބަ ކޮށްދެ އެވެ. މީގެ އިތުރުން އިންޑިޔާ އާއި ޖަޕާން އަދި އެމެރިކާ ފަދަ ގައުމުތަކުން އެހީ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޑިޓަރުގެ ނޯޓު

އާދަމް ހަލީމް (ކ) އާއި އަލީ ޔޫސުފް

ލިއުންތެރިޔާ އާދަމް ހަލީމަކީ މިހާރު "އަވަސް"ގެ ޗީފް އެޑިޓަރެވެ. އޭނާ ނޫސްވެރިކަމުގައި އުޅުއްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަލީ ޔޫސުފަށް ދާދި ފަހުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ލިބިވަޑައިގެންފަ އެވެ. އޭނާ ނޫސްވެރިކަމުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ރާޖާ

26 December 2019

އެއްބަޔަކު ގައުމީ ހިދުމަތުގަ އުޅުނުއިރު އަނެއް ބަޔަކު ރާއްޖޭން ބޭރުގަ ރާއްޖެއަށް އެހީ ނުވާން ގޮވަމުން ދުވީ. އެވަރުގެ ބަޔަކަށް ދިވެހި ގަމާރުން މިއަދު މިއޮތީ މިގައުމުގެ ވެރިކަން ދީފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454