"މުންނާ މައިކަލް"ގައި ލީޑް ރޯލު ކުޅޭ ޓައިގާ އާއި ދިޝާ އަކީ ހަގީގީ ދެ ލޯބިވެރިން
04 އޮކްޓޯބަރ 2016 - 06:19
މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަނދާނުގައި ބޮލީވުޑުން ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ޓައިގާ ޝްރޮފް ލީޑް ރޯލު ކުޅޭ "މުންނާ މައިކަލް" ގައި މައިކަލް ޖެކްސަންގެ ވަރަށް މޮޅު ނެށުންތައް ވެސް ފެނިގެން ދާނެ އެވެ.
ޓައިގާގެ ފުރަތަމަ ފިލްމު "ހީރޯޕަންތީ" އާއި "ބާޣީ"ގެ ޑައިރެކްޓަރު ސާބިރު ޚާން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން މިހާރު މުމްބާއީގައި ދަނީ ކުރިއަށެވެ.
ޝޫޓީން ފެށުނުތާ ދެ ވަނައަށް ވީ ދުވަހު ޓައިގާ ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
މި ޕޯސްޓަރުގައި ޓައިގަ ވަނީ މިހާރު މަރުވެފައިވާ މައިކަލް ޖެކްސަންގެ ސިގްނޭޗާ ޑާންސް ސްޓެޕް ދައްކާލައިފަ އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައިވާ ގޮތުން މި ފިލްމު ރިލީކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.
Life is found in the dance between your deepest desire & your greatest fear #MunnaMichael ... 7-7-17 pic.twitter.com/mNgOg0NbBe
— Sabbir Khan (@sabbir24x7) October 3, 2016
"މުންނާ މައިކަލް"ގެ ޑައިރެކްޓަރު ސާބިރް ޚާންގެ ޓުވީޓް
ފިލްމުގެ ބަތަލާއަކީ ކާކުކަން އަދި އިއުލާން ނުކުރި ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނަނީ މި ރޯލު ލިބުން އެންމެ ގާތީ ދިޝާ ޕަޓާނީ އަށް ކަމަށެވެ. ދިޝާ ވަނީ މިދިޔަ ހަފުތާގައި ނުކުތް "އެމްއެސް. ދޯނީ" ގައި ދޯނީގެ ލޯބިވެރިޔާގެ ރޯލު އަދާކޮށްފަ އެވެ. އަދި ދިޝާ އާއި ޓައިގާ އަކީ ހަގީގީ ދެ ލޯބިވެރިން ކަމަށް ވެއެވެ. އަދި މި ފލްމުގައި ދިޝާ ބައިވެރިކުރުމަށް ޑައިރެކްޓަރަށް ބާޜު އަޅަނީ ވެސް ޓައިގާ ކަމަށް ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy