ކުޅިވަރު / ޓީއެފްޖީ

ގޭގައި ދުވެލައި، ޓީއެފްޖީ ހޯމް ރަންގައި ބައިވެރިވެލާ

ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިނުވި ނަމަ، އަންނަ ހުކުރު ދުވަސް ވެގެންދިޔައީހީ ދުވުމަށް ލޯބިކުރާ ދިވެހިންނަށް އަނެއްކާ ވެސް އީދަކަށެވެ. އެއީ ރާއްޖޭގައި ދިގު ރާސްތާ ދުވުމުގެ ފޯރި އާލާކުރުމުގައި ހިއްސާވާ، ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ މި އަހަރުގެ ދުވުން ބާއްވަން ރޭވި ދުވަހެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދުވުން މިހާރު ވަނީ ޖުލައި 17 އަށް ފަސްކޮށްފަ އެވެ.

އެއީ އެ ދުވުމަށް، ބުންވަރު ރަނގަޅުކޮށް ދުވެލި ބާރުކޮށްލި ދުވުންތެރިންނާއި އަލަށް ރޭހެއްގައި ދުވެލައި ކަރުގައި މެޑަލް އަޅުވާލަން ތައްޔާރުވި އެތައް ބަޔަކަށް ލިބުނު ފޫހިކަމެކެވެ. އެ ފޫހިކަން ފިލުވާލާށާއި، ގޭގައި އަބަދު ތިބެން ޖެހުމުން ތާއްޔާޖެހިފައިވާ ރޫހު، އާކޮށްލަން ޓީއެފްޖީން މިހާރު ވަނީ #ޓީއެފްޖީހޯމްރަން ގެ ނަމުގައި ވާޗުއަލް ދުވުމުގެ އިވެންޓެއް ހުކުރު ދުވަހަށް ރާވައިފަ އެވެ.

"ވައިރަހަށް، އެއްވުންތައް ހުއްޓުވިދާނެ. އަދި އެންމެން ލޮކްޑައުނަށް ވެސް ލެވިދާނެ. އެކަމަކު އަހަރެމެން އެންމެން ނުހަނު ލޯތްބާ އެކު ދުވާ ދުވުން، ނަގައެއް ނުލެވޭނެ،"

އެ ޝިޔާރާ އެކު، ޓީއެފްޖީން އެންމެންނަށް ދައުވަތު ދެނީ ހުކުރު ދުވަހު ގޭގައި "ހޯމް ރަން" އެއް ދުވެލުމަށެވެ. ގޭގައި 2.5 ކިލޯމީޓަރު، ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު ނުވަތަ ހާފް މެރެތަންއެއް ދުވެލައި، އެ ދުވުން އިންސްޓަގްރަމް، ފޭސްބުކް ނުވަތަ ދުވުމަށް ހާއްސަ އެޕްލިކޭޝަން ސްޓްރާވާ މެދުވެރިކޮށް ޓީއެފްޖީއާ ހިއްސާކޮށްލަންވީ އެވެ. ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާއަދާކުރުމުގެ ގޮތުން ގޭގައި، ހަރަކާތްތެރިކޮށް ތިބެން ކުރާ މަސައްކަތުގެ ނިޝާނެއްގެ ގޮތުގަ އެވެ.

"ގޭގައި ކޮންތާކު ދުވާނީ؟"، "ގެޔަކު ނެތް ޖާގައެއް؟"

މިއީ އަމާޒުވާނެ ސުވާލުތަކެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބަޔެއް ދިރިއުޅޭ މާލޭގެ ގިނަ ގޭގޭގައި ދުވެލަން ކީއްކުރަން ހަމަޖެހިލައިގެން ތިބެލެވޭނެ ޖާގައެއް ވެސް ނެތެވެ. ބަޔެއް ގެތަކުގައި ދުވާ މެޝިން ހުރެ އެވެ. ނެތިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިކަން ޗެލެންޖަކަށްވަނީ އެ ހިސާބުންނެވެ. ކުރިން ލަފާކުރެވިފައި ނެތް މި ހާލަތު އައުމާ ގުޅިގެން ގޭގައި ތާށިވީ އެތައް ބަޔަކު އަންނަނީ ގޭގައި އޮތް ޖާގައެއްގެ ބޭނުން ހިފައި ދުވަމުންނެވެ. ޓީއެފްޖީގެ ސީއީއޯ އަދި ލޯންގް ރަންގެ ޑިރެކްޓަރު މުހައްމަދު މިސްތޯ އަކީ އޭގެން އެކަކެވެ. ކޮންމެ ދުވަހަކު ހެނދުނު މާލެ ވަށައި ދުވެނުލާ ހިތަށް ހަމަޖެހުމެއް ނުލިބޭ މިސްތޯ ގޭގައި ބަންދުވުމުން، މިހާރު ދުވަނީ ގޭތެރޭގައި އެންމެ "ހަ މީޓަރުގެ ޓްރެކެއް"ގަ އެވެ.

"އުނދަގޫ ވެސް ވި. ފޫހިވެސް ވި. ކުޑަތަންކޮޅެއް ދުވެލާފައި އަނބުރާލަން މި ޖެހެނީ. އެކަމަކު ގޭގައި ހުންނަން ޖެހުނު ހިސާބުން ފެށިގެން އެވްރެޖްކޮށް ކޮންމެ ދުވަހަކު 10 ކިލޯމީޓަރު އެބަ ދުވަން،" މިސްތޯ ބުންޏެވެ.

މާނައަކީ އާއްމުކޮށް އޭނާ މާލެ ވަށައި ކޮންމެ ދުވަހަކު ދެ ބުރުން ފުރިހަމަކުރާ 10 ކިލޯމީޓަރުގެ ރާސްތާ މިހާރު ކަޑައްތުކުރަން ޖެހެނީ "ހަ މީޓަރުގެ ޓްރެކެއް" ގައި 1600 ބުރުންނެވެ. ޓީއެފްޖީގެ އެހެން އިންސްޓްރަކްޓަރަކު ދުވަނީ ސިޑިން އަރައި ފައިބައިގެންނެވެ. މިވަގުތު އެހެން ގޮތެއް ނެތެވެ. ދިފާއީ ނިޒާމް ވަރުގަދަކުރުމަށްޓަކައި، ކަސްރަތަކީ އެހާމެ މުހިއްމު ކަމަކަށްވާއިރު އަމުދުން މި ދުވަސްވަރު ހަރަކާތްތެރިކޮށް އުޅުން ވަރަށް މުހިއްމެވެ.

މި ފަދަ ހާލަތެއްގައި ވެސް ދުވުން ނުވަތަ ކަސްރަތު ކުރަން ޓީއެފްޖީން ބާރު އަޅާ އަނެއް ސަބަބަކީ މިކަމުން އަރައިގަނެވި އާއްމު ދިރިއުޅުމަކަށް ރުޖޫއުވާއިރު، ކަސްރަތު ދިރިއުޅުމުގެ މުހިއްމު ބަޔަކަށް އަލުން ހެދޭނީ މި ދުވަސްވަރު ވެސް އެކަމުގައި ދެމިހުރެގެން ކަމަށް ވުމެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ކޮވިޑް-19 ގެ ނެގެޓިވް ހަބަރުތަކާއި މައުލޫމާތުން ސިކުނޑި ފުރި އެ ލިބޭ ހާސްކަމުން އަރައިގަތުމަށްޓަކައި ކަސްރަތު ވަރަށް މުހިއްމު އަދާކުރާނެ އެވެ.

"ވަރަށް މުހިއްމު (އާއްމު ދުވަހެކޭ އެއްފަދައިން) ހަމަ ހެނދުނު ހެނދުނާ ހޭލައިގެން ދުވުން. މުޅި ދުވަހު އަހަރެމެން އެންމެންނަށް އިވޭނީ ދެރަވާ ކަހަލަ ހަބަރުތައް. އެހެންވެ ކޮންމެ ދުވަހަކު ހެނދުނު ދުވެލައި، ރަނގަޅު ފެށުމަކުން ދުވަސް ފަށައި ތާޒާކޮށް ހުރުމަކީ ޕޮޒިޓިވް މޫޑެއްގައި ހުރުމަށް މަގުފަހިވާނެ ކަމެއް،" މިސްތޯ ބުންޏެވެ.

މި ހުކުރު ދުވަހަކީ އެކަމަށް ރަނގަޅު ފެށުމަކަށް ހެދިދާނެ އެވެ. #ޓީއެފްޖީހޯމްރަން ގައި ރަޖިސްޓްރޭޝަނެއް ނޯންނާނެ އެވެ. ލޯންގް ރަންގެ ބެނާގެ ދަށުން އަދި އެ ދުވުމުގެ ޕާޓްނަރުންގެ ވެސް ބައިވެރިވުމާ އެކު ރޭވި ނަމަވެސް މިއީ ނުރަސްމީ، ވާޗުއަލް އިވެންޓެކެވެ. އެހެންވެ އެ އިވެންޓް ފުރިހަމަކޮށްލުމަށް ފަހު ކަރުގައި އަޅުވާލާ މެޑެއްޔަކީ ވެސް، ދަރިފުޅު ނުވަތަ އާއިލާގެ މެމްބަރަކު ލައްވާ ހައްދުވާ ރަމްޒީ އުފެއްދުންތެރި މެޑެއްޔަކަށް ވެއްޖެ ނަމަ މި ދުވުން އިތުރަށް ހަނދާނީވީ އެވެ.

މިކަމުން އަރައިގަނެވިއްޖެ ނަމަ ޖުލައި 17 ގައި ޓީއެފްޖީ ލޯންގް ރަން އަހަރެމެންނާ ބައްދަލުކުރާނެ އެވެ. ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި، އެހާމެ ފަސޭހަ ރޫޓެއްގައި ދުވެލައި، ރީތީ މެޑެއްޔެއް ކަރުގައި އަޅުވާލެވޭނެ އެވެ. އެ ދުވަސް ގެނެވެން އޮތީ ވެސް ކޮވިޑް-19 ފެތުރޭ "ކާވް" ހިންދާލެވިގެންނެވެ. އެކަން ކުރެވެން އޮތީ ގޭގައި ތިބެގެންނެވެ. ޓީއެފްޖީން މި ހިތްވަރު ދެނީ ގޭގައި ތިބޭ ދުވަސްކޮޅުގައި ވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭށެވެ. އަދި ދުވުމުން ހިތްހަމަޖެހުން ހޯދައި ފޯރި ނަގައި އެންމެން ރޫހު އާކޮށް އުފާވެރިކަން އާލާކޮށްލާށެވެ.

3 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންދްރޯ

07 April 2020

ކޮބާ މެންބަރުންތަ..މިއޮޓތީ އާކުޅިވަރެއް އަނެއްކާވެސް އިސްތިހާރު ވެލަން... ޓިޝޫ ނިމުނީ ދެން އޮތީ ދުވެނެގުން...ނަމަ ނަމަ އެންމެން ޓެގްކުރާތި

The name is already taken The name is available. Register?

ޝާޑު

06 April 2020

އައިޑިޔަސަޅި. މާނައަކީ އެއްގޮތް ނެތިއްޔާ އަނެއްގޮތް އޮންނާނީ. އެކަމަކު ދިވެހިން ސިނކުޑިގައި އަބަދުވެސް އޮންނާނީ އެގޮތް. އެގޮތް ނެތިއްޔާ އެހިސާބުން އެނިމުނީ. ދުނިޔެމަތިންވެސް މާޔޫސްވީ.

The name is already taken The name is available. Register?

ކީކޭ1؟

09 April 2020

ބަލަ ތިކިޔޭ އެތި ހަމަނުޖެހޭ. ދިވެއްސެކޭ އެ"ސަޅި އައިޑިޔާ" ހުށަހެޅީ. އަދި މާދަން ދުވާނީވެސް ދިވެހީން. މާޔޫސެއްވެސް ނުވާނެ، ތިސޮރު މާޔޫސްވިޔަސް، ހެހެހެހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454