ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީން ޓީސީ ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

04 ޖެނުއަރީ 2020 - 19:15

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން 4-2 އިން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެ އެވެ.

މިއީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެ މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ފަސް ވަނަ މޮޅާ އެކު އެ ޓީމުން ދެ ވަނަ ބުރު ނިންމާލީ ހަތް ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް 16 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ބުނީ މި ބުރުގައި އެރެން އޮތް މަގާމަކަށް އަރަން މި މެޗަށް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

"ފުރަތަމަ މެޗުގައި ފޯކައިދޫއާ ދެކޮޅަށް ކުޅެފައި ދެން އޮތް މެޗު ދަށްކޮށް ދިޔައީ. ދެން އޭގެ ފަހުން މެޗަކަށް ފަހު މެޗެއް ރަނގަޅަށް އައީ. ހަގީގަތުގައި މި މެޗުން މޮޅަކަށް ނުކުތީ. އެއީ ތިން ވަނަ ބުރުގައި ވާނެ ގޮތެއް އަދި ނޭނގޭ. ގަދަ ހަ ޓީމު ކުޅެފިނަމަ ޔުނައިޓެޑް ވިކްޓްރީ އަށް މި ނިމުނީ. އެހެންވެ ހުރިހާ ކުޅުންތެރިން ތައްޔާރުވީ އަމިއްލަ ބާރުގައި ދެވޭ ހިސާބަކަށްދާން،" މުހައްމަދު ބުންޏެވެ.

މި މެޗުން ބަލިވުމުން ލީގުގެ ތިން ވަނަ އަށް ޖެހިލަން ޓީސީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ޓީސީ މި ވަގުތު ހަތަރެއްގައި އޮތީ 14 މެޗުން 25 ޕޮއިންޓާ އެކު އެވެ. މި ބުރުގައި ދެން ބާކީ އޮތް ދެ މެޗަކީ ޓީސީގެ ދެ މެޗެވެ. އެއީ ޓީސީން ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މި މެޗުތައް ފަސް ކުރީ އޮކްޓޫބަރުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކުޅެން ޓީސީ ދާން ޖެހުމުންނެވެ.

ޓީސީގެ އަޖުފާން ކައިރިން ޔުނައިޓެޑް ވިކްޓްރީގެ ކީރާ ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތްއިރު ވެސް މިއީ އުނދަގޫވާނެ މެޗެއްކަން އެނގޭ ކަމަށާއި ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

"ބޯޅައިގައި އަންނާނެ މި ކަހަލަ ދުވަސް ވެސް. މި ލީގުގައި މި އޮތީ ކޮންމެ ޓީމަކަށް ވެސް އެއް ޓީމު އަނެއް ޓީމު ބަލިކުރެވޭ ކަހަލަ ގޮތަކަށް މާ ބޮޑު ތަފާތެއް ނެތި. އެހެން ބަލާއިރު މިއީ ޔުނައިޓެޑް ވިކްޓްރީން ރަނގަޅަށް ކުޅެގެން ނަތީޖާ ނެރުނު ދުވަހެއް،" ޝާޒް ބުންޏެވެ.

މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގެ މައްސަލަ ދިމާވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ވިސާމް (ޖެރާޑް) އަށް ނުކުޅެވޭއިރު، ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ވެސް ހުރީ ސަސްޕެންޝަނުގަ އެވެ. އަދި ޓީސީގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ވެސް މިއަދު ޓީމުގައި ނެތެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުގައިދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އޭރިއާ ބޭރުން ޗުމްޕު ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) އަތްމަތިން ގޮހެވެ. ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި މެޗުގެ 20 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުފުޅާކޮށްދިނީ އަލީ ހަމްދާން (އައްޔަ) އެވެ. ނާވީ މުހައްމަދު ހުސްކޮށްލާފައި ދިން ބޯޅައެއް ހިފައިގެން ގޮސް އައްޔަ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީން ދެ ވަނަ ހާފް ފަށައިގެން ކުޅުން ލަސްކޮށްލުމުގެ ފައިދާ ނަގައި ޔުނައިޓެޑް ވިކްޓްރީން ވަނީ މި ހާފް ފެށިގެން 50 ސިކުންތު ތެރޭގައި ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ޔޫކްރޭނުގެ ފޯވާޑް ސިލިޗް ކީރްލޯ (ކީރާ) ހުސްކޮށްލާފައި ދިން ބޯޅަ އިސްމާއިލް ޝަފީއު (އިއްސެ) ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ޗުމްޕު (ކ) ޓީސީގެ ރިލްވާން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް ލަނޑެއް ޖަހައިދޭން މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ސައްޓު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެކަމަކު އޭގެ އަށް މިނިޓް ފަހުން ލިބުނު ފުރުސަތުގެ ބޭނުންހިފައި ސައްޓު ވަނީ ލަނޑެއް ޖަހައިފަ އެވެ. އަކުރަމް އަބްދުލް ގަނީ (އަކޫ) ހުސްކޮށްލާފައި ދިން ބޯޅަ ސައްޓު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލަނޑާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެ ޔުނައިޓެޑް ވިކްޓްރީގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އަދި މެޗުގެ 81 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އިސްމާއިލް އީސަ (މެސީ) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ އިރުކޮޅެއްގެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ގޯލު ޖެހީ ޗުމްޕު އެވެ. ކީރާ ހުސްކޮށްލާފައި ނަގައިދިން ބޯޅަ ޗުމްޕު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި އީސަ ވަނީ ޓީސީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ކޯނަރެއްގައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިންނަށް ސަލާމަތްނުކުރެވިގެން އުޅެނިކޮށް އީސަ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 33%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454