ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ސަލާމް ކުރައްވަނީ: އިންޑިއާގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނެވޭނެ ގޮތެއް ސަރުކާރުން އަންނަނީ ބަލަމުން.
21 މާޗް 2020 - 19:46
އިންޑިއާގެ ހުރިޙާ އެއާޕޯޓްތަކެއް މާދަމާ އިން ފެށިގެން ބަންދުވާ އިރު، މިރޭ ރާއްޖެ އަންނަން ޓިކެޓް ނެގި ދިވެހިންނަށް ރާއްޖެ އާދެވެންދެން، އެ މީހުން އެ ގައުމުގައި ތިބުމާއި ކެއުމުގެ ޚަރަދު އާސަންދަ ކުންފުންޏާއި އެންސްޕާ އިން ބަލަހައްޓަން ނިންމައިފި އެވެ.
އެކަން ކުރަން ނިންމާފައި ވަނީ އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުންނެވެ. ކޮންސިއުލޭޓްގެ ހޮޓްލައިން ނަމްބަރަކީ 919847702554+ އެވެ.
ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، ކޮންމެހެން ރާއްޖެ އަންނަން ޓިކެޓު ނެގި މީހުން ގެނެވޭނެ ގޮތެއް މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް، އެއީ ކޮން ގޮތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ސަރުކާރުން އެ މީހުންނަށް އެހީތެރިވެވޭނެ ގޮތެއް މިހާރު މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފަ ތިބި ދިވެހިން، އަނބުރާ އާދެވެންދެން ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފި.
— Aasandha Company Ltd (@AasandhaLtd) March 21, 2020
އާސަންދަ ކުންފުނީގެ ޓުވީޓް
ކޮންމެހެން މި ވަގުތު ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ރާއްޖެ ނާދެވި އިންޑިއާގައި ތާށިވީ މޯލްޑިވިއަންގެ މަތިންދާބޯޓުގެ ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރުމުންނެވެ. މި ކަމާ ގުޅޭ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިންޑިއާގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު، ފެތުރެމުންދާތީ އެ ގައުމުގެ ވައިގެމަގު ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ފިޔަވަޅު އަޅަނީ މިރޭ 12:00 ން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ބޭއްވި ނިއުސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ތަފާތު ބޭނުންތަކަށް އިންޑިއާ އަށް ގިނަ ދިވެހިންތަކެއް ގޮސްފައިވާއިރު، އެ ގައުމުގެ އެއާޕޯޓުތައް ހުޅުވަންދެން އަމިއްލަ ޚަރަދުގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ އެފަދަ މީހުން ދެނެގަނެ އެ މީހުންނަށް ހުރުމާއި ބޭސްފަރުވާގެ ކަންކަން ދިވެހި ސަރުކާރުން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއް ދިމާވެފައި ވަނީ އިންޑިއާ އަށް އެކަންޏެއް ނޫނެވެ. އެގޮތުން، ކޮރޯނާވައިރަސްއާ ގުޅިގެން، ލޮކްޑައުންއަކަށް ގެނެސްފައިވާ ބައެއް އެހެން ގައުމުތަކުގައި ވެސް ހަމަ މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފިލިޕިންސްގެ މެނީލާ އާއި މެލޭޝިއާ ވެސް ހިމެނޭ ކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އެ ގައުމުތަކުގައި ތިބި ދިވެހިންނާ މެދު ވެސް އަމަލުކުރަމުން އަންނަނީ މި ގޮތަށް ކަމަށެވެ.
ޗައިނާގެ ވޫހާން ސިތީގައި ކޮރޯނާވައިރަސް އުފަންވެގެން އައިއިރު، އެ ސީޓިގައި ނުވަ ދިވެހިން ތިއްބެވެ. އެ ސިޓީ ސެލްފް ލޮކްޑައުންއަކަށް ދިޔައިރު، ވައިރަސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާތީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު، ދިވެހި ސަރުކާރުން ވަނީ އެ ތަނުގައި ތިބި ދިވެހިން ރާއްޖެ ގެނެސްފަ އެވެ. ރާއްޖެ އައުމުގެ ކުރިން އިންޑިއާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް އެ މީހުން ވަނީ ހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނީރު
22 March 2020
ސަރުކާރުން ނުވަތަ މީޑިއާ އަކުންވެސް ކުރަންވީކަމަކީ ރައީސް ނަޝީދުގެ ހަބަރެއް ނުވަތަ އިންޑިއާގެ ޚަބަރެއް ދޭތެރެއަކުން ޖަހާލަންވީ. އެއިރުން މިބައިގަނޑު ނުކައި ނުބޮއި ތިބޭނެ ތަރަތަރަ ލައްވަން. ގޭގަ މަޑުކުރުވަންވެސް ރަނގަޅުގޮތެއް.
ނަސީދު
22 March 2020
ބަލެވޭގޮތުގައި ގަސްތުގައި ޕްލައިޓް ކެންސަލްކުރީކަމައް ލަފާކުރެވެނީ ސަބަބަކީ ކަރަންޓީން ފެސިލިޓީސް މަދުވާނެތީކަންނޭނގެ
ލައުރާ
22 March 2020
ތީއެއްވެސް ކަ މެއްނޫން ހެލިކޮޕްޓަރުގަގޮސް ގޮވައިގެން އައި މަނި މުނީ
ބޯޓު
22 March 2020
ފުލައިޓް ކެންސަލް ކުރީ ކީއްވެކަން މޯލްޑިވިއަންއިން ބުނެދެންޖެހޭ! އެ މީހުންނާ ހެދި އިތުރު ހަރަދު ތަކެއް ގަިއމުވެސް ހިނގާނެ!
ހައްގުބަސް
22 March 2020
ރާއްޖޭގަ މިއޮތީ ދަށުވެގެން މިނިވަންކަން ދީގެން ބާއްވާ ގުޅުމެއް މީތި ކަޑައޭ.
އަހަރެން ނުދެކެން
22 March 2020
ކާބަފައިން ކޮއްދިން އަގުހުރި އަމާނާއް ނެތޭހެން ހީވަން ފަށައިފި.؟
މިލިޓަރީ
22 March 2020
އިންޑިޔާއާ ގުޅުން ބަދަހި ކުރުމަކީ މަސްސަލެއްނުން. މަސްސަލައަކަށް ވެގެންމިއުލެނީ ރާއްޖެގެ އާރާބާރު ނެތި އިންޑިޔަގެ މުށުތެރެޔައް ރާއްޖެ ދާތީ.
falcon_autho
21 March 2020
އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްތިބި ބައިވަރު މީހުން އެބަތިބި ނާދެވި ތާށިވެފައި. އިންޑިއާގެ ވައިގެ ސިފައިންގެ އެހީގައިނަމަވެސް މިގޮތަށް ތާށިވެ ނާދެވިފައިތިބި މީހުން ރާއްޖެ ގެނައުން މުހިންމު. ކިތަންމެ މަސައްކަތެއް ކުރިޔަސް އިންޑިއާ އަކާ ދުރަށް ދިވެހިރާއްޖެއަކަށް ނުދެވޭނެ. ހަމަ އަވަށްޓެރިއެއްގެ ގޮތުގައި އިންޑިއާ އޮންނާނީ. ސަރަހައްދީ ގޮތުން އަވަށްޓެރިންނާ ދުރަށް ދެވޭކަށް ނޯންނާނެ. ދެން އުފެއްދުންތެރިކަމުގެ ގޮތުންވެސް ދުރެއްނުވެވޭނެ. މީހަގީގަތް.
ޕަންޖާބް
21 March 2020
މިމަހު 13 އިންފެށިގެން ޕަންޖާބްވެސްވަނީ ލޮކްޑައުންގައި، މިތާގަވެސް ދިވެހިން އެބަތިބި، ކޮވިޑްގެ ފެތުރެންފަށާފައިވާތީ މިތަނުގެ ހާލަތު ބަލާލުން ވެސް ރަނގަޅު ދެއްތޯ، އާސަންދަ ނުލިބޭ
ނަން
21 March 2020
މައި ސަރުކާރުންތަ؟