ދިރާގު 2020 ގެ ކަލަންޑަރު: މިހާތަނަށް ފެނުނު އެންމެ ތަފާތު އެއް ކަލަންޑަރު - ފޮޓޯ: ހުސައިން ވަހީދު/ މިހާރު
01 ޖެނުއަރީ 2020 - 08:32
އެކި ފަރާތްތަކުން އާ އަހަރަށް ނެރޭ ކަލަންޑަރުތަކުގެ ފެންވަރު މަތިވެ، ޑިޒައިން ތަފާތުވެ، ހުށައަޅާ ގޮތްތަކަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ އިރު މި އަހަރު އެންމެ ބޮޑަށް ފާހަގަކުރެވޭނީ ދިރާގުގެ ކަލަންޑަރެވެ. އެ ކަލަންޑަރުން ހަމައެކަނި ފެންނަނީ ތާރީހާއި، ދުވަހާއި، މަހެއް ނޫނެވެ: ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ހުރި ބިރާއި އޭގެ ހައްލު ފުރިހަމައަށް ދައްކުވައިދެ އެވެ.
މޫދުގެ ރީތި މަންޒަރުތައް ހިމެނޭ ކުރެހުންތަކުގެ މައްޗަށް ބިނާކޮށްފައިވާ މި ކަލަންޑަރުގެ މައިގަނޑު މަގުސަދަކީ ނުވަތަ ފޯރުކޮށްދޭ މެސެޖު ވަރަށް ސާފެވެ، އޭ ދިވެހިންނޭ! ކަނޑުގެ ދިރުންތަކަށް ނުރައްކާ ކުރިމަތިވެއްޖެ އެވެ. ޕްލާސްޓިކުން އެ ދިރުންތައް ހިމާކޮށްދޭށެވެ!
ކަލަންޑަރުގައި ކަނޑުގެ ބައެއް ދިރުންތައް ހިތްގައިމު ކުރެހުންތަކާ އެކު ވަރަށް ތަފާތު ގޮތަކަށް ގެނެސްދިނީކީ ނޫނެވެ: ކޮންމެ ގަނޑެއްގައި ހިމެނޭ ކިއު-އާރު ކޯޑު، ފޯނުން ސްކޭންކޮށްލުމުން، ވީޑިއޯއެއް ފެންނަ ގޮތް ވެސް އެ ކަލަންޑަރުގައި ވަނީ ފަހިކޮށްދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ހެދި ކަލަންޑަރުތަކާ ދިރާގުގެ އެ އުފެއްދުން އަތުނުވާ ސަބަބަކީ އެ އެވެ.
ވީޑިއޯގެ ބޭނުމަކީ، ދިރާގުން ބޭނުންވާ މެސެޖް، ކަލަންޑަރުގެ ފޮޓޯއަށް ވުރެ ސާފުކޮށް ފޯރުކޮށްދިނުމެވެ. ކޮންމެ މަހަކު ވެސް އެފަދަ އެއް ވީޑިއޯ ފެންނާނެ އެވެ. އެ ވީޑިއޯ މެދުވެރިކޮށް، އާންމުންގެ ސަމާލުކަމަށް ގެނެސް އެދެނީ، ޕްލާސްޓިކް ހޮޅި އާއި ކޮތަޅާއި ފުޅި އާއި ތަށީގެ އިތުރުން ޕްލާސްޓިކް ސަމުސަލާއި އުލާއި ނެފީ ފަދަ އެއްޗެހި މޫދަށް އުކާލުމުން ކަނޑުގެ ދިރުންތަކަށް ކުރާ ހިތްދަތި އަސަރުތަކަށެވެ.
މި ހިތްގައިމު ކުރެހުންތަކަކީ ކަލަންޑަރުގެ ހަމައެކަނި ހާއްސަ ސިފައެއް ނޫން - ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި މަހަށް ހާއްސަކުރި ވީޑިއޯ އިން ފެންނާނީ ޕްލާސްޓިކް ތަށިން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތަކެވެ. އަންނަ ފެބްރުއަރީ މަހުގެ ވީޑިއޯ އިން ބުނެދޭނީ ޕްލާސްޓިކް ހޮޅިން ވެލައަށް ލިބިދާނެ ގެއްލުންތަކެވެ.
އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ކޮންމެވެސް ބާވަތަކުން ކަނޑުގެ ކޮންމެވެސް ދިރުމަކަށް ލިބޭ ގެއްލުންތައް އެ ކަލަންޑަރުން ބުނެދެ އެވެ. ކަލަންޑަރުގެ ހާއްސަ އަނެއް ސިފައަކީ، ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ހިތްދަތި ހާލަތާ އެއްކޮށް، ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެހެން ބާވަތްތަކާ ބެހޭ މައުލޫމާތު ވެސް އާންމުންނަށް ކިޔައިދިނުމެވެ.
ދިރާގުން ބުނީ ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރަން މިހާރު ވެސް އެ ކުންފުނީގެ ސީއެސްއާރުގެ ގިނަ ހަރަކާތްތަކެއް ހިންގާ އިރު މިއީ މި އަހަރު އެ ދާއިރާއިން ކުރާ ފުރަތަމަ މަސައްކަތް ކަމަށެވެ.
ޕްލާސްޓިކުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކަލަންޑަރުގެ ކިއުއާރު ކޯޑުން އަންގައިދޭ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ތިންކްގެ އެހީތެރިކަމާ އެކު ދިރާގުން އުފެއްދި މި ކަލަންޑަރާ އެކު ތިމާވެށީގެ އެހެން ހަރަކާތްތަކެއް ވެސް މި އަހަރު ހިންގާނެ އެވެ. ދިރާގުން ގަބޫލުކުރަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެހާ ނުރައްކާތެރި އެއްޗެއް ކަމަށެވެ. އަދި އެއީ އާންމުން ވެސް އަޅާނުލާ ތިބެވޭ ވަރަށް ވުރެ ގެއްލުން ބޮޑު ބާވަތެއްކަން ބުނެދިނުމުގައި ގައުމީ ވާޖިބެއް އޮތްކަން ވެސް ދިރާގުގެ މި ކަލަންޑަރުން އަންގައިދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
02 January 2020
ދިރާގުން އެންމެފަހުން ތައާރަފްކުރި ޕްރިޕެއިޑް ސްޓްރީމިންގ ޕެކޭޖްގައި 4ޖީބީ ލިބެނީ 65ރ އަށް މީގެ މާނައަކީ 3 ފިލްމު ބަލާލެވޭނީ 65ރ އަށް! ފިލްމެއް 21ރ އަށްވުރެބޮޑު، މިއީ އެންމެ ކުރީޒަމާނުގައި ފިލްމު ކުއްޔަށް ދޫކުރި އަގަށްވުރެވެސް ބޮޑު އަގެއް! ދިރާގު މި ސްޓްރީމް ޕެކޭޖް ތައާރަފްކުރިއިރު މިހުރިހާ ޓޭޓާ އަކީ ދިރާގު ގައި ބެހެއްޓިފައިވާ ސާވާތަކެއް. މީގެ މާނައަކީ ދިރާގު އިންޓަނޭޝަނަލް ބޭންޑްވިތް އަށް އެއްވެސް ލާރިއެއް ދޭކަށް ނުޖެހޭ...
އަލްމާ
01 January 2020
އެބަވޭ ލޯޑް. ވާނެ ކަމަށް ބެލެވެނޯ 2021 ގައި.
ވިސްނާވިސްނާ
01 January 2020
މީގެ ކުރިން ދިރާގުކަލަންޑަރު ކޮންމެ އަހަރަކު ޓެކްސީ ސެންޓަރތަކަށް ފޮނުވާ މިހާރަކަށް އައިސް ނުލިބޭ!!
99999
01 January 2020
އެ ވީޑިއޯ ލޯޑް ކުރަން ޖައްސާފަ އިންނަތާ 3 ގަޑިއިރާ 4 މިނެޓާ 5 ސިކުންތު ވެއްޖެ. ކަަލަންޓަރު އެއްލީމަ ޖެހިގެން އިންނަ މަންތުގެ ފޮޓޯވެސް ނާރަ ލޯޑް ވެ އިންނަނި
ބޮސްގެ ބޮސް
01 January 2020
ތި ހޯދާނީ ކިހިނެތް؟ ހިލޭތަ؟
ޙުއްތު
01 January 2020
މި ޕޭޖް ލޯޑު ވާލެއް ސުލޯ ކަމުން..
ކަލައިޑަރސޮކޯޕް
01 January 2020
ކަލަންޑަރުގައި ވީޑިޔޯވެސް ލެވޭތަ ^-^
މަހޭ
01 January 2020
ހިދުމަތުގެ އަގު ތިރިކުރޭ
ޙާސިމޮ
01 January 2020
ދިރާގު ކަލަންޑަރުން ދައްކާ ދީބަލަ އިންޓަނެޓުގެ އަގު ހެޔޮކޮއް ދިވެހިންނައް ލީބޭ ވީޑިއޯ އެއް ލިބޭވަރަކައް މިވަނި ގޯސް