ޔާޔާ ޓޫރޭ (ކ) އާއި ޑިޑިއޭ ޑްރޮގްބާ އައިވަރީ ކޯސްޓުގެ ޖާޒީގައި. --ފޮޓޯ: އޭއެފްޕީ/ ގެޓީ އިމޭޖަސް
08 މެއި 2020 - 14:13
އަބީޖާން (މޭ 8) – އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އެ ގައުމުގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ ގެންނަން ތާއީދުކުރާ ކަމަށް އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ޔާޔާ ޓޫރޭ ބުނެފި އެވެ.
އައިވޯރިއަން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާކަން ޑްރޮގްބާ ވަނީ ސެޕްޓެމްބަރު މަހު އިއުލާންކޮށްފަ އެވެ. އޭނާ ވާދަކުރަން ޖެހޭނީ މިހާރުގެ ރައީސް ސޮރީ ޑައިބޭޓް އާއި ނައިބް ރައީސް އިދްރީސީ ޑިއާޔޯއާ އެވެ.
ބާސެލޯނާ އާއި މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއްދެއްކި ޔާޔާ ޓޫރޭ ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް ބަދަލެއް ގެންނަންވީ ވަގުތު ކަމަށާއި އެތަނަށް ޒަމާނީ ބަދަލުތައް ބޭނުންވާ ކަމަށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ކުރީގެ ކުޅުންތެރިންގެ ޔޫނިއަނުން ތާއީދުކުރަނީ ޑްރޮގްބާގެ ބަދަލުގައި ޑައިބޭޓް އަށެވެ.
"ޑިޑިއާ އަކީ އަހަރެންގެ ބޭބެއެއް ފަދަ މީހެއް. އެއީ އަހަރެންގެ ކެޕްޓަން. މީހުން އަހަރެމެންގެ ވާހަކަ ވަރަށް ދެއްކި އެކަމަކު އަހަރެމެން ތިބީ ހަމަޖެހިގެން އަދި ވިސްނުންތެރިކަމާ އެކު. އޭނާ އަށް ފާޑުކިޔަން ވަރަށް ގިނަ ބަޔަކު މަސައްކަތްކުރި، ނޫސްވެރިންނާއި ސަޕޯޓަރުން ވެސް،" ޔާޔާ ޓޫރޭ ބުންޏެވެ.
ޓޫރޭ އާއި ޑްރޮގްބާ ވަނީ އައިވަރީ ކޯސްޓަށް އެކުގައި ގިނަ މެޗުތަކެއް ކުޅެދީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފަ އެވެ. މީގެ ތެރެއިން ޑްރޮގްބާ އަންނަނީ ފުޓްބޯޅައިގެ ބޭރުން ވެސް އައިވަރީ ކޯސްޓާއި އެފްރިކާ ބައްރަށް އެހީތެރިވަމުންނެވެ. އަދި އެފްރިކާ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވާހަކަދައްކަ އެވެ.
އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002-2014 އަށް 105 މެޗުން 65 ގޯލް ޖަހައިދީފައިވާ ޑްރޮގްބާ އަކީ ޕްރިމިއާ ލީގުގެ ޗެލްސީގެ ލެޖެންޑެކެވެ. ޗެލްސީގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޑްރޮގްބާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
08 May 2020
މަވެސް ތާއީދުކުރަން ވޯޓު ވެސްދޭނަން ޑިޑިއޭ...
ސަންޕަ ހަސަންފުޅު
08 May 2020
މަވެސް ވަރަށް ތާއީދު ތިކަމަށް.