ދުނިޔޭގެ ކުޅިވަރު / އިންޓަ މިލާން

އެރިކްސަން އިންޓަ އަށް ބަދަލުވުމާ ގާތުގައި

މިލާން (ޖެނުއަރީ 15) – ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެންމާކް ޕްލޭމޭކަރު ކްރިސްޓިއަން އެރިކްސަން އާއި އިންޓަ މިލާނުން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށާއި މިހާރު ކުރިއަށްދަނީ ޓޮޓެންހަމް އާއި އިންޓަގެ މަޝްވަރާތައް ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.

ޓޮޓެންހަމްއާ އެކު އެރިކްސަން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާތީ މިހާރު ހުޅުވިފައިވާ ޓްރާންސްފާ ބާޒާރުގައި އޭނާ ވިއްކާލުން ނޫން ގޮތެއް އެ ޓީމަށް ނެތެވެ. އެ ނޫނީ ޖެހޭނީ ސީޒަން ނިމުމުން ހިލޭ ދޫކޮށްލާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން ހުށަހެޅީ 10 މިލިއަން ޔޫރޯ އެވެ. އެކަމަކު ޓޮޓެންހަމުން ބޭނުންވަނީ އޭގެ ދެ ގުނަ އެވެ. މިއީ އިންޓަގެ ފުރަތަމަ އޮފާ ކަމަށް ވުމުން އެ ޓީމުން އެ އަދަދު އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު 15 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގެއް އިންޓަ އިން ދޭނެ ކަމަށް ނުބެލެވެ އެވެ.

އެރިކްސަން ވަނީ އިނގިރޭސި އެފްއޭ ކަޕުގައި ރޭ މިޑްލްސްބަރާ އަތުން ޓޮޓެންހަމް 2-1 އިން މޮޅުވި މެޗުގައި ފުލްކޮށް ކުޅެފަ އެވެ. މެޗުގެ ކުރިން ޓޮޓެންހަމްގެ ސަޕޯޓަރުން ވަނީ އޭނާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އޭނާ ވަރަށް ރަނގަޅަށް ކުޅުނު. ވަރަށް ޕްރޮފެޝަނަލް، އެއީ އަހަރެން އޭނާގެ ފަރާތުން ފެންނާނެ ކަމަށް ގަބޫލުކުރި ގޮތަކީ ވެސް،" ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.

އަޔަކްސް އިން ވިދާލައި 2013 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުނު އެރިކްސަން އަށް ކޮންމެ ސީޒަނެއްގައި ވެސް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން އޮފާތައް އާދެ އެވެ. ޑެންމާކް ގައުމީ ޓީމަށް 95 މެޗު ކުޅެދީފައިވާ އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ޓޮޓެންހަމް ދޫކޮށްލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުން ކަމަށް ބެލެވެ އެވެ. ޓޮޓެންހަމްއާ އެކު އެކަން ކުރުމާ އެންމެ ގާތަށް ދިޔައީ މިދިޔަ ސީޒަނުގަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް އަތުން ބަލިވީ އެވެ.

މި ވަގުތު އިޓާލިއަން ލީގުގެ ދެ ވަނައިގައި އިންޓަ އޮތް ނަމަވެސް މި ސީޒަނުގައި ލީގު ބޮޑަށް ޑޮމިނޭޓްކުރީ އެ ޓީމުންނެވެ. އެހެންވެ ބާކީ ބައިގައި އެކަންކޮށް އަހަރުތަކަށް ފަހު ލީގު ޗެމްޕިއަންކަން ހޯދަން އިންޓަ ކުރާ މަސައްކަތުގައި ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޖެނުއަރީ މަހު ސްކޮޑް ވަރުގަދަކުރަން އެދިފަ އެވެ.

އެރިކްސަންގެ އިތުރުން އެ ޓީމުން ދެން ގެންނަން މަސައްކަތްކުރަނީ ޗެލްސީގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. އޭނާ ގެންނަނީ މަޓެއޯ ޕޮލިޓާނޯގެ ބަދަލުގަ އެވެ. އިންޓަ އިން ވަނީ ޕޮލިޓާނޯ އާއި ރޯމާގެ ފުލްބެކް ލެއޮނަޑޯ ސްޕިނަޒޯލާ ބަދަލުކުރަން ނިންމައިފަ އެވެ.

އިންޓަ ވަނީ އިޓާލިއަން ކަޕުގައި ރޭ ކަލިއާރީ އަތުން 4-1 އިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރޮމެލޫ ލުކާކޫ ދެ ގޯލް ޖެހިއިރު އަނެއް ދެ ލަނޑު ވައްދާލީ ބޯޖާ ވަލޭރޯ އާއި އަންދްރޭ ރަނޯކިއާ އެވެ. އިންޓަ އަށް ލީގާއި ކަޕުގެ އިތުރުން ޔުރޮޕާ ލީގު ވެސް އަދި އޮންނާނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454