ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެ ވިދާޅުވީ ތެދުފުޅެކެވެ؛ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ކުޅޭ މެޗެއް ބަލާލަން ލިބޭ ފުރުސަތެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އަދި އަމުދުން ދިވެހި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ހަރަދުނުކޮށް އެކަން ކުރެވެން އޮވެއްޖެ ނަމަ އެވެ. މިނިސްޓަރާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސައޫދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ވީއައީޕީ ބޮކްސްގައި ތިއްބަވައިގެން ދުނިޔޭގެ ފުޓްބޯޅައިގެ ދެބާރު ކުޅޭ މެޗަކުން ހިތްހަމަޖެހުން ހޯއްދަވާލެއްވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ.

އެކަމަކު ދިވެހި ފުޓްބޯޅަ އަނގަޔާ އަތާ ދިމާނުވާ ހާލަތުގައި އޮއްވާ އެފަދަ މަންޒަރުތައް މިނިސްޓަރާއި ބައްސާމްގެ ފަރާތުން ފެންނަ ނަމަ ފުޓްބޯޅަ ސަޕޯޓަރުންނަށް އެކަން މައްސަލައަކަށް ވާނެ އެވެ. އެކަން އެ ދެ ބޭފުޅުން ވެސް ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ދިވެހި ފުޓްބޯޅައިގެ ހާލަކީތޯ އެވެ. މަޝްހޫރު ފުޓްބޯޅަ ކޯޗަކު ބުނިހެން "ބޯޅަ ހޮވާ ކުއްޖާ އަށް ވެސް އެއްޗެއް ދިއްކޮށްލެވޭނެ ވަރު ވެސް ނެތީ" އެވެ.

ރާއްޖޭގެ ޕްރިމިއާ ފުޓްބޯޅަ ލީގުގެ ތިން ވަނަ ބުރެއް ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅެފި އެވެ. މިއީ ކުރިއަށް އޮންނަ ހަތަރު އަހަރަށް ފުޓްބޯޅަ ކަލަންޑަރު ހަދައި ހަމަޖެހިލައިގެން ބައިނަލްއަގްވާމީ ފުޓްބޯޅަ އޮތް ޒަމާނެއްގައި، މީހުން ޖޯކަކަށް ހަދާނެ ކަންކަމެވެ. ލީގުގެ ގަވާއިދުގައި އޮތީ އަށް ޓީމާ އެކު ތިން ވަނަ ބުރު ކުޅެން ޖެހޭނެ ކަމަށެވެ. މަޝްވަރާކުރަން ޖެހޭނެ ތަނެއް ނެތެވެ. އެކަމަކު ދެ ވަނަ ބުރުގެ ފަހު މެޗުތަކާ ކުރިމަތިލިއިރު ވެސް ތިން ވަނަ ބުރު ކުޅޭނީ އަށް ޓީމުގެ މެދުގައިތޯ، ހަ ޓީމުގެ މެދުގައިތޯ ނުވަތަ ތިން ވަނަ ބުރެއް އޮންނާތޯ އޮތީ ސުވާލު އުފެދިފަ އެވެ. އެންމެ ފަހުން ނިމުނީ ހަ ޓީމާ އެކު ތިން ވަނަ ބުރު ކުޅޭގޮތަށެވެ.

ކްލަބްތަކުގެ ހާލަތުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުގެ ހާލަތު އޮތީ ބޮޑު ޗުއްޓީގައި ރަށްރަށުގައި ބާއްވާ ކުދިކުދި މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކަށް ވުރެ ދެރަވަރުކޮށް ކަމަށް ބުނެވިދާނެ އެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުން މުސާރަ ނުދޭތީ އެ ކުޅުންތެރިން ތިބީ ރަށްރަށުގެ ޓީމުތައް އަތުން ބޮޑު ޗުއްޓީ މުބާރާތުގައި ކުޅެން އެޑްވާންސް ފައިސާ ނަގައިގެންނެވެ. އެހެންވެ ލީގަކާ ލީގެއް ދޫކޮށްފައި އެ ކުޅުންތެރިން ފުރަފުރައިގެން އެ ދަނީ އެ ރަށްރަށަށެވެ. އެ ކުޅުންތެރިން ހިފެހެއްޓޭނެ ގޮތެއް ނެތެވެ. އެހެންވެ ބައެއް ޓީމުތަކުން ރަނގަޅަށް ޕްރެކްޓިސް ނުކޮށް ޓީމު ހަމަކޮށްލަނީ ސީދާ މެޗަށެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ އަށް އެ ފުރުސަތު ނެތީ އެ ދެ ކްލަބުން އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ދެކެވޭ ވާހަކައިގައި އާރުލާ ކަމަށް ބެލެވެނީ މިހާރު ލީގުން މި ފެންނަ މަންޒަރުތަކުންނެވެ. ފައިސާ ދެވޭނެ ގޮތެއް ނެތުމުން އަދަބު ލިބެނީ ވަކި ބަޔަކަށެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ގަލޮޅު ދަނޑާއި އެތަނުގެ ފަޅުކަމުގެ ވާހަކައަކީ މިހާރު އިވި ބާވެފައިވާ ވާހަކައެކެވެ. ފަޅުކޮށް ހުންނަ ޖާގަ ބޮޑު ތަންތަނުގެ ބޭނުން ހިފާހެން އެތަނުގެ ބޭނުން ވެސް މިހާރު ކުރެ އެވެ. ސްޕޯޓްސް މިނިސްޓްރީން ޕާކު އަޅަން ގެންނަ ސާމާނު ރައްކުރާށެވެ. ބިދޭސީން ގަވާއިދަށް ފައްތަން އިކޮނޮމިކް މިނިސްޓްރީން ޕްރޮގްރާމް ހިންގާށެވެ. ދަނޑުގެ މީޑިއާ ރޫމާއި ވީއައިޕީ ބޮކްސް ބޭނުންކުރަނީ އެ މަސައްކަތަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގެ ރަސްމީ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވީއައިޕީ ބޮކްސްގައި ހަދާފައިވާ އިދާރީ ޔުނިޓެއްގަ އެވެ. އެ ބައްދަލުވުމަށް ދެ ޓީމުގެ ކޯޗުންނާއި ނޫސްވެރިން ދިޔައިރު ވެސް އެތަނުގައި އިދާރީ މަސައްކަތް ހިނގަ އެވެ.

ދަނޑަށް ނުވަދެ މެޗެއް ބަލާލަން ބޭނުންވާ މީހަކަށް މިހާރަކު އަމުދުން އެ ފުރުސަތެއް ނެތެވެ. ޓީވީ ރައިޓްސް އިން ދުނިޔޭގެ އެހެން ގައުމުތަކުން ބޮޑު އާމްދަނީއެއް ހޯދާއިރު އެފަދަ މެކޭނިޒަމެއް ނުރޭވި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން މިއޮތީ ޓީވީ ޗެނަލެއްގެ ދަށުވެފަ އެވެ. މި ފަހަރުގެ ލީގު މެޗުތައް ދައްކަން އެފްއޭއެމުން ފުރުސަތު ދިން ވީޓީވީން އިން ވަނީ އެފްއޭއެމުން ފައިސާ ނުދޭތީ މެޗުތައް ދެއްކުން ހުއްޓާލައިފަ އެވެ. އެފްއޭއެމުން މިހާރު އެ ފައިސާ ދައްކާފައިވާ ކަމަށްވެ އެވެ. އެކަމަކު އެއްބަސްވުން ކުރިއަށް ނުގެންދާތީ މެޗުތައް ފެންނާނެ ގޮތެއް ނެތެވެ. ކުޅުންތެރިންނަށާއި ކުޅުންތެރިންގެ އާއިލާ އާއި ރަށްޓެހިންނަށް އެ ކުޅުންތެރިން ކުޅެލާ މެޗެއްގެ މަންޒަރެއް ފެންނަނީ ޕީއެސްއެމް އިން އުސްއަލިތައް ދައްކާތީވެ އެވެ. ޒަމާނުއްސުރެ ފުޓްބޯޅަ ދައްކަމުން އައި ޕީއެސްއެމް އަށް މި ފަހަރު އެ ފުރުސަތު ނުދިން ސަބަބެއް ވެސް ނޭގެ އެވެ.

ފުޓްބޯޅައަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑަށް މާކެޓްކުރެވޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކުޅިވަރެވެ. އެކަމަކު ދިވެހި ފުޓްބޯޅަ މިއޮތީ މާ ކުރީ ޒަމާނެއްގައި ތާށިވެފަ އެވެ. ޒަމާނުގެ ވަސީލަތެއް ނެތި ހޮޓާހޮޓާ ހިންގައިގެންނާއި މަހަށް ގޮސްގެން ފައިސާ ހޯދައިގެން ކްލަބްތައް ހިންގި އިރަށް ވުރެ މިހާރު ހާލަތު ދެރަ އެވެ. ކްލަބްތަކުން އެކުވެރިކަމުގެ މެޗުތައް ކުޅެގެން ފައިސާ އެއްކޮށްގެން ތަރައްގީ ކުރި ގަލޮޅު ދަނޑު މިއޮތީ އޭރަށް ވުރެ ދެރަ ހާލަތުގަ އެވެ. ދިވެހިންގެ ލޭކައްކުވާލާ މި ކުޅިވަރުގައި ލިބުނު ހަމައެކަނި ކުރިއެރުމަކީ ކުޅުންތެރިންގެ ވަކިވަކި ހުނަރު ތަރައްގީވުމެވެ. މިއަދު އީރާނަށް ރާއްޖެ ކޮޅަށް 17 ލަނޑެއް ނުޖެހޭނެ އެވެ. އެކަމަކު ފުޓްބޯޅައިގެ ހިންގުމާއި މާކެޓްކުރުން ފަދަ ކަންކަން ކުރިއަރައި ނުދަންޏާ، ކުޅުންތެރިންގެ ހުނަރު ތަރައްގީ ވިޔަސް ފުޓްބޯޅަ އެހެން ހަރުފަތަކަށް ނުގެންދެވޭނެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ކުޅެނީ: ފުޓްބޯޅައިގެ ފޯރިވަނީ ކެނޑިފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުނިފޫހިފިލުވުމުގެ ޒަމާނީ ވަސީލަތްތައްކާ އެކު ކުރިން ވަންނަ ވަރަށް ދިވެހިން މިއަދު އޮލިމްޕަހަށް ނުވަނަސް ދިވެހިން ފިލްމް ދައްކައިގެން އަދިވެސް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ދިވެހި ފުޓްބޯޅަ އަށް އެވަރު ވެސް ނުވެ އެވެ. އެހެން ގައުމުތަކުގައި އެ ގައުމެއްގެ ލޯކަލް ފުޓްބޯޅަ އާއްމުން ބަލަނީ އެ ގައުމުތަކުން ޓީވީން އިނގިރޭސި ޕްރިމިއާ ލީގު ނުފެންނާތީކީ ނޫނެވެ. އެ ގައުމެއްގެ އަމިއްލަ ލީގާއި ކްލަބްތަކާ މެދު ހާއްސަ ލޯތްބެއް އޮންނާތީވެ އެވެ. އެ ގައުމެއްގެ ކުޅިވަރު ކްލަބްތަކުގެ ސަލާމަތަށް އެ ގައުމެއްގެ ސަރުކާރާއި އެސޯސިއޭޝަންތަކުން ވިސްނާތީވެ އެވެ. އެކަމަކު ރާއްޖޭން މި ފެންނަނީ އޭގެ އިދިކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން މެމްބަރުންގެ ކިބައިން މެމްބަރުކަން ނަގާލި ގޮތަށް އެފްއޭއެމްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން މި ފެނުނީ ކްލަބްތަކުގެ ކިބައިން މެމްބަޝިޕް ނަގާލަން އުޅޭ މަންޒަރެވެ.

މިއަދު އެފްއޭއެމް އެއޮތީ އެތަނުން ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، އެކަމެއް އާއްމުން ބަލައިނުގަންނަ ހިސާބުގަ އެވެ. މާޔޫސްކަން ބޮޑުވެ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން އެތިބީ އެއް ގޯސްވެފަ އެވެ. ކްލަބްތައް އެތިބީ ނާށިގަނޑު ދިއްކޮށްލައިގެންނެވެ. ފުޓްބޯޅަ މި ހާލަތުގައި އޮއްވާ އެކަމާ ބެހޭގޮތުން މިނިސްޓަރުގެ ބަސްފުޅެއް ވެސް ނީވި ކުއްލިއަކަށް ކުރެއްވި ޓްވީޓުން ފެނުނު މަންޒަރަކީ ޖިއްދާ ސްޓޭޑިއަމުގެ ވީއައިޕީ ބޮކްސްގެ ކަމަށްވާ ނަމަ ފުޓްބޯޅަ ސަޕޯޓަރުން މާޔޫސްވާނެ އެވެ. ރަނގަޅެވެ. ކުޅިވަރު އެސޯސިއޭޝަންތަކަކީ "މިނިވަން" ތަންތަނެވެ. އެތަނުން ކޮންމެ ކަމެއް ކުރިޔަސް މިނިސްޓަރު ޒިންމާ ނަންގަން ނުޖެހޭނެ އެވެ. އެކަމަކު ވޮލީބޯޅަ އެސޯސިއޭޝަނަށް ކޯޗުން ހަމަޖައްސައިދެއްވީ މިނިސްޓަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ ކާމިޔާބީގެ އުފާފާޅުކުރެއްވުމުގައި އެންމެ އިސްސަފުގައި ހުންނެވީ މިނިސްޓަރެވެ. އެހެންވިއްޔާ ދިވެހި ކުޅިވަރުގެ އަނދިރި ފަރާތުގެ ކަންކަން ވެސް މިނިސްޓަރު ތިލަކުރައްވައި އެކަންކަމަށް ހައްލު ހޯދައިދެއްވަންވާނެ އެވެ. ހަނދާނަށް ގެންނަވާށެވެ. "ފުޓްބޯޅަ ދަނޑުތައް އަލުން ފުރާލުން" މިއީ މަނިކުފާނުގެ ސަރުކާރުގެ ވައުދެކެވެ.

23 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 15%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

17 January 2020

ކޮންމެ ބަޔަކު ޚަރަދު ކުރިޔަސް، މަހްލޫފް މެން ބަލާލަން ޖެހޭނެ ދޯ ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތާ މެދު ތަންތަނަށް ގޮސް ވީއައިޕީ ބޮކްސް ގަ ކުޅި ބަލަން ތިބޭ އިރު! އެވެސް އަދި އެންމެން ރުޅި އަރާ ބައްސާމާ އެކީ!

The name is already taken The name is available. Register?

ކުޑަ2

16 January 2020

އެފް.އޭ.އެމް ވެސް އަދި ޖުމަލަކޮށް ދިވެހި ހުރިހާ ކުޅިވަރެއްވެސް ރަގަޅުކުރަން ޖެހޭ ކަންކަން ބައިވަރު. އެކަމު ލިޔުންތެރިޔާ މި ލިޔުން ލިޔެފައި ވަނީ އަމިއްލައަށް މާމޮޅު އެނަލިސްޓަކަށްވެ، ވަރަށް ޒާތިގޮތަކަށްކަން ފާހަގަކުރެވޭ. ދިވެހި ފްޓްބޯޅަ މިހާލަތަށް ދިޔައީ، މިއަދަކު އިއްޔެއަކުނޫން. އެހެން ނޫނަސް މި ޤައުމުގައި ހަމައެކަނި މައްސަލަ އޮތީ ފްޓްބޯޅަ އެކަންޏެއްވެސްނޫން. އެކަމަކު ކަންކަން ރަގަޅުކުރުމަށްވުރެ މިލިޔުންތަކުން ފެންނަނީ ނުރަގަޅު ނިޔަތް.

The name is already taken The name is available. Register?

ބާބާ

16 January 2020

މިދެބޭފުޅުން ދިވެހި ފުޓްބޯޅަ ދެކެ ކުޑަމިންވަރެއްގެ ލޯތްބެއް ވާނަމަވެސް ތިތަނަކުންނުން ފެންނާނީ....ގަލޮޅު ދަނޑުގަ ކުޅުންތެރިން މުސާރަނުލިބި ތިން ހަތަރުމަސްވެގެން ގޮސްފައިވާއިރުވެސް އެކުޅޭ މެޗެއް ބަލަން އެކުދިނަށް ހިއްވަރުދޭން

The name is already taken The name is available. Register?

ހާމަ333

16 January 2020

ވެރިކަން ލިބުނީމާ މިސަރުކާރުގެ ވެރިންގެ ކަމަކީ ދަތުރު ނުކުރެވި އޮތް ގައުމުތަކަށް ދަތުރުކުރުމާއި ޗުއްޓީ ހޭދަކުރުން....ރާއްޖެ ދުށް ދަތުރު ހަރަދު އެންމެ ބޮޑު ސަރުކާރު....މުޅި ދައުލަތް ދޮވެލަނީ....2 އަހަރުވަނީ މަގެއް ބަނދަރެއް އެއާޕޯޓެއް ހޮސްޕިޓަލެއް އެހެން އެއްޗެއް ނެހެދި....ހަމަ ހެސްކިޔާފަ ސޮއިކުރަނީ....ވާކަމެއްނެތް...

The name is already taken The name is available. Register?

ނަގިއްޔާ

16 January 2020

މިބޭފުޅުން މިގޮތަށް ވީއަޕީ ބޮކްސްގަ ދުނިޔޭގެ އެއްވެސް ފިކުރެއްނެރި ފުޓްބޯޅައިގެ ބޮޑު ބާރެއް ކުޅޭ މެޗެއް ބަލާލަން ތިބޭއިރު އެތާ ތިބޭ ބޮޑެތި މީހުން މިބޭފުޅުންނާ ރާއްޖޭގެ ފުޓްބޯޅަ ލީގާ ބެހޭ ގޮތުން ސުވާލު ކުރީމާ ކީކޭބާ ބުނަނީ؟ މިހާރު ލީގުގެ ތިންވަނަ ރައުންޑަށް ހަދަންވީ ގޮތެއް ނޭގިގެން މިއުޅެނީ.. މިހެންތަ؟ އަހަރެންނަމަ ބާރަށް ދުވެގެގޮސް ފިލޭތޯ ބަލާނީ ލަދުން...

The name is already taken The name is available. Register?

މޯޑޭ

16 January 2020

މަހުލޫފްވެސް މިހާރު ބަންސާމް އުޅޭހެން އުޅެށްފެށީދޯ. ތި ދެމީހުންނަކީސް ތިފަދަ މަގާމަކަށް ގާބިލުބައެއް ނޫން ދިވެހި ފުޓްބޯޅަ މިއަދު ވެއްޓިފައި މިވާ ހިސާބުން އެގޭ. މަހުލޫފްވެސް ފޮނިވާހަކަ ދަށްކާފަ ބަންސާމް ދަށްކާމަގުން މިހާރު ހިގަނި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 January 2020

ވަޒީރަށާއި އެފްއޭގެ ރައީސަށް އަމާޒުކޮށް ދެކެވޭ ގިނަވާހަކަ ތަކަކީ ޒާތީގޮތުން ޙަސަދަފިލުވާލަން ދައްކާވާހަކަތަކެއްކަމުގައިދެކެން. # މާލޭގެ ބައެއް ކްލަބްތަކުގެ ވެރިން އަދިވެސް ބޭނުންވަނީ ކުރިން ހިންގިގޮތަށް ހިސާބު ކިތާބު ބެލެހެއްޓުމެއް ޒިންމާދާރުކަމެއްނެތް ކަޓް އަންޒަމާނު ގޮތްގިތަށް ކްލަބްތައް ހިންގާން. # ބައްސާމް ރައީސްކަމަށް އައިސް ދުނިޔޭގައި ކަންކުރާގޮތަށް އެމަގަށް ޓީމްތައް ގެންނާން އުޅުނީމަ "ބަދަލަށް ދެކޮޅުމީހުން" ނިކުމެ ބައްސާމްއާއި ދިމާކުރަނީ.

The name is already taken The name is available. Register?

ގާޑި އައްލާ.

16 January 2020

މަށަށްވެސް ހީވަނީ ތިހެން ހެން ވެގެން އުޅެނީ. ނިއުރޭޑިއަންޓް ބޭނުންވަނީ އެމީހުންގެ ބާރު މުޅި ތަނުގައި އޮންނާން. އޮޅިގެން ނަމަވެސް ވިކްޓަރީ އަށް ބުނެވިއްޖެ ތިމަންނާމެންނަކީ އެފްއޭއެމްއަށް ވުރެން ދޮށި ޓީމެކޭ. މިބުނަނީ ކީކޭ ؟

The name is already taken The name is available. Register?

ޒާހިދު ރަޝީދު

16 January 2020

އަސްލު ރާއްޖޭގެ ކަންކަން ކުރިނާރަނީ އެކަމުގައި ހަވާލުވެތިބޭ މީހުން ތަންކޮޅޭއް cheap ވީމައޭ ބުނެވޭނީ. ބައްސާމުވެސް މަހުލޫފުވެސް ދަތުރަކަށް ކެޓޭތީ ދެރައީ. އެދެމީހުން ގަދަބަޔެކޭ ބުނާނަން ރާއްޖޭގެ ގައުމީ މުބާރާތުގެ ފައިނަލަށް ދަނޑުގެ ތިންބައިކުޅަ އެއްބައި ފުރުވާލިޔަސް. ބައްސާމު ހުންނަނީ ކްލަބްތަކުގެ ދަށުވެގެން. މާބޮޑު އެކްޕޯޝަރއެއް ނެތް. ދުނިޔޭގެ ކުޅިވަރު ޕޮލިޓިކްސްގެ އެއްވެސް އެއްޗެއް ނޭނގެ. މަހުލޫފުގެ ހާލުއެއަށްވުރެ ވެސް ދެރަ.

The name is already taken The name is available. Register?

އަލީ ރާޖާ

16 January 2020

ތިޔަ މަހުލޫފަކީ ރައިސް ޔާމީނުގެ ވެރިކަމުގަ އޭނައަށް"ސްޕާރީ" ލިބޭވަރު މަދުވެގެން ރައީސް ޔާމީނަށް ޝަކުވާ ދަންނަވަން ރައީސް އޮފީހަށް ދިޔައިމަ އެމަނިކުފާނުގެ އޮފީސް ކޮޓަރިކޮޅު ދޮރުމަތީގަ ބަހައްޓާފަ ސައިޒަށް ކަނޑާލީމަ ނުކުމެގެން "ރިފޯމިސްޓަކަށް" ވެގެން އުޅޭ ސައިޒުން ބޮޑު ފައިވާނަކަށް އެރިގެން އުޅޭ ކަންމަތީ ސޮރެއް. 'ސުޕާރީ" ލިބެންޏާ ތީނައަށް އޯކޭވާނެ.

The name is already taken The name is available. Register?

ރޮކް1

16 January 2020

ތީ ހަމަ އަދީބުވެސް ދެއްކި ބަހަނާ.. ރައިސް ޔާމީންވެސް ދެއްކި ވާހަކަ.. މިހަރު މަހޭވެސް ތިދައްކަނީ އެރާގަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454