އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
25 އެޕްރީލް 2020 - 22:54
ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ކުރިމަތިވި އަޑިގަނޑުން ސަލާމަތްވުމަށް ތައްޔާރުުވުމުގެ ގޮތުން އޮންލައިިން ސެމިނާއެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.
މި އޮންލައިން ސެމިނާ ނުވަތަ ވެބިނާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. "ރިއެކްޓް، ރީތިންކް، ރިކަވާ:ސޮލިއުޝަންސް ޓު ދި ކޮވިޑް-19 ކްރައިސިސް އެންޑް ދި މޯލްޑިވިއަން ޓޫރިޒަމް އިންޑަސްޓްރީ" ގެ ނަމުގައި މި މި ވެބިނާ ބާއްވަނީ އޭޝިއާ ޕެސިޕިކްގެ ޓޫރިޒަމް ކުރިއަރުވަން އިސްކޮށް މަސައްކަތްކުރާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި ޗުއްޓީ ޕްލޭން ކުރަން މައުލޫމާތު ހޯދާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް، ޓްރިޕް އެޑްވައިޒާއާ ގުޅިގެންނެވެ.
މި ވެބިނާގައި އިސްވެ ވާހަކަ ދައްކަވާނީ އީ-ޓޫރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ދާމިއަން ކުކް އެެވެ. އޭނާ އަކީ ސާސް އާއި އެބޯލާ ފަދަ ބަލިމަޑުކަމުގެ ހާލަތުގައި ކްރައިސިސް މެނޭޖްމެންޓްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އެގޮތުން މި ބައްދަލުވުމުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ކުކްގެ ފަންނީ އަދި އިލްމީ ތަޖުރިބާތައް ހިއްސާކުރައްވާނެ އެވެ.
ކުކްގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ އާއި ޓްރިޕްއެޑްވައިޒާގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން ސާރާ މެތިއުސް ފަދަ ބޭފުޅުން ބައިވެރިވެ ވަަޑައިގަންނަވާނެ އެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު ވިދާޅުވީ، ޓޫރިޒަމްގެ ދާއިރާއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މި ހާލަތުގައި ވެސް މީހުންގެ ހަނދާނުން ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ނުފޮހެވި އޮތުމަށް ކަމަށެވެ.
އެމްއެމްޕީއާރްސީން ބާއްވާ މި ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.
ކޮވިޑް-19 އާ ހެދި ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސް، ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެ، މުޅި އިގްތިސާދު ވަނީ އަޑިއަޅައިލައިފަ އެވެ. އެއާ އެކު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ފައިސާ ހޯދަން އެކި ގޮތްގޮތުން އަންނަނީ މަސައްކަތްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިރިޓީ
26 April 2020
އަވަހަށް ރިސޯޓުތަކުގެ ވެރިންނަށް ރުފިޔާގަނޑެއް ދީ... ނޫނީ މުޅި އަހަރުގެ ކުލިތައް ހިލޭކޮށްލަދީ... މިދެގޮތަށްވެސް ރުފިޔާ ދެވޭނެ... ކުދިފަންތި މީހުން ދަރުވާލާ... ލޯނު އަޅުވާފައި