ކުޅިވަރު

ޓީސީން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި

21 ޖެނުއަރީ 2020 - 06:24

1 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ޓީސީން ވަނީ ދެ ވަނައިގައި އޮތް އީގަލްސްއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އީގަލްސް ދެ ވަނައިގައި އޮތީ 18 މެޗުން 36 ޕޮއިންޓާ އެކު އެވެ. ޓީސީ އަށް ވަނީ 18 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި 18 މެޗުން 47 ޕޮއިންޓާ އެކު އޮތް މާޒިޔާ ވަނީ ބާކީ ތިން މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

މެޗު ފަށައިގެން ޓީސީ އަށް ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ދަ ގްރާންޑޭ އިން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ވަނީ އޭރިއާބޭރު ރޮނގުކައިރިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި އަނިޔާގެ ސަބަބުން މުހައްމަދު އައްޒާމް ބަދަލުކޮށްފަ އެވެ، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އޭގެ މިނިޓެއް ފަހުން ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީސީއާ އަލުން ގުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އިސްމާއިލް އީސަ (މެސީ) ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ދަގަނޑޭ ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދަ ގްރާންޑޭ އަށް އަލުން ލީޑުނަގައިދޭން މެޗުގެ 13 ވަނަ މިނިޓްގައި މުހައްމަދު ސަހާއު ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ދެން ފެނުނީ ފުލުފުލުގައި ޓީސީގެ ހަމަލާތަކެވެ. އީސަ ޖެހި ދެ ބޯޅަ އަކާއި އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އަދި ދަގަނޑޭ ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

ފުރަތަަމަ ހާފުގައި ލީޑަކާ އެކު ނިންމާލަން ދަ ގްރާންޑޭ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. އޭރިއާ ތެރެއިން ހުސްކޮށް އަޔާޒު އަހުމަދު (އަޔާ) އާއި އޮބައިދާ އަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ދެ ހަމަލާ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޓީސީން ދެ ވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ދަގަނޑޭ އޭރިއާ ތެރެއިން ބޯޅަ ހިފައިގެންދަނިކޮށް އޭނާ އަށް ދަ ގްރާންޑޭގެ ޑިފެންޑަރު ޝިފާން ހަސަން އޭރިއާ ތެރެއިން ހުރަސް އެޅި ކަމަށް ބުނެ ޓީސީން ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ އަލީ އިބްރާހިމް ނިންމީ ފައުލުނުވާ ކަމަށެވެ.

ދަ ގްރާންޑޭގެ އަޔާ މެޗުގެ 73 ވަނަ މިނިޓްގައި ބޮލުން ޖެހި ބޯޅަ ޓީސީ ގޯލުގައި ހުރި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ޓީސީ އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ސައްޓު އެވެ. މެޗުގެ 78 ވަނަ މިނިޓްގައި އީސަ ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބޯޅަ ގޯލަށް ވަންއިރު ކީޕަރު ފައިސަލް ހުރީ ހަރަކާތް ހުއްޓިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ޓީސީގެ ތިން ވަަނަ ލަނޑު ޖެހީ މި ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް އެވެ. ދަގަނޑޭ ދިން ބޯޅަ މެލްކަމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ޓީސީ އަށް ކުޅެދިން ފުރަތަމަ މެޗެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ދަ ގްރާންޑޭ އިން ފުރަތަމަ ގޯލު ޖެހި ނަމަވެސް ޓީސީން ވިސްނުންތެރިކަމާ އެކު ކުޅުންތެރިންގެ ހިތްވަރުން ކުރި މަސައްކަތުން މެޗުގެ ނަތީޖާ އަނބުރާލެވިއްޖެކަމަށާއި މިއީ ހޯދުނު މުހިއްމު މޮޅެއް ކަމަށެވެ.

"ދަ ގްރާންޑޭ އަކީ ވެސް އީގަލްސް ކަހަލަ މޮޅު ޓީމެއް. މަސައްކަތްކޮށްގެން ޓީސީ ކުޅުންތެރިން ހޯދި މުހިއްމު މޮޅެއް މިއީ. ހަގީގަތުގައި މިއީ ކުޅުންތެރިން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތް. މެޗަށް އައިއިރު ވެސް ފަސޭހަނުވާނެކަން އެނގޭ،" ޝާޒް ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އޭނާގެ ޓީމުން ރަނގަޅަށް ފަށައިގެން ކުޅުނު ނަމަވެސް ފަހުން ފެނުނީ މެޗަށް ދޭން ޖެހޭ ސަމާލުކަން ގެއްލިގެންދިޔަތަން ކަމަށެވެ. އަދި މި ކަހަލަ މެޗުތަކުގައި 90 މިނިޓް އެއްކޮށް ވިސްނުންތެރިކަމާ އެކު ކުޅެންޖެހޭއިރު ފަސޭހަކޮށްލައިފިނަމަ އޭގެ ގެއްލުން ދައްކާނެކަން އިންމަ ފާހަގަކުރި އެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 43%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރުއްޓާ

21 January 2020

އިންމަ އަކީ ބޮލީވުޑުގެ ޖީތެންދުރާ. އުޅެ އުޅެ ދުވަހަކުވެސް ކާމިޔާބަކާ ހިސާބަށް ދެވެވަރު ނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454