މާސްކު އަޅައިގެން ބަންގްލަދޭޝް ރައްޔިތުންތަކެއް ވިޔަފާރި ކުރަނީ: 41 ދިވެއްސެއް ބަންގްލަދޭޝްގައި މިވަގުތު އެބަހުރި -- ފޮޓޯ: އޭއެފްޕީ
05 އެޕްރީލް 2020 - 15:22
ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ނުގެނެވި ލަސްވަނީ އެ ގައުމުން ދޭން ޖެހޭ ހުއްދަތަކެއް ނުލިބި ލަސްވާތީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އެ ގައުމު އޮތީ ލޮކްޑައުން ކޮށްފަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަންގްލަދޭޝް ލޮކްޑައުން ކުރި އިރު އެ ގައުމުގައި 41 ދިވެހިން ތިއްބެވެ. ގިނައީ އެ ގައުމުގެ ވެރި ރަށް ޑާކާ އަދި ޗިޓަގޮންގް ސިޓީގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.
ބަންގްލަދޭޝް ލޮކްޑައުން ކުރުމުން އެ ގައުމުގެ އެތެރޭގެ ދަތުރުތަކާއި ކޮމާޝަލް ފްލައިޓުތައް ދުއްވުން ވަނީ ހުއްޓާލައިފަ އެވެ. އަދި އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ކޮމާޝަލް ފްލައިޓެއް އެ ގައުމަށް ނުދެވޭނެ ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ޗާޓާ ފްލައިޓެއް ހަމަޖެއްސުމުން، އެ ގައުމެއްގެ ރައްޔިތުންނަށް އަނބުރާ ދެވޭނެ ގޮތް ހަމަޖައްސަން ހުއްދަ ދޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޖަޕާނާއި އެމެރިކާ އިން ވަނީ، ޗާޓާ ފްލައިޓު ފޮނުވައިގެން ބަންގްލަދޭޝްގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންގޮސްފަ އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު މިއުވާން "މިހާރު" އަށް ވިދާޅުވީ، ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ގެންނަން އެ ގައުމުގެ ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެ ގައުމުގައި ތިބި ދިވެހިންގެ ކަންބޮޑުވުންތައް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝް އަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ދަތުރުކުރަމުން އައި ގައުމެއް ކަމަށް ވާތީ ދަތުރުގެ ކަންތައް ހަމަޖައްސަން ފަސޭހަ ވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ބަންގްލަދޭޝް އަކީ މޯލްޑިވިއަން އިން އާންމުކޮށް ދަތުރުކުރާ ގައުމެއް. ހުއްދަ ލިބުނުހާ އަވަހަކަށް ދިވެހިން އަނބުރާ ގެންނާނަން،" މިއުވާން ވިދާޅުވި އެވެ.
ޗިޓަގޮންގް ސިޓީގައި ހުންނަ ޗޮއްތޮގްރާމް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކު ބުނީ، ބަންގްލަދޭޝްގައި ތިބި ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑަށް ޓެސްޓުކުރާނެ ކިޓް އެކަށީގެންވާ ވަރަށް އެ ގައުމުގައި ނެތުން ކަމަށެވެ. އަދި ޓެސްޓު ކުރެވެނީ އެންމެ ހަ ސެންޓަރެއްގައި ކަމަށް ވާތީ ބަލި ޖެހިފައި ތިބި މީހުންގެ ހަގީގީ އަދަދު ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އެންމެން ވެސް ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
"ކާ އެއްޗެހި މިވަގުތު އެބަހުރި. އެކަމަކު ހުސްވީމަ ގަންނަން ނިކުންނަން ޖެހޭނެ، އެ ތަކެއްޗަށް އަރައިގަނެފާނެ ކަމުގެ ބިރު ބޮޑު،" ދަރިވަރު ބުންޏެވެ.
ލޮކްޑައުންއާ އެކު ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ލޮކްޑައުން ނިމޭނީ އަންނަ ހޮނިހިރު ދުވަހެވެ.
ބަންގްލަދޭޝް އިން ކޮވިޑް-19 އަށް 60 ވަރަކަށް މީހުން ޕޮޒިޓިވްވެފައި ވާ އިރު، 19 މީހުން ވަނީ މަރުވެފަ އެވެ. ރޯގާ އާއި ހުމުގެ އަލާމާތްތައް ހުރި މީހުން، ހޮސްޕިޓަލުތަކަށް ވައްދަނީ އެ ބައްޔަށް ޓެސްޓުކުރުމަށް ފަހު ނެގަޓިވް ވުމުންނެވެ. ޕޮޒިޓިވް ވެއްޖެ ނަމަ، ފަރުވާ ކުރަން ހާއްސަ ސެންޓަރުތަކަށް ގެންދެ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ޓެސްޓުކުރުމުގެ ވަސީލަތްތައް ނެތުމުން، ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަރުވާ ނުލިބެނީސް މަރުވަމުންދާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
ޗައިނާ އަށް އުފަން މި ބައްޔަށް، މުޅި ދުނިޔޭގެ 1.2 މިލިއަން މީހުން މިހާރު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 247،302 މީހުން ރަނގަޅުވެފައިވާ އިރު، 64،788 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
05 April 2020
މާލެ އިން ބަންގްލަދޭޝް އަށް ދާން ބޭނުން މީހުން ވ ގިނަ އެވެ. އެމީހުންނަށް ފުރުސަތު ދީބަލާށެވެ.
ތާހިރާ މޫސާ
05 April 2020
ސަރުކާރުން ބަގުލަދޭސް އަށް ދާން ހުއްދަ ނުލިބެނީ އޭ ކިޔާފަ ހަދަނީ ހުސްދޮގު
ނަފީސް
05 April 2020
އާދޭސް ކޮށްފަ ބުނަން މި ޤައުމުގަ ޤަވާއިދާއި ޚިލާފަށް ތިބި ބަންގްލާދޭޝް މީހުން ތިޔަ ފްލައިޓްގަ ފޮނުވާދީ. އޭރުން ވެސް ރާއްޖެ އަށް އެތައް ތަނެއް ލުއިވާނެ.
ނަސްރު45
05 April 2020
މިކޮޅުގަ ފްރީ ވިސާގަތިބި ބަންގާޅީން ވެސް ފޮނުވާލެވޭތޯ؟
ޢާސީ
05 April 2020
ލާރިލިބޭތީތަ ބަންގާޅީން ފޮނުވާ ނުލެވެނީ އަދި ހިޔާލެއްވެސް ނެތޯ
ބޮޑުމީހާ
05 April 2020
ބައެއް ގައުމުތަކުން މީހުން ގެންނަނީ ސަރުކާރުގެ ބޮޑެތި މީހުންގެ އާއިލާއާއި ކުދިން ގެންނަންވެގެންނޯ ކިޔާ އަޑުއިވުނު އެއީ ތެދެއްތޯ!
ނަން
05 April 2020
ނޭޕާލްގައި ތިބި ދިވެހިން މަތިން ސަރުކާރުން ހަނދާން ނެތުނީތޯ?? ވަރަށް ދެރަ ކަމެއް މީދެން
ދެރަ
05 April 2020
މިތާތިބި ބަންގާޅީން ވެސް ގޮވައިގެންދާތި. ޙަމަހުވާ ހުރިހާ ކުދިވިޔަފާރިއެއްފުޑިއްޖެ. މިބިދޭސީންނާހުރެ.
އަނބިމީހާގެފިރިމީހާ
05 April 2020
އޮޅުމަކުން އަނެއްކާ ބަންގާޅީ ޝިޕްމެންޓެއް ނުގެންނާތި. ރަނގަޅަށް ޗެކުކޮށް ދިވެހިންކަން ޔަގީންކޮށްފާ ގެންނާނީ. އެމީހުން ދިވެހި ބޯޑަރުވެސް އެހުރަސްކޮށްލަނީ ބުޅަލެއް މަގުހުރަސްކޮށްލާހާ ފަސޭހަކޮށްވިއްޔަ. މިކަމުގައިވެސް ރަނގަޅަށް ނުބަލައިފިނަމަ އެމީހުން އިސާހިތަކު މިތަނުގެ ބޯޑަރު ހުރަސްކޮށްލާނެ. ވަރަށް ބޯބޮޑު ބައެއް އެމީހުންނަކީ.
މަންނާނުކ
05 April 2020
ރާއްޖޭގަ މިތިބަ ބަްގލްފޮނުވާލަނީ ކޮންއިރަކުް
ހުތް އާދަނު
05 April 2020
ބަނގަލަދޭޝްގެ ވެރިން ބޭނުމެއް ނުވޭ އެމީހުން ގެންދާކަށް.