ކުޅިވަރު

މާޒިޔާ އަށް އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން 14 ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 14 މެޗުން 23 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް ޓީސީ ހަތަރު ވަނައިގައި އޮތީ 12 މެޗުން 22 ޕޮއިންޓާ އެކު އެވެ. މާޒިޔާ އަށް ވުރެން ޓީސީގެ ތިން މެޗު މަދެވެ.

މެޗު ފަށައިގެން މާޒިޔާ އިން މަސައްކަތްކުރަމުންދިޔައީ ޓީސީގެ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރާށެވެ. ކައުންޓަ އެޓޭކުގައި ޓީސީން ލިބޭ ފުރުސަތުތަކުގައި އެޓޭކްކުރަން މަސައްކަތްކުރަމުންދިޔަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ މާޒިޔާ އިން އުފެއްދީ ހަތް ވަނަ މިނިޓްގަ އެވެ. މާޒިޔާގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަރިމަތިން ނަގައިދިން ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޓީސީން މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ 18 ވަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކުގައި އިބްރާހިމް އައިޝަމް އޭރިއާ ތެރެއަށް ބޯޅަ ހިފައިގެންވަދެ ޖެހި ބޯޅަ މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާންގެ ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަ ވެސް އަޒީޒީ ވަނީ ސަލާމަތްކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އޭރިއާ ތެރެއިން ވެއްޓިގެންފައި ފޮނުވާލި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ކުރިން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ޖެހި ބޯޅައެއް ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ވަނީ އަތަށް ނަގައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ ލީޑުނަގަން ޓީސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 48 ވަނަ މިނިޓްގައި އަބްދުލް ވާހިދު (ވާޑު) ހުސްކޮށްލާފައި އޭރިއާ ތެރެއިން ސާދު ނިޒާރަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ކޯނޭ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ މާޒިޔާ އަށް ލީޑުނައިދީފަ އެވެ. ކޯނޭ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ޓީސީގެ އައްޒާމް (ވ) ކައިރިން މާޒިޔާގެ ކޯނޭ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 59 ވަަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަހުމަދު އަބްދުﷲ (ލިލީ) ބޮލުން ޖެހި ބޯޅަ ކީޕަރު ރިކޫ ހިފާފައިވަނިކޮށް އެ ބޯޅަ އޭނާ އަތުން ދޫވެގެން ވަނީ ގޯލަށެވެ. އެ ބޯޅަ ގޯލު ރޮނގު ހުރަސްކޮށް އެތެރެއަށް ނުވަންނަ ކަމަށް ބުނެ ޓީސީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

އޭގެ ފަހުން ޓީސީން ކުރިއަށް ޖެހިގެން އެޓޭކް ތަނަވަސްކުރަން ފެށި އެވެ. އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އިބްރާހިމް އަތީގް (އިއްބެ) އަށެވެ. ޓީސީ އަށް އުއްމީދެއް ލިބުނީ މެޗުގެ 74 ވަނަ މިނިޓްގައި އިސްމާއިލް އީސާ (މެސީ) ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އީސަ ވަނީ ކީޕަރު އަޒީޒީ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އެ ޓީމުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އަސަދުﷲ ވަނީ މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ސާދު އާއި މުހައްމަދު އަޖުފާން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިއަކަށް ބޯޅަ ދޫކޮށްލައިގެން ތިއްބާ އެ ބޯޅަ ހޯދައި އަސަދުﷲ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މާޒިޔާގެ ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އިއްބެ ވަނީ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އޭނާގެ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަތުން މި މޮޅު ހޯދީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށާއި ޓީސީން މި މެޗުގައި ރަނގަޅު ފައިޓެއް ދިން ކަމަށެވެ. އަދި މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އަށް އުނދަގޫތަކެއް ކޮންމެވެސް ވަރަކަށް ކުރިމަތިވި ނަމަވެސް ދެ ވަނަ ހާފުގައި ދިޔައީ ރަނގަޅަށް ކަމަށް ބުންޏެވެ.

"އަހަރެމެންނަށް 4-1 އަކީ ވަރަށް ރަނގަޅު ނަތީޖާއެއް. އަހަރެމެން މެޗު ކޮންޓްރޯލްކުރީ. ފުރަތަމަ ހާފު އުނދަގޫ ގޮތަކަށް ދިޔައީ. ހިތްހަމަނުޖެހުމަކީ މިއަދު މި ވަން ގޯލު. އެކަމަކު މި ނަތީޖާއާ މެދު ހިތްހަމަޖެހޭ،" ސެކުލޮސްކީ ބުންޏެވެ.

ޓީސީގެ ކޯޗުކަމާ ހަވާލުވެ އެންމެ ފުރަތަމަ ދެ މެޗުން ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗުން ބަލިވި ނަމަވެސް ޝާޒް ބުނީ ހަގީގަތުގައި މެޗު ދިޔަ ގޮތަށް ބަލާއިރު މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ޓެކްޓިކްސް ވޯކް ކުރި ހަމަ ބޭނުންވި ގޮތަށް ނިމުނީ ފުރަތަމަ ހާފުގައި. އެކަމަކު ފަހު ހާފުގައި އެ މީހުންގެ ސްޓްރައިކިން ލައިނުގެ ތަފާތު މި ފެނުނީ. އެއް ގޯލު ވަދެފައި އޭގެއިން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް ގޯލު ވަނީ. މި މެޗަކީ ޓީސީން ވެސް މޮޅުވާން ނުކުތް މެޗެއް. ބައެއް ކަހަލަ ކަންތައްތަކެއް ދިމާވެ ފަސޭހަ ގޯލުތަކެއް ވަދެގެން މި ދިޔައީ. ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ،" ޝާޒް ބުންޏެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 18%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނޑި ބައްސާމު

27 December 2019

ހޫ ކެއަރސް. ތީލީގެއްތަ؟ ބަައްސާމު މުޅި ފުޓުބޯޅަ ހަލާކުކޮށްފި.

The name is already taken The name is available. Register?

މޯޑް

27 December 2019

ވާދަވެރި ޓީމްތައް ސަސްފެންޑް ކޮށްފަ ނޫނީ ތިވަރުގެ ލީޑެއް ލިބުނި ކަމަކަށް ނުވިދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454