ކާފިއު ވަގުތުގައި މަގުތަކަށް ނުކުމެ އުޅުނު ބަޔަކު އިއްޔެ ހުއްޓުވާފައި: މިއަދާއި އިއްޔެ ނަސޭހަތް ދިނަސް ފުލުހުން ނިންމާފައި ވަނީ މާދަމާ ޖޫރިަމަނާކުރަން ފަށަން. --ފޮޓޯ/މިހާރު
03 އެޕްރީލް 2020 - 23:19
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުތް މީހުންގެ އަދަދު އިއްޔެއާ އަޅާބަލާއިރު މިއަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ކަންބޮޑުވެއްޖެ އެވެ.
ދުނިޔޭގައި ކޮންޓްރޯލްނުވެ ފެތުރި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ޖެހުނު ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިއްޔެ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެ ތިން ގަޑިއިރު ކޮންމެ ދުވަހަކު ވެސް ކާފިއު ހިންގާނެ އެވެ.
ވަކި ގޮތަކަށް ކަނޑައަޅަންދެން، ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އުޅުން ވެސް މަނަލެވެ.
ކާފިއުގެ ވަގުތުގައި ފުލުހަކު މަގުމަތި ޕެޓްރޯލްކުރަނީ. --ފޮޓޯ/މިހާރު
އެންއީއޯސީގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ މަގުތަކަށް ނުކުތުން މަނާކޮށްފައި އޮތް ތިން ގަޑިއިރުގެ ތެރޭގައި އިއްޔެ މަޑުކުރުވައި ނަސޭހަތްދޭން ޖެހުނީ 95 މީހަކަށް ކަމަށާއި މިއަދު އެ އަދަދު މަދުވާނެ ކަމަށް ބަލައިގެން ތިއްބައި ކަން ހިންގީ އިދިކޮޅަށް ކަމަށެވެ. ސައިކަލް ދުއްވުމާއި ހިނގާފައި މަގުތަކަށް ނުކުމެ އުޅުނު ކަމަށް ފުލުހުން ދިން ހިސާބުތަކަކީ "ވަރަށް ދެރަ ކަމެއް" ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އިން މިއަދު 284 މީހުން ހިފެހެއްޓި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހުޅުމާލެ އިން އިއްޔެ 11 މީހަކު ހިފެހެއްޓި އިރު މިއަދު 67 މީހަކު މަޑުކުރުވަން ޖެހުނެވެ. ވިލިމާލޭގައި އިއްޔެ ނުވަ މީހުން ނުކުތްއިރު މިއަދު 25 މީހަކު ނުކުތެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ވައިރަސް ފެތުރުނަ ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން، ކާފިއުގެ ވަގުތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތިން ގަޑިއިރު މަދުވެގެން ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. އެކަމަކު، އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެސް އަދަދުތައް އިތުރުވަމުން އަންނަ ކަން މިއަދު ހާމަވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދެއްވަނީ. --މިހާރު ފޮޓޯ
މަބްރޫކްގެ އަނެއް ކަންބޮޑުވުމަކީ މަނާ ގަޑިތަކުގައި މަގުތަކަށް ގިނައިން ދިވެހިން ނުކުތުމެވެ. ކާފިއުގެ ވަގުތުގައި، ދެ ދުވަހުގެ ތެރޭގައި 376 މީހަކު މަގުތަކަށް ނުކުމެފައިވާ އިރު އޭގެތެރެއިން 333 ދިވެހިން ހިމެނެ އެވެ. ބިދޭސީންގެ އަދަދަކީ 43 އެވެ.
"ފުލުހުން ވިދާޅުވަނީ މި ދެ ދުވަހު ދިނީ ނަސޭހަތޭ. މާދަމާ ފިޔަވަޅު އަޅާނަމޭ،" --މަބްރޫކް
ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުންނަ މީހުން ޖޫރިމަނާކުރަން ނިންމާފައި ވަނީ 1،000 ރ. އިންނެވެ.
ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ބޭރަށް ނުނިކުމެ، ގޭގައި މަޑުކުރަން މަބްރޫކް އިލްތިމާސްކުރެއްވި އެވެ.
މާލޭގައި ވަކިވަގުތެއްގައި ނުކުމެ އުޅުން މަނާކުރާ އެންގުމުގައި އިސްތިސްނާކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ޑިއުޓީކުރާ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ ވެހިކަލާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި ކުނި އުކާލުމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އުޅަނދުތަކާއި އުރީދޫ އާއި ދިރާގާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި ޖީ ބޯޑު ހަރުކުރި ސަރުކާރުގެ ވެހިކަލްތަކާއި ޑިޕްލޮމެޓިކް އުޅަނދުތަކާއި އެމްބިއުލާންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް އޮންނަ މީހުންނާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެޗްޕީއޭގެ ސްޓިކާ ޖަހާފައިވާ އުޅަނދުތަކެވެ.
މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. ޜާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.
ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރުގައި މި ވައިރަސް ފެނި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ރާއްޖެ އިން އައީ ދުރާލައި ތައްޔާރުވަމުންނެވެ. ހެލްތު މިނިސްޓްރީ އިސްވެ އޮވެ އެޗްޕީއޭ އާއި ކަމާބެހޭ އެހެން އިދާރާތަކުން މިކަމާ ދެކޮޅަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއްހެން، ރާއްޖެ އިން މި ވައިރަހަށް ޕޮޒިޓިވް މީހަކު ފެނުނު އިރު ހުރީ އަޅައިފަ އެވެ.
މިހާތަނަށް އާއްމުންގެ ތެރޭގައި ބަލި ނުފެތުރިވާ މައިގަނޑު ސަބަބަކީ ވެސް އެ އެވެ. ކަމާބެހޭ އިދާރާތަކުގެ ހުރިހާ ވިސްނުމަކާއި ފިޔަވަޅުތަކެއް އަމާޒުކޮށްފައި ވަނީ ވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށެވެ. މިކަމުގައި ތަކުރާރުކޮށް އެދެމުން އަންނަނީ އިޖުތިމާއީ ގައިދުރުކަމާ އެކު އާއްމުންގެ އެއްބާރުލުން ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
04 April 2020
މުޅިދުވަސް ދޫކޮށްލާފަ ހަވީރު 5 ކުން ރޭގަނޑު 8 ކާފިޔު ހިންގުމުގެ ބެނުމަކީ ކޮބާބާ!!!.
މުނާ1
06 April 2020
އެންމެ ގިނައިން މީހުން ކުރަނީ މަޣްރިބާ ޢިޝާ
ނަމީދު
04 April 2020
އޮންލައިނާ ކިޔައިގެން ކޮން މޮޅު ވާހަކަތަކެއް ދައްކާކަށް. ގެންގޮސްދޭތީ ވެސް ޝުކުރުކޮށްލާ!
ނަޝީދު.
04 April 2020
އިންޑިޔާގަ ކުރާގޮތައް މިތާވެސް ކުރެވޭނީ. ދަނޑިބުރި ހިފައިގެން ނިކުމެ ތަޅައިގެން. މީ އިންޑިޔާ ދަރިފަސްކޮޅު ބަޔެއް ވިއްޔަ.
ޝައިޚް.
04 April 2020
މީ ގާނޫނު ތަންފީޒު ނުކުރެވޭ ކަމުގެ ހެކި، ބަންގާޅިން ވަންވޭގަ ބައިސްކަލް ހިފައިގެން، އަރައިގެން ދުއްވާފަ ދިއުން އާދަވެފަ، ދިވެހިން ސައިކަލް ވަންވޭގަ ގަވާއިދާ ޚިލާފަށް ސިގިރެޓް ބޮމުން، ފޯނުން ވާހަކަދައްކަމުން ދުއްވުން އާދަވެފަ، މިކަން ހުއްޓުވަނީ ކާކު.؟ އަހަރެމެނަށް ވަރައް ގިނައިން ފެނޭ، ހުއްޓުވަންތިބި މީހުނަކަށް ނުފެނޭ،
އަހުމަދުސީދީ
04 April 2020
ފުރަތަމަދު ދުވަހު ލިބުނު ފުރުސަތުގަ ފިޔަވަޅު އަޅާ ޖޫރިމަނާ ކުރިނަމަ، ޖެހިގެން އަންނަދުވަހު ނިކުންނަން ނުކެރުނީސް. ދެންވާނީ ވަކިބަޔަކަށް ވަކިގޮތަކަށް ހެދިކަމަށް ފަހުން ޖޫރިމަނާކުރާނަމަ. އިއުލާނުގަ ނުބުނޭ ދެދުވަސްމަތީން ނަސޭހަތްދޭނަމެކޭ. މާ ރަނގަޅު ވާން އުޅުނީމާ ގޮވާނީ އަތަށް.
ޖަން ގަން
04 April 2020
މިމީހުނަށް ދޭންވީ އަދަބަކީ އަތްފައި ބަންދެފައި ތިންގަޑިއިރު ވާނދެއް ބޭތިއްބުން
ކަކުނިބޯ
04 April 2020
ފިޔަވަޅު ނަޅުއްވާތީ ތިޔަހެންތިވަނީ ހިތާ މަޔަކީ ފިޔަވަޅުއަޅުއްވާއިރު ރެފިޔުޖީން ދިވެހިންނަށް ފިޔަވަޅުއަޅުއްވަނެކަން ޔަޤީންވެއްޖެ ދެން ނަ މަވެސް އިސްރަށްވެހިންގެގޮތުގައި އުޅުއްވާ ބިދޭސީން އަށް ފިޔަވަޅެއް ނާޅާނޭ އަދި ޤާނޫނެއްގަވާއިދެއްވެސް ނުހިގާނެ. ޕޮލިހުން ބުނާނެ އިމިގްރޭޝަނޭ. ހެލތުން ބުނާނެ ޕޮލިހޭ. އި މިގްރޭޝަން ބުނާނެތިޔައީ ހެލްތް މައްސަލައޭ މިއީ މަބްރޫކް ބުނާކަށް ޤަ އު މެއް ޤަ އު މި ވަތަނީ އަދި ދީނީ އެއްބައިވަންތަ ޤަ އު މެއް. މަބްރޫކަށް ސަލާން
ޑިމޮކްރަސީ 2008
04 April 2020
ދިވެހިންނަކީ އަދި ތިޔަހާ ބަސްއަހާ ބަޔެއްނޫން!
އަހުމަދުބޭ
04 April 2020
މައްސަލައަކީ ދޫދިނުން، އަދި ޖޫރިމާނާ އެކަނިކޮއް ދޫވެސް ކޮއްނުލާންވީ، ބޭރުގައި އުޅޭމީހުން ގެންގޮސް ގަލޮޅުދަނޑުގައި 8 ގަޑީއިރު ބައިތިއްބައިފަ ޓީވީން އެމީހުން ދުރައްދައްކަންވީ އަދި ހައްޔަރުގައި ތިބޭވަގުތު އެންމެ މިނިމަމް އެހީދޭންވީ، ދެން ޖޫރިމަނާކޮށް ފައިސާގެ ކަންކަން ނިމުނީމަ ދޫކޮއްލަންވީ އެހެން ނޫނީ ދިވެހީންނަކަށް ވިސްނޭކަމަކަށް ނުވާނެ،
2އަހަރެންގެ ގައުމުގެ މީހުނޭވ22
04 April 2020
އަހަރެންނަށް މިރޯގާއާ ގުޅިގެން ސަރުކާރާ ހެލްތްޓީމުގެ މަސައްކަތް އާއްމުކޮށް ވ. ކަމުދޭ. ސީރިއަސް އަދި އޯގާތެރި. ގައުމު ޑިސިޕްލިން ކުރުވަަން ޖެހޭ. އެއީ ތަރުބިއްޔަތުގެ ޕްރޮސެސްއެއް. ހުރިހާ އެންމެންވެސް ގަވައިދުތަކަށް އިހްތިރާމްކުރޭ. ދައުލަތަކަށް ބައިވަރު ރައްޔިތުނަކަށް އަދަބުދޭކަށެއް ފަސޭހައެއް ނުވާނެ، އެކަމަކު ގަވައިދުތައް ދަމަހައްޓަން އެބަޖެހޭ. އަހަރެން ބަަލަނީ މީ އަތުވެދާނެ އުނދަގޫ ހާލަތަކަށް ތައްޔާރުވެ އާދަ ހަރުލެއްވުމަކަަށް.