ވިއްކަން ހުރި ބިސް ކޭސްތަކަކާއި ފިޔާ ބަސްތާތަކެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު
27 އެޕްރީލް 2020 - 12:44
ކޮވިޑް-19 ފެތުރެން ފެށުމުން، އެސްޓީއޯ އިން ބިހާއި ފިޔާ އެންމެންނަށް ލިބޭނެކަން ޔަގީންކުރުމުގެ ގޮތުން ހޯލްސޭލްކޮށް ވިއްކުން މެދުކަނޑާލުމަށް ފަހު އަލުން އެތަކެތި ހޯލްސޭލްކޮށް ވިއްކަން ފަށަައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ދެ ބާވަތް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 3:30 އަށް އެ ކުންފުނީގެ ހޮޓްލައިންމެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެެވެ. އޯޑަރު ކުރުމަށް ގުޅާނީ 7291123 ނުވަތަ 7291125 އަށެވެ.
އެސްޓީއޯ އިން ހޯލްސޭލްކޮށް ފިޔާ ބަސްތާއެއް ވިއްކަނީ 255ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 260ރ. އަށެވެ.
މިތަކެތި ގަންނަ ކަސްޓަމަރުންގެ ތެރެއިން ކަންމަތީ ފިހާރަތަކަށާއި ސުޕަމާޓުތަކަށާއި ދޯނިތަކަށް ޑެލިވަރީގެ ހިދުމަތް ބޭނުންވާ ނަމަ އެ ހިދުމަތް ވެސް އެސްޓީއޯ އިން ފޯރުކޮށްދޭނެ އެވެ. އަދި ދަތުރު ކުރުމުގެ ހުއްދަ އާއި އުޅަނދު އޮންނަ ކަސްޓަމަރުންނަށް އަމިއްލައަށް އެތަކެތި ބަލައި ދެވޭނެ ކަމަށް ވެސް ބުންޏެވެ. އެސްޓީއޯ އިން ބުނީ މިއީ ކަސްޓަމަރުން ގަންނަ ތަކެތި ވީހާ ވެސް އަވަހަކަށް ފޯރު ކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
އެ ކުންފުނިން ވަނީ މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ބިހާއި އަލުއްވާއި ފިޔާގެ ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. މިހާލަތުގައި އެތަކެތި ހުސްނުވެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯ އިން ދެ އެވެ.
އެސްޓީއޯ އިން ބިހާއި ފިޔާ ހޯލްސޭލްކޮށް ވިއްކަމުން އަންނަ އިރު މިތަކެތި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ. ރީޓެއިލްކޮށް ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ އީސްޓޯރު މެދުވެރިކޮށް ގަނެވޭނެ އެވެ. ނަމަވެސް އޯޑަރުތައް ލިބޭ އަދަދު ގިނަ ވުމުން އެކުންފުނިން ވަނީ ކޮންމެ ދުވަހަކު ނަގާ އޯޑަރުތަކުގެ އަދަދު ލިމިޓުކޮށްފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެފައި ވާއިރު މި ދަނޑިވަޅު އެންމެން ވެސް އެޗްޕީއޭގެ އިރުޝާދާއެކު ގޭގައި ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެ އެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރުން ހިޔާރުކޮށް ކޮންމެހެން ދާން ޖެހޭ ހާލެއްތައި ނޫނީ ފިހާރަތަކަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮބް
28 April 2020
ކިޔާލަން ވަރަށް ރީތި، މައްސަލަ އަކީ އިސްތިހާރު ކުރާ ވަރަށް ހިދުމައި ނުދެވޭތީި
ޜިމްޝާ
28 April 2020
ޢެސްޓީއޯ އިން ގެނެސްފަ ހުރީ ފިނިކުރަން ޖެހޭ ބިސް. ޢެ ބިސްތައް މިހާރު ހުރީ ހަލާކު ވެފަ.
މުދިމު ކަތީބު
27 April 2020
އެސްޓީއޯ އިން ބިހާއި ފިޔާ އެންމެންނަށް ލިބޭނެކަން ޔަގީންކޮށް ދިނަސް ގަންނަން ދިޔައީމަ ނުލިބެނީ ކީއްވެ؟ ބުނަނީ އަތޮޅު އެޖެންޓް ރަަށު އެޖެންޓެއް މެދުވެރިކޮށް ގަންނަން. ރަށު މީހަކު ހިންގާ ފިހާރަޔަކުން ގަނެގެން ނުވިއްކޭނެ . މިސަރުކާރު ގެ ސިޔާސަތު ރޭވިފައިވަނީ އަތޮޅުވިޔަފާރި އެންމެ ފަރާތަކަށް ދޭ ވިސްނުމުގަ. ދެން ވޯޓެއް ނުދޭނަނަް!
އުދުވާން
27 April 2020
ނަމެއްގަ ކޮންމެ ކަމެއް ވެސް. ނޫނީ ކޮންމެ ކަމަކަށް އަވަސް ހައްލެއް.