ކުޅިވަރު

ޗެމްޕިއަން މާޒިޔާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ނުވަ ވަނަ މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 18 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 18 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. މިރޭ ފޯކައިދޫ އަތުން މޮޅުވެގެން ޓީސީ އަށް ދެ ވަަނަ އަށް އެރޭނެ އެވެ.

މިއަދުގެ މެޗުން ބަލިވުމުން ލީގުގެ ހަތަރަކަށް ޖެހިލަން ދަ ގްރާންޑޭ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ހަތަރެއްގައި ގްރީން ސްޓްރީޓްސް އޮތީ 18 މެޗުން 26 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ އަށް 19 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

ލީގު ޔަގީންވެފައިވާތީ މާޒިޔާ އިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އެ ޓީމަށް އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ ހަސަން ޝިފާޒް (ޑުންގާ) އެވެ.

މެޗުގެ ފުރަތަމަ ފަސް މިނިޓް ތެރޭ މާޒިޔާގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ނާއިޒު ހަސަން (ދާދު) ފޮނުވާލި ދެ ހަމަލާއެއް ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އަށް ލީޑުނަގައިދިނީ މެޗުގެ 14 ވަނަ މިނިޓްގައި އަފްގާނިސްތާންގެ ޑިފެންޑަރު މުހައްމަދު ޝާރިފް އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖައްސާލުމުން ޝާރިފް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާޒިޔާ އަށް ލީޑުހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ މާޒިޔާގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަތުން ގެއްލުނު ބޯޅައެއް ހޯދައި ދަ ގްރާންޑޭގެ އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް ދިން ބޯޅަ އަކުން މުލަކޭ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގައި ފުރަތަމަ ދެ ހަމަލާ ފޮނުވާލީ ދަ ގްރާންޑޭގެ އޮބައިދާ އެވެ. އޭނާ ފޮނުވާލި އެއް ހަމަލާ މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާންގެ ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މެޗުގެ 74 ވަނަ މިނިޓްގައި އަލުން ލީޑުނެގީ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި މުހައްމަދު ސާމިރުގެ ބަދަލުގައި ކުޅެން އެރި ކޯނޭ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ދަ ގްރާންޑޭ ކުޅުންތެރިން އަތުން ދޫވި ބޯޅައެއް ހޯދުމަށް ފަހު އެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ދަ ގްރާންޑޭ އިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ޓީމުގެ މުލަކޭ އާއި އޮބައިދާ ޖެހި ބޯޅަތައް މާޒިޔާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ދަ ގްރާންޑޭގެ އޮބައިދާ އަށް އޭރިއާތެރެއިން ފައުލުކުރިކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިން ޕެނަލްޓީއެއް ހޯދުމަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ޓާގެޓަކީ ތިން ޕޮއިންޓް ހޯދުން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު އެންމެ ހިތްހަމަޖެހޭ ކަމަށް ނުބުނެވޭނެ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"މި ކަހަލަ ދުވަސް ވެސް އަންނާނެ. ބައެއް ފަހަރު އެންމެ ބޭނުންވާ ވަރަށް ނުކުޅެވިދާނެ. އަނެއްކޮޅުން ލީގު ޗެމްޕިއަންކަން މީގެ ދުވަސްކޮޅެއް ކުރިން މި އޮތީ ޔަގީންވެފައި. އެހެންވުމުން ވެސް ފަސޭހަކޮށްލުމުގެ ކަންތައްތައް ފެނިދާނެ. އެކަމަކު އެ ފަދަ ކަމެއް ތަކުރާރުވާން އަހަރެން ބޭނުމެއް ނޫން. އެކަން ކުޅުންތެރިންނަށް ވިސްނައިދޭނަން،" ސެކުލޮސްކީ ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗަށް ނުކުތީ މަދުވެގެން ޕޮއިންޓެއް ހޯދުމުގެ އަޒުމުގައި ކަމަށާއި އެކަން ހާސިލްކުރުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454