ކުޅިވަރު

ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ލީގާ ގާތަށް

އީގަލްސްގެ ކުޅުންތެރިއަކު ކައިރިން ޓީސީގެ ދަގަނޑޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން 1-0 އިން ދެ ވަނައިގައި އޮތް އީގަލްސް އަތުން މޮޅުވުމާ އެކު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ގްރީން ސްޓްރީޓްސް ބަލިކޮށްގެން މާޒިޔާ އަށް ބާކީ ތިން މެޗު އޮއްވައި ލީގުކަށަވަރުކުރެވޭނެ އެވެ. ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން މާޒިޔާ އަށް ލީގު ކަށަވަަރުވަނީ ދެ ވަަނައިގައި އޮތް އީގަލްސް ދެން ކުޅޭ ހަތަރު މެޗުން މޮޅުވެގެން ވެސް މާޒިޔާ އަތުނުލެވޭނެތީ އެވެ.

ލީގުގެ ތިން ވަނަ ބުރުގައި ކުޅެނީ ގަދަ ހަ ޓީމެވެ. މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިން ވަނައިގައި ޓީސީ އޮތީ 17 މެޗުން 31 ޕޮއިންޓާ އެކު އެވެ. ޓީސީ އާއި އީގަލްސް މި ވަގުތު ބޮޑަށް ވާދަކުރަނީ ދެ ވަނަ މަގާމަށެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އިން 3-0 އިން ޓީސީ ބަލިކުރި އެވެ. ރޭގެ މެޗުގައި ޓީސީން ވަނީ އޭގެ ބަދަލުހިފައި ރޭ އީގަލްސް އަތުން މޮޅުވެފަ އެވެ.

މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ޓީސީ އަށް ލިބުނު ހައްގު މޮޅެއް ކަމަށާއި މިހާރު ކަންތައްތައް މިދިޔަ ގޮތުން ދެ ވަނަ މަގާމުގައި ލީގު ނިންމަން ބޭނުންނަމަ އީގަލްސް އަށް ހަމަޖެހިލެވެން ނެތް ކަމަށެވެ. އަދި ދެ ވަނަ އަށް ޓާގެޓްކޮށްގެން މަސައްކަތްކުރާއިރު ދެން ހުރި މެޗުތަކުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް މޯހަން ބުންޏެވެ.

މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އާއި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) ނުކުޅެ އެވެ. އީގަލްސް އިން ވަނީ މި މެޗުގައި ހަސަން ނަޒީމް (ޗޯޓު) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން އެންމެ ފަހުން ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އަތުން 2-0 އިން ޓީސީ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލަށް ވަނީ މެޗު ފަށަން ފުރުސަތު ދީފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އީސަ: މިރޭގެ މެޗުގެ ހަމައެކަނި ގޯލު ޖެހީ އީސަ. -- ފޮޓޯ: މިހާރު

ޓީސީން ކުރިއަށް ޖެހިގެން މެޗު ފެށި ނަމަވެސް ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސް އިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުގެ ހަސަން ރާއިފް (ހަންނަ) ޖެހި ބޯޅަ ޓީސީގެ ގޯލުގައި ހުރި ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. ޓީސީގެ ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް އީސަ (މެސީ) އެވެ. އީސަ ޖެހި ބޯޅަ އަމާޒުވީ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ އަތަށެވެ.

ފުރަތަމަ ހާފުގައި ޓީސީން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ އޭރިއާ ތެރެއިން ބޮލުން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި އޭރިއާ ތެރެއިން ދަގަނޑޭ އަށް ހުސް ލިބުނު ބޯޅަ އޭނާ ކައިރީ ކަނަށް އަމާޒުކޮށް ފޮނުވާލިއިރު، ކީޕަރު ސުޖަން ވަނީ ފައިން އެ ބޯޅަ މަތަކޮށްފަ އެވެ.

އީގަލްސް އިން ވަނީ މި ހާފްގެ ފުރަތަމަ 10 މިނިޓް ތެރޭ ޗޯޓުގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) ހުސްކޮށްލާފައި ބޮބީ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ސާގިބް ވަނީ ހުއްޓުވައިފަ އެވެ. ޓީސީ އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި އޭގެ ދެ މިނިޓް ފަހުން އެ ޓީމަށް ލީޑުނަގައިދިނީ އީސަ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަ ކީޕަރު ސުޖަން އަތުގައި ޖެހިފައި އީސަ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 80 ވަނަ މިނިޓްގައި ސައްޓު އަށް ރަނުގެ ފުރުސަތެއް ލިބުނުއިރު އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެ ބޯޅަ ދަގަނޑޭ އަށް ދީގެން ގޯލަށް ޖެހުމުގެ ފުރުސަތު އޮތެވެ. ނަތީޖާ ހަމަހަމަ ކުރަން އީގަލްސް އިން ގިނަ މަސައްކަތްތަކެއްކުރި އެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ހިލޭ ޖެހުމަކުން ސެންޓޭ ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު އަތަށެވެ.

ލީގުގައި ދެން އޮންނާނީ އާދިއްތަ ދުވަހުގެރޭ މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތުއޮތްއިރު، މިއީ 2016 ވަނަ އަހަރަށް ފަހު އެ ޓީމުން ލީގު ކާމިޔާބުކުރާނެ ފުރަތަމަ ފަހަރެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 7%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭނާ

17 January 2020

ސީޒަނުގެ ކުރީކޮޅާ ބަލާއިރު މިހާރު ފެންނަނީ ވަރަށް ބަރުހެލި ދަނގަޑޭއެއް. މާ ފަލަ. ފިޓްނަސް ވެސް ދަށް. ވެދާލެ ލީގުގެ ވާދަވެރިކަން ދަށްވީނުން ޓްރެއިންސެޝަން ތައްވެސް ޑައުން ގްރޭޑް ކުރީކަމަށް.

The name is already taken The name is available. Register?

އާރީ

17 January 2020

އަހަރަމެން ގަލޮޅު ދަނޑަށް ވަންނާނި ނިއުރޭޑިޔަންޓް ގަލޮޅު ދަނޑް ކުޅޭދުވަހަކުން. މިހާރު ތި ހާވާ ހަޑި ބަލަށް ކާކު ވަންނާނި. ބަންސާމް އާއި މަހުލޫފް އެ އުޅެނި ސުފަރސުޓާރުން އުޅޭހެން ދުނިޔޭގެ ކަންކޮޅު ތަކުގަ އިންޖޯއީ ކުރުމުގަ. ޓީމްތައް އޮތީ ކަރުތާފެނަށް ވެއްޓިފަ. ދެން އަތްޖަހާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454