ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް އީގަލްސް ދެ ވަނަ ކަށަވަރުކޮށްފި

ދަ ގްރާންޑޭގެ ސައްމެ (ކ) ކައިރިން އީގަލްސްގެ ރިޒޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ކްލަބް އީގަލްސް އިން ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި އެވެ.

އީގަލްސްއާ ދެ ވަނަ އަށް ވާދަކުރި 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ވަނީ ރޭ ކުޅުނު މެޗުން މި ފަހަރުގެ ޗެމްޕިއަން މާޒިޔާއާ އެއްވަރުވެފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އީގަލްސް އިން ދެ ވަނަ ކަށަވަރުކުރީ މިއަދުގެ މޮޅާ އެކު 20 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި މި ވަގުތު 20 މެޗުން 38 ޕޮއިންޓާ އެކު އޮތް ޓީސީ ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް އީގަލްސް އަތުނުލެވޭނެ އެވެ. ޓީސީ ކުޅޭ ފަހު މެޗުގައި އާދިއްތަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭއިރު، އީގަލްސްގެ ފަހު މެޗަކީ މާޗް މަހު ދެ ވަނަ ދުވަހު މާޒިޔާއާ ބައްދަލުކުރާ މެޗެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗަށް ނުކުތް ޓާގެޓަށް ވާސިލްވެވުނީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށް ދެ ގޯލުގެ ލީޑެއް ނެގުމުން ކަމަށެވެ. އަދި ލީގުގެ ދެ ވަނައިގައި ނިންމާލެވުމަކީ ވެސް މުޅި ސީޒަން ދިޔަ ގޮތާ ބަލާއިރު ކާމިޔާބެއް ކަމަށާއި އެކަމަކު މި އަށް ވުރެ މި ޓީމު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މުޅި ލީގަށް ބަލާކަމަށްވަންޏާ ހިތްހަމަޖެހެއޭ ދަންނަވަންޖެހޭނީ. އެހެން ނަމަވެސް މި އަށް ވުރެ ވެސް ރަނގަޅު ވީސް. ލިބިފައި އަތުގައި ހުރި މެޗުތަކެއް އެއްވަރުވެގެން ހިނގައްޖެ. އެ މެޗުތައް ދެން ޖެހޭނީ ދެން އަންނަ ފަހަރަކަށް ރަނގަޅުކުރަން. ޖުމްލަކޮށް ހަމަ މި ވަރަށް ޅަ ކުދިންނާއި އެކްސްޕީރިއަންސްގެ މިކްސްއެއް މި އޮތީ އެހެންވީމަ. އެ ހުރިހާ ކަމަކަށް ބަލާއިރު ހިތްހަމަޖެހޭ،" މޯހަން ބުންޏެވެ.

މިއަދުގެ މެޗަށް ދަ ގްރާންޑޭގެ ޔަސްފާދު ހަބީބު (މުލަކޭ) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާއިރު، އީގަލްސް އިން ފެށި އެންމެ ފަހުން މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

އީގަލްސް އަށް މެޗުގެ އަށް ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) އެވެ. ހިސާމް ސަލީމް (ކޮކީ) އަރިމަތިން ނަގައިދިން ހުރަހަކުން ޓޮޝީކީ މި ގޯލު ޖެހީ ބޮލުންނެވެ. އެ ބޯޅަ ގޯލަށް ވަންއިރު ދަ ގްރާންޑޭގެ ގޯލުގައި ހުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލަަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ނަތީޖާ ހަމަހަމަކުރަން މެޗުގެ 18 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އީގަލްސްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އޮބައިދާ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭގޮތެއްނުވި އެވެ. އީގަލްސް އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 22 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާ ތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ރިޒޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 30 ސިކުންތުތެރޭގައި އީގަލްސް އަށް މެޗުގައި ތިން ވަަނަ ލަނޑެއް ޖަހައިދޭން ޓޮޝީ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ދަ ގްރާންޑޭން ދެ ވަނަ ހާފްގައި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން އޮބައިދާ ޖެހި ބާރު ބޯޅަ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގައި ރިޒޭ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 16 އަހަރުގެ ޒެއިން ޒަފަރު ހުސްކޮށްލާފައި އޭނާގެ ބޭބެ ރިޒޭ އަށް ދިން ބޯޅަ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރިޒޭ ހުސްކޮށްލާފައި ޒެއިން އަށް ޖައްސާލި ބޯޅަ އޭނާ އަށް ރަނގަޅަށް ލިބޭ ގޮތެއްނުވި އެވެ.

ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއަދުގެ މެޗުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށާއި ކުޅުމާ މެދު ހިތްހަމަ ވެސް ނުޖެހޭ ކަމަށެވެ. ކޮންމެވެސް ވަރަކަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ހަގީގަތުގައި އީގަލްސް އިން ދެ ގޯލު ޖެހި ހިސާބުން ދަ ގްރާންޑޭ އިން މޮޅުވުމުގެ ރޫހު ދޫކޮށްލައިފިކަމަށް އިންމަ ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ފޯކައިދޫއާ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 33%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454