ވީބީ ފިހާރަ-- އަހުމަދު އަވްޝަމް އިލިޔާސް- މިހާރު
01 އެޕްރީލް 2020 - 14:16
އާންމު މުދަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވީބީ މާޓުން ވެސް ޑެލިވަރީ ހިދުމަތް ދޭން ފަށައިފި އެވެ.
ވީބީން ބުނި ގޮތުގައި އެ ފިހާރަ އިން 200ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކުރާ ނަމަ ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. އެ ފިހާރާއިން އެއްޗަކަށް އޯޑަރު ދޭން ބޭނުންވާ ނަމަ ޖެހޭނީ ވައިބާ ނަންބަރު، 9633855 އަށް މެސެޖު ކުރާށެވެ. އޯޑަރު ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދުގަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް، އާންމުން ބޭރަށް ނުނިކުމެ، ގޭގައި ތިބުމަށް ސިއްހީ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެހެންވެ، ވީބީގެ ފިހާރަތަކަށް ގޮސްގެން ވިޔަފާރިކުރުމުގެ ބަދަލުގައި ޑެލިވަރީގެ ހިދުމަތް ތައާރަފްކުރީ، އާންމުން އެއްވެ އުޅުން މަދުކުރުމަށް އެހީވުމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ރާއްޖޭން 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު މިހާރު ރާއްޖޭގައި ތިބި ޕޮޒިޓިވް ތިން މީހުންނަކީ ވެސް ދިވެހިންނެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކޮންމެ ދުވަހަކު ކާފިއު އިއުލާނު ކުރުމަށް ވަނީ ނިންމާފަ އެވެ.
ވީބީ ބްރާދާސް އަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެ ފިހާރަ ހުޅުވީ ވާލީ ބްރަދާސްގެ ނަމުގައި 1979 ވަނަ އަހަރު އެވެ. އެ ފިހާރައިގެ މައިގަނޑު މަގްސަދަކީ އަތް ފޯރާ ފަށުގައި، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.
މިދިޔަ ދުވަސްތަކުގައި އެ ކުންފުނިން ވަނީ އާންމު ކާބޯތަކެތީގެ ގިނަ ބްރޭންޑްތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ކެލޯޖްސް އާއި ޕްރިންގަލްސް އާއި މާސް، ސްނިކާސް އާއި ޓްވިކްސް، ބައުންޓީ އާއި އެމް އެންޑް އެމްސް އާއި މޯލްޓެސާސް އާއި ޖޯންސަން އެންޑް ޖޯންސަން އާއި ގާނިއާގެ އިތުރުން ލޯރިއަލް އާއި ޓްރޮޕިކާނާ ސްލިމް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ ތަކެތި
01 April 2020
ތަކެތީގެ ލިސްޓާ އަގު ފެންނާނީ ކޮންތާކުންބާ؟