ދުނިޔެ / ނާސާ

ނާސާގެ މަޝްހޫރު އަންހެން ހިސާބު އިލްމުވެރިޔާ އަވަހާރަވެއްޖެ

ކެތަރިން ޖޯންސަން ނާސާ އޮފީހުގައި: ޖައްވީ ދަތުރުތަކުގެ ބައެއް ހިސާބުތައް ހެއްދެވީ އަތުން --ފޮޓޯ:ނާސާ

25 ފެބުރުއަރީ 2020 - 09:22

13 comments

އޭނާގެ ކިބައިން ނާސާ އެދުނީ ހަނދަށް ގެންގޮސްދޭށެވެ. އެކަން އޭނާ ކޮށްދެއްވި އެވެ.

އާދައިގެ ފަންސުރެއް ބޭނުންކުރައްވައިގެން އޭނާ ހެއްދެވި ހިސާބުން ނާސާގެ ސައިންސްވެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ހޯއްދަވައިދެއްވި އެވެ. ހަނދުގައި ފުރަތަމަ ފައިތިލަ ބީއްސާލި އިންސާނާއަށް ނީލް އާމްސްޓްރޯންގް ހަދައިދިން އެޕޯލޯ 11 ގެ އުޅަނދު ،1969 ގައި، ހަނދަށް ވާސިލްވާށާއި އެނބުރި އަންނާނެ ދުވަހާއި ވަގުތު، ކަނޑައެޅުނީ، ކެތެރިން ޖޯންސަންގެ ތޫނުފިލި ސިކުނޑިން ފުރިހަމަކުރެއްވި ހިސާބު އިލްމުންނެވެ.

އޭނާގެ އެ ހިސާބުގައި ކުޑަކުޑަ ގޯހެއް ހެދުނަސް އެޕޯލޯގެ އުޅަނދާއި އޭގެ ފަޅުވެރިންނަށް ނުރައްކާތަކާ ކުރިމަތިވީހެވެ. ނާސާ އިން އިންސާނުން ހަނދަށް ގެންގޮސް، ދުނިޔޭގެ ޖައްވީ ވާދަވެރިކަމުގައި އޭރުގެ އަނެއް ބާރު، ރޫސީވިލާތް ބަލިކޮށްލުމުގެ ކުރިން ވެސް ކެތެރިން ވަނީ، ޖައްވަށް އިންސާނުން ފޮނުވުމުގެ މަސައްކަތުގައި ނާސާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ހިސާބު އިލްމުގެ ތެރެއިން ހޯއްދަވައިދެއްވައިފަ އެވެ. އެގޮތުން ޖައްވުގައި ދުނިޔެ ވަށައި ފުރަތަމަ ބުރެއް ފުރިހަމަކުރި ޖޯން ގްލެންގެ ދަތުރަށް ވެސް އޭނާގެ ކަލްކިއުލޭޝަން އަކީ ވަރަށް ބޮޑު އެހީއެކެވެ.

ނާސާގެ ސައިންސްވެރިންގެ ތެރެއިން ފުރަތަމަ ޖާގަ ހޯއްދެވި ކަޅު ނަސްލުގެ އަންހެން ބޭޅުންގެ ފެށުމަކީ ކެތެރިންނެވެ.

އޭނާ އިއްޔެ ވަނީ އުމުރުން 101 އަހަރުގައި އަވަހާރަވެފަ އެވެ.

އޭނާގެ އިލްމުވެރިކަމުން ނާސާ އާއި އެ އެޖެންސީ އުފެއްދުމުގެ ކުރިން އެމެރިކާ އިން ޖައްވީ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިދާރާގެ އެތައް މަސައްކަތަކަށް ފަހި މަގުތަކެއް ފެނުނު ނަމަވެސް ނާސާގައި އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގައި ކެތެރިންގެ ނަން ވެސް އެނގުނީ މަދު ބަޔަކަށެވެ.

ކެތެރިންއަކީ އެ ޒަމާނުގައި ފިރިހެނުންނަށް ވެސް ދޫކުރެއްވުމެއް ނެތި އިލްމީ ގޮތުން ކުރިއެރުން ހޯއްދެވި މަދު އަންހެނުންގެ ތެރެއިން އެއް ބޭފުޅެވެ. އަންހެނުންގެ ހައްގުތަކުގެ ހަރަކާތްތައް ފެށުމުގެ ކުރިން، އޭނާ އާއި އޭނާ ފަދަ އަންހެން އެހެން ސައިންސްވެރިން އުޅުއްވީ، ފިރިހެން މަޝްހޫރު ސައިންސްވެރިން ވެސް ދުވަސްތައް ހޭދަކުރެއްވި މާހައުލުގަ އެވެ. އެކަމަކު އަންހެން ސައިންސްވެރިންގެ މަތީ ފެންވަރުގެ އިލްމީ ހޯދުންތަކާ އެކު ވެސް އެ ބޭފުޅުންގެ ނަމެއް، އަޑެއް ނީވެ އެވެ.

ކެތެރެއިންއަކީ އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ ނަން އޭރު މަޝްހޫރުނުވީ، ނުވަތަ އޭނާގެ މަސައްކަތްތައް "ސިއްރެއް"ގެ ގޮތުގައި އޮތީ، ހަމައެކަނި އަންހެން އިލްމުވެރިޔަކަށް ވާތީއެއް ނޫނެވެ. ކަަޅު ނަސްލުގެ ބޭފުޅަކަށް ވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް، ބައެއް މީހުން ގަބޫލުކުރެ އެވެ.

ކެތެރިންއަށް ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް 2015 ވަނަ އަހަރު ރައީސް އޮބާމާ ދެއްވަނީ. --ފޮޓޯ:ރޮއިޓާސް

އެކަމަކު އޭނާގެ މުސްކުޅި އުމުރުގައި ކެތެރެއިން ވެވަޑައިގަތީ މަޝްހޫރު ބޭފުޅަކަށެވެ. ނާސާއަށް އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ވާހަކަ މުޅި ދުނިޔެއަށް ހާމަވި އެވެ. އޭނާ އާއި ނާސާގެ އިލްމުވެރިންގެ ތެރޭގައި އޭރު މަސައްކަތްކުރެއްވި އަންހެން އެހެން ބައެއް ސައިންސްވެރިންގެ ވާހަކަ ކިޔައިދޭ ހޮލީވުޑް ފިލްމު "ހިޑްން ފިގާސް" ބިނާކޮށްފައި އޮތީ އެ ބޭފުޅުންގެ ހަޔާތަށެވެ.

އޮސްކާ އެވޯޑްގެ ބައެއް ބައިތަކުން ވާދަކުރިޔަސް އެއްވެސް އެވޯޑެއް އެ ފިލްމަކަށް ނުލިބެ އެވެ. އެކަމަކު އެވޯޑް ހަފުލާގައި ފިލްމުގެ ތަރިންނާ އެކު އޭރު އުމުރުން 98 އަހަރުގެ ކެތެއިން ސްޓޭޖަށް އަރައިވަޑައިގަތުމުން، އެންމެން ކޮޅަށް ތެދުވެ، އަތްތިލަބަނޑި ޖެއްސެވެ.

ފިލްމުގެ މައި ޝަހުސިއްޔަތުތަކަކީ ނާސާގައި މަސައްކަތްކުރެއްވި ކަޅު ނަސްލުގެ އަންހެން ސައިންސްވެރިންނަށް ވިޔަސް، ފިލްމު ނެރުނު އިރު ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ކެތެރިންނެވެ.

އެމެރިކާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑެލް އޮފް ފްރީޑަމް، އޭރުގެ ރައީސް ބަރަކް އޮބާމާ އޭނާއަށް އަރުވަމުން ވިދާޅުވީ "މިއީ، އޭރު އޭނާގެ ޖިންސާއި ނަސްލަށް ބަލާއިރު ކުރެވިދާނެ ކަމަށް އާންމުންގެ ވިސްނުމުގައި އޮތް މިންވަރު ފަހަނަޅައި ގޮސް، އިންސާނާއަށް ވާސިލްވެވޭނެ ކަންކަމުގެ ސަރަހަައްދު ވެސް ބޮޑުކޮށްދެއްވި" ބޭފުޅެއް ކަމަށެވެ.

ކެތެރެއިންގެ ހިދުމަތުގެ އަަގު ވަޒަންކުރުމުގެ ގޮތުން ނާސާއިން 2017 ގައި ވަނީ، އެ އެޖެންސީގެ ވަކި ސެންޓަރަކަށް އޭނާގެ ނަމުން ނަން ވެސް ދީފަ އެވެ.

"ކޮމްޕިއުޓާސް" މި ނަން ވެސް އަސްލު އުފެދުނީ ކެތެރެއިން އާއި އޭނާގެ އަންހެން އިލްމުވެރިންނަށް ނިސްބަތްކޮށެވެ. އެ ބޭފުޅުންގެ މަގާމަށް ނާސާގެ ތެރޭގައި ކިޔަމުން ގެންދިޔައީ "ކޮމްޕިއުޓާސް" އެވެ. އެކަމާ ގުޅުވައިގެން 2017 ގައި ވޮޝިންޓަން ޕޯސްޓް ނޫހުން ކެތެރެއިން ސިފަކުރީ "އެންމެ މަތީ ހައިސިއްޔަތު ލިބިފައިވާ ކޮމްޕިއުޓާސް"ގެ ގޮތުގަ އެވެ.

ކެތެރެއިންގެ އިލްމީ މަސައްކަތް ނާސާ އާއި ނާސާ އުފެއްދުމުގެ ކުރިން ޖަައްވީ ދިރާސާތަކަށް ހާއްސަކުރި އެޖެންސީގައި ކުރެއްވީ 1953 އިން 1986 އަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ދުވަސްވަރު "ކޮމްޕިއުޓަރުތައް ސްކާޓް ލި" އެވެ. މާނައަކީ "ކޮމްޕިއުޓާސް" އެ ނަން އޭރު ނިސްބަތްކުރީ، ނާސާގައި އުޅުއްވި އަންހެން ހިސާބު އިލްމުވެރިންނަށް ކަމެވެ.

އެ ބޭފުޅުން ހުރިހާ ހިސާބުތަކެއް ހައްދަވަމުން ގެންދެވީ އަތުންނެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު އެހެން ސައިންސްވެރިންނަށް ވުރެ މޮޅޭ ނުވަތަ މާ ގިނަ މަސައްކަތްކުރެއްވިއެކޭ ވިދާޅެއް ނުވެ އެވެ. ކެތެރެއިންގެ ފަހު އަހަރުތަކުގައި ދެއްވި އިންޓަވިއުތަކުގައި ވެސް ވިދާޅުވީ "ތިމަން ކުރީ ކުރަން ޖެހޭ މަސައްކަތެއް" ކަމަށެވެ.

"އަހަންނަކީ އެހެން މީހުންނަށް ވުރެ ވަކި މޮޅު މީހެއް ނޫން،" އެއް އިންޓަވިއުއެއްގައި ކެތެރިން ވިދާޅުވި އެވެ.

އެންމެ ކުޑައިރު ވެސް ހިސާބު

ހަތަރު ބެއިން ހިމެނުނު އާއިލާއަކަށް އުފަން ކެތެރެއިން އަކީ އެންމެ ކުޑައިރު ވެސް ހިސާބު އިލްމުގެ ކުއްޖެކެވެ. އޭނާގެ ކަމަކީ ގުނުމެވެ. މިސާލަކަށް ގޭގައި ބަހައްޓާފައި ހުރީ ކިިތައް ތަށިތޯ އެވެ. ފައްޅިއަށް ދާއިރު ކިތައް ފިޔަވަޅު އެޅުނުތޯ އެވެ. އަދި އުޑުގައި ބަބުޅަމުން ދަނީ ކިތައް ތަރިތޯ އެވެ.

"ހައި ސްކޫލަށް ވަދެ، އަލްޖިބްރާ އާއި ޖިއޮމެޓްރީ ކިޔަވާ ހިތުން ހުރެވެނީކީ ނޫން،" ދި އެސޯސިއޭޓެޑް ޕްރެސްއަށް 1999 ގައި ދެއްވި އިންޓަވިއުއެއްގައި ކެތެރިން ވިދާޅުވި އެވެ.

އޮސްކާ ހަފުލާގައި، ފިލްމުގެ ތަރިންނާ އެކު ކެތެރިން ސްޓޭޖް މަތީގައި . --ފޮޓޯ:ރޮއިޓާސް

އެކަމަކު ކަޅު ނަސްލުގެ ކުއްޖަކަށް ވާތީ އޭރު، ދޮން ނަސްލުގެ ކުދިން ކިޔަވާ ސްކޫލެއްގައި އޭނާ އުޅުއްވުނީ ގްރޭޑް ހަޔަކާ ހަމައަށެވެ. އެހެންކަމުން އޭނާގެ ބައްޕަ އާއިލާއާ އެކު ދިރިއުޅުން ބަދަލުކުރީ އުފަން ސަރަހައްދާ 125 މޭލު ދުރަށެވެ.

ހައި ސްކޫލާއި ޔުނިވަސިޓީގައި ވެސް ކެތެރިން އަކީ މުޅިން ތަފާތު ބޭފުޅެކެވެ. އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ހުރަސްތަކާ އެކު ވެސް، ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއަށް ގެންދެވި އެވެ. އަދި ނާސާގައި ކިތައްމެ ބުރަކޮށް އުޅުއްވިޔަސް އޭނާގެ ޝަކުވާއެއް ނެތެވެ. އާންމުކޮށް ދުވާލަކު 16 ގަޑިއިރު މަސައްކަތްކުރެއްވި އެވެ. ބައެއް ދުވަސްދުވަހު ވަރުބަލިވެގެން، ކާރު ތެރޭގައި ވެސް އަވަހާރަފުޅު ލެއްޕެވެ އެވެ.

"އެއިން ކޮންމެ ދުވަހެއް ދެކެ ވެސް އަހަރެން އެހާ ލޯބިވޭ،" ކެތެރިން ވިދާޅުވެފައިވެ އެވެ.

"މަސައްކަތްކުރަން ދާހިތްނުވާ ދުވަހަކަށް އަހަރެން ހެއެއް ނުލަން."

ޖައްވުގައި ދުނިޔެ ވަށައި ބުރެއް ޖެހި އެމެރިކާގެ ފުރަތަމަ މީހާއަށް 1961 ގައި، ގްލެން ހަދައިދިން ދަތުރުގައި، މިސްރާބުގެ ބައި ފުރިހަމަކޮށްފައި ހުރީ އަސްލު ކޮމްޕިއުޓަރުގަ އެވެ. އެކަމަކު ކޮމްޕިއުޓަރަކީ ނާސާއަށް ވެސް އޭރު ވަރަށް ތަދު އެއްޗެކެވެ. އެހެންކަމުން ގްލެންއަށް އެއަށް އިތުބާރެއް ނުކުރެވެ އެވެ. ދަތުރުގެ ކުރިން ކެތެރިންގެ ކިބައިން ގްލެން އެދުނީ މެޝިނުން ދަައްކާ ހިސާބުތައް އަތުން ހަދައިގެން ޗެކްކޮށްދެއްވުމަށެވެ.

"އެ ނަންބަރުތައް ރަނގަޅޭ އޭނާ ބުނެފި ނަމަ، އަހަރެން މިހިރީ ނައްޓާލަން ތައްޔާރަށް،" ކެތެރިންނަށް ނިސްބަތްކޮށް ގްލެން ބުންޏެވެ.

13 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 63%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހުންމަދު

25 February 2020

ހަނދަށް ދިޔަކަން ގަބޫލް ނުކުރަނީ ދިވެހިން އެކަންޏެއް ނޫން.. ދުނިޔޭގެ އެތައް ބަޔަކު އެކަން ގަބޫލް ނުކުރޭ..... އަދި އެއީ ހަޤީގަތެއް ނޫންކަމަށް ގަބޫލްކުރެވޭ ސަބަބުތައްވެސް ބައިވަރު..

The name is already taken The name is available. Register?

ޑުރެކިއުލާ

25 February 2020

ތިކަހަލަވާހަކަދައްކާ އުޅުނީ ފްލެޓް އާތާ މޭޑްމައިކް އިހައްދުވަހު އަމިއްލައަށް ރޮކެޓެއްހަދައިގެން އުދުއްސައިގަތްތަނާ ވެއްޓި މަރުވެއްޖެ.

The name is already taken The name is available. Register?

ޑުރެކިއުލާ

25 February 2020

ތިޔައީ ކަމުގެ މުހިންމުކަމަށްވުރެ ފެމިނިސްޓުން ރުއްސަން ފަތުރާފަ ހުންނަ ޕުރޮޕެގެންޑާ. ހަގީގަތަކީ ނާސާއިން ހަނދަށް މީހުން ފޮނުވުމުގަ އަންހެނުންގެ ބޭނުމެއް ނުހިފާ، އެތައްހާސް ބަޔަކު އެކަމުގައި އުޅުނުއިރު ދެތިން އަންހެނަކު އޭގެތެރޭ ނޫޅެއެކޭނޫން، އެކަމަކު އެހެންމީހުންގެ ވާހަކަ ފޮރުވާފަ އަންހެނެއްވީމަ ވާހަކަ ފަތުރަނީ. ދެން އަހަރެމެނަކީވެސް އެދުވަހަކު އެމެރިކާމީހުން ފޭސްބުކާއި ޔޫޓިއުބަށް ރެކޮމެންޑުކޮށްފަ ފޮނުވާ އެއްޗެއް ބަލައިގެން ތިބޭބައެއް.

The name is already taken The name is available. Register?

ސިމްޕަލް

25 February 2020

ވަރަށް ފުރިހަމަ ލިޔުމެއް. ލިޔުމުގެ އަސްލު ކަމަށްވާ ނިއު ޔޯކް ޓައިމްސްގައި މާގަލިޓް ފޮކްސް ލިޔެފައިވާ ލިޔުމަށް ކްރެޑިޓް ނުދިނީ ކީއްވެބާއޭ ހިތަށް އަރާ.

The name is already taken The name is available. Register?

ބުރުއްޓާ

25 February 2020

ގަދަ. އެކަމަކު އަހަރުމެންނަށް ސައިންސާ ހިސާބުގެ އިލްމުން ދުވަހަކުވެސް ކުރި ނުހޯދޭނެ. އަހަރުމެންގެ އޮންނަ ކަލްޗާއަކީ ޓޫ ޕްލަސް ޓޫ މަނިކުފާނު ވިދާޅުވި ވަރެއް، ނުވިތާކަށް ޕާޓީގެ ލީޑަރުންނަ ބޭސިކް މެތަމެޓިކްސް ނޭގޭ. މިހާރުވެސް އެބޭފުޅާ ކާރިން އަހާބަލަ ގަހެއްގަ 5 ދޫނި އިންދާ މީހަކު ބަޑި ޖަހާ އެތަނުން 3 ދޫނި މަރާލައިފިއްޔާ ދެން ތިބޭނީ ކިތަށް ދޫނި ހޭ، ބުނާނެ ވަގުތުން 2 ދޫނީ އޭ....

The name is already taken The name is available. Register?

ސަމްސިއްޔާ

25 February 2020

ތިޔަކަހަލ ދިވެހިންގިނަވީމާ ސައިންސާ ހިސާބުގެ އިލްމުން ދިވެހިންނަށް ކުރިނުހޯދެނީ. ކޮންމެ ކަމެއްވެސް ސިޔާސީކޮށް ގަޅި ކޮމެންޓް ކުރާތީ. އިނގިއްޖެތަ؟؟

The name is already taken The name is available. Register?

ގުދުގުދާ

25 February 2020

މިއީވެސް ދިވެހިން ދައްކާފައިވާ ވާހަކަ؟. "ހަނދަކީ ﷲ ހައްދަވާފައިވާ ނޫރެކޭ! ކިހިނެއްހޭ އެތަނައްދާނީ"

The name is already taken The name is available. Register?

ރަދީފް

25 February 2020

ސާބަހޭ ކެތަރިން.އިންސާނުންނަށް ހަނދަށް ދެވުނުތަ؟!! ހަނދަށް ދެވުނު ބާ؟؟!! އިންސާނުން ހަނދަށް ދިޔަތަ؟؟!! (އޮންލީ ފޯ އަ ފްރެންދްލީ ޑިސްކަޝަން)..ވވެދުން

The name is already taken The name is available. Register?

ލަބީބު

25 February 2020

ބައެއް މީހުންގެ ވިސްނުން ހުންނަ ހިސާބު. ލޮލަށް ނުފެންނަ އެއްޗެއް ވިއްޔާ އެއީ ނުވާ ކަމަކަށް ހެދިގެން ތިޔަ ހުންނަނީ. ބަލަ ހަނދަށް ދިޔަ އުޅަދާއި އޭގެ ރޮކެޓް މިހާރުވެސް ދުނިޔެއިން ފެންނަން އެބަހުރި. އިންޑިއާ، ރަޝިޔާ، ޗައިނާ، އީޔޫ ގައި އެ ފެންނަ ވަރުގެ ބާރުގަދަ ޓެލެސްކޯޕު އެބަހުރި. ފެންނަ ވަރުގެ ގައުމަކުން ދުވަހަކުވެސް ހަނދަށް ދިޔަ ވާހަކަ އާއި މެދު ސުވާލެއް ނުއުފައްދާ.

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

25 February 2020

ހަޤީޤަތަކީ އިންސާނުން ހަނދަށްދިޔަކަން. އެކަން ކުރީވެސް އެމެރިކާގެ ޖައްވީއިދާރާއިންކަން. އެކަމަކު ދެރަކަމަކީ މިކަމުގެ އެއްވެސް އިލްމެއްނެތް ދިވެހިން ގަބޫލު ނުކުރާކަން.

The name is already taken The name is available. Register?

ސައިމާ

25 February 2020

ނޫނޭ.. އިންސާނުން މިއުޅެނީ ފަރުބަދަތަކުގެ ހޮހަޅަތަކުގައި. އުސް ބިލްޑިންގތަކާ، ވަޔަލެސް ޓެކްނޮލޮޖީ، ރޮކެޓްތަކާ، އަދިވެސް އެހެނިހެން ތަރައްގީއާއި ކުރިއެރުންތައް މިއީ ރަދީފާއި މަށަށްފެންނަ ބިލާހެއް. އަވާމެންދުރެއް. ހުވަފެނެއް.

The name is already taken The name is available. Register?

މުހުންމަދު

25 February 2020

ހަނދަށް ދިޔަކަން ގަބޫލް ނުކުރަނީ ދިވެހިން އެކަންޏެއް ނޫން.. ދުނިޔޭގެ އެތައް ބަޔަކު އެކަން ގަބޫލް ނުކުރޭ..... އަދި އެއީ ހަޤީގަތެއް ނޫންކަމަށް ގަބޫލްކުރެވޭ ސަބަބުތައްވެސް ބައިވަރު...

The name is already taken The name is available. Register?

ރަދީފް

25 February 2020

ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރީގައޮތް އެމެރިކާގެ ކޮންމެ 10 މީހަކުން އެކަކު ގަބޫލެއް ނުކުރޭ އެމެރިކާ މީހުން ހަނދަށް ދިޔަކަމަށް. #ފޭކްމޫންލޭންޑިންގް #ހޯކްސް #ކޮންސްޕައިރެސީތިއަރީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454