04 އެޕްރީލް 2020 - 08:51
ހޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމު "ޓޮޕް ގަން" ގެ ދެވަނަ ބައި ރިލީޒްކުރުން ފަސްކޮށްފި އެވެ.
ކުރިން އަންނަ ޖޫން މަހުގެ 24 އަށް ތާވަލުކޮށްފައި އޮތް "ޓޮޕް ގަން: މެވެރިކް" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 23 ގަ އެވެ. އެކަން ކަށަވަރުކޮށް ދެމުން އެ ފިލްމު ޑިސްޓްރިބިއުޓްކުރާ ޕެރަމައުންޓް ޕިކްޗާޒުން މީޑިއާތަކަށް ބުނީ ފިލްމު ލަސްކުރީ ކޮވިޑް-19އާ ހެދި ކަމަށެވެ. އަދި ފިލްމު ފަސްކުރި ވާހަކަ ކްރޫޒް ވެސް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
I know many of you have waited 34 years. Unfortunately, it will be a little longer. Top Gun: Maverick will fly this December. Stay safe, everyone.
— Tom Cruise (@TomCruise) April 2, 2020
"ޓޮޕް ގަން: މެވެރިކް" އަކީ 1986 ގައި ގެނެސްދިން "ޓޮޕް ގަން" ގެ ދެވަނަ ބައެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޖޯސެފް ކޮޒިންސްކީ އެވެ. މި އެކްޝަން ޑްރާމާ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނެލީ، މިލެޒް ޓެލާ، ގްލެން ޕަވަލް ވަލް ކިލްމާ، އެޑް ހެރިސް، ޖޮމް ހެމް އަދި ލުވިސް ޕުލްމަން ހިމެނެ އެވެ.
"ޓޮޕް ގަން: މެރެވެރިކް" އަކީ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
މި ފިލްމު ރިލީޒްކުރުން ފަސްކުރި އިރު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ޝޫޓިން ވެސް ކޮވިޑް-19އާ ހެދި ވަނީ ލަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy