ކުޅިވަރު

ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ލީގުގެ މެޗެއްގެ ތެރެއިން ރިޒޭ ބޯޅަ ފޮނުވާލަނީ: އޭނާ ވަނީ ސީޒަނުގައި ޖުމްލަ 23 ގޯލު ޖަހާފައި.-- ފޮޓޯ: މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ހަތަރު ގޯލާ އެކު ކްލަބް އީގަލްސް އިން 7-0 އިން ށ. ފޯކައިދޫ ބަލިކޮށްފި އެވެ.

މި މޮޅާ އެކު އީގަލްސް ލީގުގެ ދެ ވަނައިގައި އޮތީ 18 މެޗުން 36 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 47 ޕޮއިންޓާ އެކު އޮތް މާޒިޔާ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ޓީސީ މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނާނެ އެވެ. ދަ ގްރާންޑޭ އޮތީ 17 މެޗުން 24 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

އީގަލްސް އިން މި މެޗުގައި ކުޅުނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ ޓީމުގެ ކެޕްޓަން ހުސެއިން ޝިފާއު (ކުރޯ) ނުލަ އެވެ. މިއަދުގެ މެޗު ފެށުނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެން ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. އެއީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ އަރައިގެން ހުރި ސްޓާކިން އާއި ފޯކައިދޫގެ ކުޅުންތެރިންގެ ސްޓާކިންގެ ކުލަ އެތްގޮތްވުމުން އެ ބަދަލުކޮށްގެން ކުޅެން ރެފްރީ ޒައީމް އަލީ އެންގުމުންނެވެ.

އަނިޔާގެ ސަބަބުން ބިދޭސީ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އާއި އަލީ ފާސިރު (ސެންޓޭ) ނުލައި އީގަލްސް އިން ފެށި މި މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ރިޒޭ އެވެ. އޭރިއާ ބޭރުން ރިޒޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ ފަހުން ހުސް ދެ ފުރުސަތެއް ރިޒޭ އަތުން ގެއްލުނު ނަމަވެސް މެޗުގެ 24 ވަނަ މިނިޓްގައި ރިޒޭ އީގަލްސްގެ ލީޑުފުޅާކޮށްދިނެވެ. އޭނާ މި ލަނޑު ޖެހީ ވެސް އޭރިއާ ބޭރުންނެވެ.

އީގަލްސް އިން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ލޯން އެއްބަސްވުމެއްގެ ދަށުން ފޯކައިދޫ އަށް ބަދަލުވި ގޯލްކީޕަަރު ތޮލާލް ހަސަން (ތޮލާ)ގެ ސަބަބުންނެވެ. އޭނާ ވަނީ އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އާއި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ޖެހި ބޯޅަތައް ހުއްޓުވައިފަ އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ހިމަނައިގެން މި މެޗުގައި ކުޅެމުން ދިޔަ ފޯކައިދޫ އަށް ފުރަތަމަ ހާފުގައި މާ އެދެވޭ ހަމަލާތަކެއް ފޮނުވައެއްނުލެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 30 ސިކުންތު ތެރޭގައި ރިޒޭ ވަނީ ތިން ވަނަ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭރިއާ ތެރެއިން ރިޒޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން ރިޒޭ ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރިޒޭ ވަނީ މިއަދުގެ ގޯލުތަކާ އެކު ސީޒަނުގައި ޖުމްލަ 23 ގޯލު ހަމަކޮށްފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް ރިޒޭ އެވެ.

އީގަލްސްގެ ފަސް ވަނަ ލަނޑާއި ހަ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 16 އަހަރުގެ ޒައިން ޒަފަރު އެވެ. މިއީ އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދެ ވަނަ މެޗެވެ.

މެޗުގައި ފޯކައިދޫން އެންމެ ރަނގަޅު ހަަމަލާއެއް ފޮނުވާލީ 81 ވަނަ މިނިޓްގައި މުހައްމަދު ނަޝީދު އެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ އެއް މިނިޓް ފަހުން އީގަލްސްގެ ހަތް ވަނަ ލަނޑު ޖެހީ ޓޮޝީކީ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗަށް ނުކުތީ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަތައް ޓީމަށް ދިމާވެފައިވަނިކޮށް ކަމަށާއި އެ ފަދަ ހާލަތެއްގައި މިއީ ލިބުނު ވަރަށް މުހިއްމު މޮޅެއް ކަމަށެވެ. އަދި ގިނަ ގޯލުތަކެއް ޖެހި ޒުވާން ކުޅުންތެރިންތަކަކަށް ކުޅެލުމުގެ ފުރުސަތު ދެވުމަކީ މި މޮޅު އިތުރަށް ފުރިހަމަވާ ސަބަބުތަކެއް ކަމަށް މޯހަން ފާހަގަކުރި އެވެ.

ލީގުގެ ފުރަތަމަ ދެ ބުރުގައި ފޯކައިދޫން ވަނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެކަމަކު ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ އެ ކްލަބުން ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ދޫކޮށްފައިވާއިރު، މިހާތަނަށް މި ބުރުގައި ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ހަތް މަސް ދުވަހު މުސާރަ ނުދީ ކުޅުންތެރިން ހިލޭ ސާބަހަށް ކުރި މަސައްކަތް ފާހަގަކުރާކަމަށާއި ގަދަ ހައެއްގެ ތެރޭގައި ހިމެނުމާ އެކު ފޯކައިދޫގެ ޓާގެޓް ހާސިލްވެފައިވާ ކަމަށެވެ. އަދި ތަފާތު ބޮޑުކޮށް ދެ މެޗަކުން ބަލިވި ނަމަވެސް އެ ޓީމުން ދެން ހުރި ތިން މެޗުގައި ނުކުންނާނީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށް ނިސްތާރު ބުންޏެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454