ވިޔަފާރި

ޓީޗަރުންތަކެއް ކިޔަވައިދޭން ކުރި އަގުހުރި މިންނެތް މަސައްކަތް

ބިލަބޮންގްގެ ކުއްޖަކަށް އޮންލައިންކޮށް ޓީޗަރަކު ކިޔަވައިދެނީ.---ފޮޓޯ: އައިލެންޑާސް

03 ޖޫން 2020 - 18:16

15 comments

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމަށް މާޗް 15، 2020 ގައި އިއުލާން ކުރުމާ ގުޅިގެން ކެންގަރޫ ކިޑްސް، ބިލަބޮންގް ހައި އަދި ފިންލެންޑް ސްކޫލްގައި މަސައްކަތް ކުރާ 200 އެއްހާ މުދައްރިސުން ވަނީ ގޭގައި މަޑުކުރަންޖެހިފަ އެވެ. މީގެ ތެރެއިން ބައެއް މުދައްރިސުން އެނބުރި އުފަން ރަށަށް ވެސް ދިޔަ އެވެ. އެކަމަކު އެ ސްކޫލްތަކުގައި ކިޔަވާ 2،500 އެއްހާ ކުދިންގެ ތެރެއިން އެއްވެސް ދަރިވަރެއްގެ ކިޔެވުން ހުއްޓާލާކަށް ނުޖެހުނެވެ.

ސްކޫލްތައް ބަންދުކުރި ދުވަހުން ފެށިގެން ވެސް މި ސްކޫލްތަކުގެ މުދައްރިސުން ވަނީ ވަރަށް ފަސޭހަކަމާ އެކު، އޮންލައިންގެ ޒަރީއާ އިން ކިޔަވައިދެވޭނެ ވަސީލަތްތަކަށް އަހުލުވެރިވެ، މިފަދަ ދަނޑިވަޅެއްގައި ކިޔަވައި ދެވޭނެ އާ ގޮތްތަކެއް ހޯދައިފަ އެވެ. މިގޮތުން، ދަރިވަރުންގެ ތައުލީމީ، އިޖްތިމާއީ އަދި އާންމު ރައްކާތެރިކަން ކަށަވަރު ކުރުމަށް މުދައްރިސުން ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މި ގެނައި ބަދަލަކީ ފާހަގަ ކޮށްލަންޖެހޭ އައްސަރި ބަހާއި ސާބަސް ހައްގު ބަދަލަކެވެ.

އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާއިރު، ކްލާސްތަކުގެ ހާޒިރީ ފާއިތުވެދިޔަ ތިން މަހެއްހާ ދުވަހު އުޅެނީ އާންމު ގޮތެއްގައި 94 ޕަސެންޓު މަތީގަ އެވެ. މިއީ މި ކްލާސްތަކަށް ބެލެނެވެރިންނާއި ދަރިވަރުންގެ ފަރާތުން އޮތް ތަރުހީބާއި މަގުބޫލުކަން ހާމަވާ ކަމެކެވެ.

އައިލެންޑާސްގެ މުދައްރިސުން މި ދަތި ފުރަބަންދުގައި، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް، ހުއްޓުމެއް ނެތި ކޮށްދޭ ބުރަ މަސައްކަތްތަކުގެ ސަބަބުން ދަރިވަރުންނަށް ވަނީ އެތައް ފައިދާތަކެއް ކޮށްފަ އެވެ. ބެލެނިވެރިން ވެސް ވަނީ މުދައްރިސުން ކޮށްދޭ މަސައްކަތްތައް ޝުކުރުވެރިކަމާ އެކު ބަލައިގަނެފަ އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގައުމީ ތަރައްގީ އަށް މަސައްކަތްކުރާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އައިލެންޑާސް އެޑިއުކޭޝަންގެ މުދައްރިސުންގެ މަސައްކަތްތައް ފާހަގަކޮށްފައި ވެ އެވެ.

"އަޅުގަނޑުމެން އަމަލުކުރީ މިފަދަ ކާރިސާއެއްގައި ކޮންމެ ސްކޫލަކުން ވެސް އަމަލު ކުރަންވާނެ ގޮތަށް. ކޮންމެ ހާލަތެއްގަ ވެސް މުދައްރިސުން ތިބެން ވާނީ އަބަދުވެސް ދަރިވަރުންނާ އެކު. މި ކުރެވުނު ތަޖުރިބާ އިން ދޭހަވަނީ އަޅުގަނޑުމެން ހުރިހާ މުދައްރިސުންނާއި މުވައްޒަފުންނަކީ ވެސް ވަރަށް ހިތްވަރުގަދަ ފަހުލަވާނުން ކަން. މިކަމާ މެދު އަޅުގަނޑު ފަޚުރުވެރިވަން،" ފިންލެންޑް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލަންނޭ ވިދާޅުވި އެވެ.

އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަގްސަދަކަށް ވީ ހަމައެކަނި ފިލާވަޅުތައް އުނގަންނައިދިނުމެއް ނޫނެވެ. ދަރިވަރުންގެ ހުނަރުވެރިކަމާއި ނަފްސާނީ، އިޖްތިމާއީ އަދި ޖިސްމާނީ ހާލަތު ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ތަފާތު އޮންލައިން ހަރަކާތްތައް ވެސް އައިލެންޑާސްގެ މުދައްރިސުން ރާވައި ހިންގަ އެވެ. ދަރިވަރުންގެ ގޭގެ ތަޖުރިބާތައް ޒޫމް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް މުދައްރިސުންނާއި ކްލާހުގެ އެހެން ކުދިންނާ އެކު ހިއްސާކޮށް، މުއާމަލާތްކުރުމުގެ މަގު އޮތީ ފަހިވެފަ އެވެ. މި ފުރަބަންދުގެ ތެރޭގައި ދަރިވަރުން ހެލިފެލިވެ އުޅުމަށް އެހީއެއްގެ ގޮތުން މުދައްރިސުން އަންނަނީ އޮންލައިންކޮށް، ހަށިގަނޑުގެ ތަރުބިއްޔަތުގެ ކްލާސްތައް ވެސް ހިންގަމުންނެވެ.

އޮންލައިންކޮށް ތަފާތު މުބާރާތްތައް ބާއްވައި ހާއްސަ ދުވަސްތައް ވެސް ފާހަގަކުރެ އެވެ. މީގެ ތެރޭގައި ގުރުއާން މުބާރާތްތަކާއި ޓެލެންޓް ޝޯ އާއި ކުރެހުމުގެ މުބާރާތެއް ވެސް ހިމެނެ އެވެ. ދުނިޔޭގެ ދުވަސް، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް، ދުނިޔޭގެ އޯޓިޒަމް ދުވަސް ފަދަ ހާއްސާ ދުވަސްތައް ވެސް ފާހަގަކުރަން ތަފާތު އޮންލައިން ހަރާކާތްތަކުގެ އިތުރުން، ރޯދަމަސް ފެށުން ފާހަގަ ކުރުމުގެ ގޮތުން އޮންލައިންކޮށް މާހެފުމެއް ވެސް ބޭއްވި އެވެ.

ގްރޭޑް 1-6އާ ހަމައަށް ކިޔަވައިދޭ ފިންލެންޑް ސްކޫލާއި ބިލަބޮންގް ސްކޫލްގެ ޕްރައިމަރީ މުދައްރިސުން ކޮންމެ ދުވަހަކު ވެސް ޒޫމް މެދުވެރިކޮށް މުޅި ކުލާހަށާއި ކުދި ގްރޫޕްތަކަށް އަމާޒުކޮށް، އޮންލައިންކޮށް އައީ ކިޔަވައިދެމުންނެވެ. ގްރޭޑް 7 އާއި ގްރޭޑް 12އާ ދެމެދުގެ ކުލާސްތަކަށް ވެސް ހުރިހާ މާއްދާއަކުން ޒޫމް މެދުވެރިކޮށް ލައިވް ކުލާސްތައް ނަގައިދިނެވެ.

ޝޯބީ، ގޫގުލް ކްލާސް ރޫމް އަދި އެޑިއުޕޭޖް ފަދަ ތައުލީމާ ގުޅުން ހުރި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް އަޕްލޯޑްކޮށް، އެ ދަރިވަރުން ނިންމާ ފިލާވަޅުތައް މުދައްރިސުން ދިޔައީ ޗެކު ކުރަމުންނެވެ. ޕްރީ ސްކޫލްގެ ދަރިވަރުންނަށް ވެސް ޒޫމް ބޭނުންކޮށްގެން ވަނީ ހަފުތާއަކު އެއްފަހަރު ލައިވް ކްލާސްތައް ބާއްވައިފަ އެވެ. އަދި ޓީޗަރުން ތައްޔާރު ކުރަމުންދިޔަ ވީޑިއޯ ފިލާވަޅުތައް ދަރިވަރުންނަށް ކްލާސް ޑޯޖޯ އެޕްލިކޭޝަން މެދުވެރިކޮށް ދިޔައީ ފޯރުކޮށް ދެމުންނެވެ. ހަފްތާ އަކު ދެ ފަހަރަށް ޕްރީސްކޫލް ދަރިވަރުންނަށް ރީޑިންޓީޗާ މެދުވެރިކޮށް ހާއްސަ ވާހަކަ ކިޔައި ދިނުމުގެ ކްލާސްތައް ވެސް ނަގައިދިނެވެ.

މާލެ ލޮކްޑައުންގެ ހާލަތުގައި އައިލެންޑާސް އިން ހިދުމަތްތައް ފޯރުކޮށް އެހީތެރިވެދިނީ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. އެ ކުންފުނިން ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށް ހާއްސަކޮށްގެން ފާއިތުވެދިޔަ ރޯދަ މަހުގެ ތެރޭގައި 23 ވެބިނާއެއް ވެސް ބާއްވައިފަ އެވެ. މި ވެބިނާތަކުގައި ތަފާތު ރޮނގުތަކުން ކަމާބެހޭ 11 މާހިރަކު ވަނީ ވާހަކަ ދައްކައި މައުލޫމާތު ފޯރުކޮށްދީފަ އެވެ. މިގޮތުން މުދައްރިސުންނަށް އޮންލައިންކޮށް ކިޔަވައިދުނުމުގެ ހުނަރުތަކާއި އުކުޅުތައް ކިޔައި ދިނުމުގެ އިތުރުން، ބެލެނިވެރިންނަށް ވެސް ވަނީ ގޭގައި މި ދަތިހާލަތާއި ކުރިމަތިލާނެ ރަނގަޅު ގޮތްތައް ކިޔައިދީފަ އެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އަދުލީ ރަޝީދް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވި ގޮންޖެހުންތަކާ މެދު މުޅި މުޖުތަމައު ވިސްނަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މީގެކުރިން ސާސް އާއި އެބޯލާ ފަދަ ބަލިތައް އެފްރިކާ އާއި އޭޝިއާ ބައްރުގެ ތެރޭގައި ފެތުރުނު ދުވަސްވަރު ވެސް ސުކޫލްތައް ބަންދު ކުރަން ޖެހުނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ސުކޫލްތައް ބަންދު ކުރުމުން އޭގެ އަސަރު ދަރިވަރުންނަށް، ވަކިން ހާއްސަކޮށް ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ކުރި އެވެ. އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރީ ހުރިހާ މާއްދާތަކެއް ވެސް ކިޔެވުމަށް ބިންގާ އެޅިގެންދާ ލިޔަންކިޔުމުގެ ހުނަރަށާއި ހިސާބުގެ އިލްމު ނަގައިގަތުމަށެވެ.

މި މުހިންމު ހުނަރުތަކުގެ ހުރިހާ ބައިތައް ޓެލެކިލާސް މެދުވެރިކޮށް ނުވަތަ އޮންލައިންގެ ޒަރިއްޔާއިން އުގަންނައި ދިނުމަކީ ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވެސް އެންމެ ފުރިހަމައަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެހެންމެ ހުރިހާ ކުދިން ވެސް އެއް ދުވެއްޔެއްގައި އުގެނެމުން ނުދާނެ އެވެ. ކަންމިހެން އޮތް އިރު ދާދި އަވަހަށް ބެލެނިވެރިން ވަޒީފާއަށް އޮފީހަށް އެނބުރިދާން ޖެހި، ކުދިންނަށް ގޭގައި ކިޔެވުމަށް ފާއިތުވެގެން މިދިޔަ ދެތިން މަހުގެ ތެރޭގައި ދެވުނު މިންވަރަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ފުރުސަތު ވެސް ހަނިވެގެން ދާނެ އެވެ.

ކުދިން މިގޮތަށް މިހާ ގިނަ މުއްދަތަކަށް ގެތަކުގައި ބަންދުވެފައި ތިބޭއިރު ގިނަ ކުދިންނަށް ވަނީ އެ ކުދިންނާ އެއް އުމުރުފުރައެއްގެ ކުދިންނާ އެކު ކުޅެލައި މަޖާކުރުމުގެ ފުރުސަތުން މަހްރޫމްވެފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކުދިންނަށް އިޖްތިމާއީ އަދި ނަފްސާނީ މައްސަލަތައް އުފެދުމުގެ ބިރު އޮންނަ ކަމެކެވެ. އެހެންކަމުން މައިންބަފައިންގެ ހައިސިއްޔަތުން ވެސް އަދި ޒިންމާދާރު ސުކޫލެއްގެ ގޮތުން ވެސް މިއީ އަޅާނުލައި ދުކޮށްލެވޭ ފަދަ ހޯދުންތަކެއް ނޫނެވެ.

ކަމާބެހޭ ސިއްހީ އިދާރާތަކުން ސްކޫލްތަކުގެ ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަން ކަނޑަނާޅާހާ ހިނދަކު، އައިލެންޑާސް އަކުން ސްކޫލްތަކެއް ނުހުޅުވާނެ އެވެ. މި ދަނޑިވަޅުގައި އައިލެންޑާސްގެ ސްކޫލްތަކުގެ އަމާޒަކީ އެއްވެސް ހުއްޓުމެއް ނެތި އޮންލައިންކޮށް ކިޔަވައިދީގެން ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް މަދުކުރުމެވެ. އަދި ދަރިވަރުންނަށް އެ ކުދިންގެ ކުލާސް ކުދިންނާއި ކޮންމެ ދުވަހަކު އޮންލައިންކޮށް ބައްދަލުވެ މުއާމަލާތް ކުރުމުގެ ފުރުސަތު ހޯދައިދީ، ދަރިވަރުންގެ އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވީ ހުރިހާ ކަމެއް ކުރުމެވެ.

15 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާހުދު

04 June 2020

ޓީވީއާއި އިންޓަނެޓު މެދުވެރިކޮށް ކުދިން ސްކްރީން ކުރިމަތީ ބައިތިއްބައިގެން އަބަދު ކިޔަވައެއް ނުދެވޭނެ. ކުދިންގެ ކުރިއެރުވުމަކީ އެކުދިން އެކަކު އެނެކާއާއި ދިމާވެ އެއްކޮށް އުޅުން. ދުނިޔޭގެ ގިނަގައުމުތަކުގައި އެންމެ ފުރަތަމައިނުން އެހުޅުވަނީ ދަށް ގްރޭޑުތަށް. ޢެއީ ކޮރޯނާ ޖެހުން އެންމެމަދީ ކުޑަކުދިންނަށް ކަމަށްވާތީއާއި އެކުދިންނަށް ގޭގަތިބެގެން އެންމެނޭދެވޭ އަސަރުކުރާނެތީ.މި ސަރުކާރުން މިނިންމަނީ އަނެއްކޮޅަށް.ގްރޭޑު 10 ހުޅުވަން އެނިންމީ.ފުންކޮށް އަދި ވިސްނާ!

The name is already taken The name is available. Register?

ފާތުމަތު ރަޝްފާ

03 June 2020

ދަތި ހާލުގަ އެންމެން އުޅޭދުވަސް ކޮޅެއްގައި ބަޔަކު ކަމެއް ރަނގަޅުކުރެވޭތޯ މަސައްކަތެއް ކުރީތީ އެބަޔަކަށް ޝުކުރުއަދާކުރަން. ރަނގަޅުހަބަރެއް ކިޔާލަން ލިބެނީ މަދު ފުރުސަތެއް. ޓީޗަރުންނަށް މަރުހަބާ ކިޔަން!

The name is already taken The name is available. Register?

ނިއުމަތު

03 June 2020

އަދްލީ އެބުނީ ރަނގަޅުވާހަކައެއް. އިކޮނޮމީއޭ ކިޔުމަށްވުރެ 80،000 ކުދިންގެ ތައުލީމަށް މިވާގޮތާމެދު ފުންކޮށް ވިސްނާފައި މިވަރަށްވެސް އަދިނެތް ވާހަކަވެސް ދެކެވިފަ ބުނެވެސްދެވިފަ!

The name is already taken The name is available. Register?

ވާހަކަ

03 June 2020

މިހާރު ތިގޮތަށް ކިޔަވާނުދޭ ތަނެއްނެތް. ހުރިހާ ބަޔަކުވެސް ތިކަންކުރޭ. ނޫހުގަ ޖަހާނީ އެނޫހަކަށް އިޝްތިހާރަށް ލާރިދޭ ބައެއްގެ ވާހަކަ ދޯ. ރާއްޖޭގެ އަމިއްލަޓީޗަރުންވެސް އޮންލައިންކޮށް ކިޔަވާދޭ.

The name is already taken The name is available. Register?

ފަހުދު

03 June 2020

އަޅުގަނޑުގެ ދަރިއަކުވެސް ތިތާނގަ ކިޔަވަންއުޅޭ. ވީޑިއޯއިން އެފެންނަނީ ވަރައް ތަފާތު މަންޒަރެއް. ހަގީގަތް ވަރައް ތަފާތު.

The name is already taken The name is available. Register?

އަމީރާ

03 June 2020

ބަލަ ކޮންމެ ގައުމެއްގައިވެސް ސަރުކާރު ވަޒީފާ ތަކުގައި ތިބެނީ އެގައުމެއްގައި ތިބޭ އެންމެ ނާގާބިލު މީހުން. ކަންކަމަށް ކުޅަދާނަ އެންމެ އުޅެނީ ޕްރައިވެޓް ސެކްޓާގައި. އެކަމުވެސް ސެޓްފިކެޓް ގިނަވާނީ ސަރުކާރުގައި އުޅޭ މީހުންގެ.

The name is already taken The name is available. Register?

ވިސްނާލާށޭ

04 June 2020

މީ ހަމަ ޓިޕިކަލް ދިވެއްސެއް. ތިކަމަށް ރިސާރޗެއް ހަދާފަ އޮތިއްޔާ ތިރިސާރޗް ހާމަކޮށްލަންވީނު. އަހަރެން ރަށުގަ ޓީޗަރެއް ގޮތުގައި އަދި ސަރުކާރު މުވައްޒަފެއް ގޮތުގައި މިހިރީ ރަށަށް ޚިދުމަތް ކޮށްދެން. ތިކަހަލަ ކިތަންމެ ތަންތަނަކުން ވަޒީގެ ފުރުސަތު ލިބެން އެބަހުރި މިހާރުވެސް.

The name is already taken The name is available. Register?

ޣިޔާޘުއްދީން ބެލެނިވެރިއެއް

03 June 2020

ހަމަ ތިޔަ ގޮތަށް ޣިޔާޘުއްދީން ގަވެސް ކިޔަވާދޭ. މާ ފެންވަރު ރަގަޅޭވެސް ބުނެވިދާނެ

The name is already taken The name is available. Register?

ސަލީމް

03 June 2020

‎މިގޮތަށް ސަރުކާރު ސްކޫލު ތަކަށް ނުވާންވީ ކީއްވެ؟ ވަކިވަކި މާއްދާތަކަަށް ނުލާހިކު މޮޅު މުދައްރިސުން އެބަތިބި، މުޅި ރާއްޖޭގެ ހުރިހާ ސްކޫލު ތަކަކުން ހޮވާލެވޭ މަދު މުދައްރިސުން ކޮޅެއް ބޭނުން ކޮއްގެން ކޮންމެ ގްރޭޑެއްގެ އޮންލައިން ކޮންޓެންޓް ލައިވް ކުރުމަކީ މާއުދަގޫ ކަމަކަށް ނުވާނެ. މިކަން ކުރުމުގައި މަދީ ކުރުވާނެ ބައެއް: ފެނިގެން ދިޔައީ ވާގޮތެއް ބަލަން ހުރެ މާބޮޑު އެފަޓެއް އަމަލުން ނުދައްކައި ވަގުތު ޕާސް ކުރިތަން

The name is already taken The name is available. Register?

ކައްމަތިން

03 June 2020

މިނިސްޓްރީންވެސް އޮންލައިނަ ކުލާްސްތަކުގެ އިތުރަށް ޓީވީ ޗެނަލްތަކުންވެސް ކިޔަވައި ދެއްވިކަން ފާހަގަކުރެވޭ. ވީމާ އިންޓަރނެޓް ނެތްނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ނެންގެވި

The name is already taken The name is available. Register?

ފާނު

03 June 2020

ސަރުކާރުގެ ސުކޫލުތަކުގަ އުޅޭ އެކި ފެންވަރުގެ އާއިލާތަކަށް ނިސްބަތްވާ ކުދިން... އިންޓަނެޓް ގެ އެހީގަ ސަރުކާރު ސުކޫލުތަކުގެ ކުދިންނަށް ފިލާވަޅުތައް ނަގައި ނުދެވެނީ ޓީޗަރުންނަށް އެކަން ކުރަން ނޭނގޭތީއެއްނޫން... އިންޓަނޭޓް އަގުބޮޑު ގައުމެއްގައި ފުދިގެން އުޅޭމީހުން ކުރިޔަކަސް ގިނަ ފަންތިތަކުގެ މީހުންނަށް އަބަދު އިންޓަނެޓަށް ލާރިދައްކާކަށް ފަސޭހައެއް ނޫން...

The name is already taken The name is available. Register?

ހާލީ

03 June 2020

އަޅުގަނޑަކީ ބިލަބޮންގް ގެ ބެލެނިވެރިއެއް. ސްކޫލު ފަރާތުން އިންޓަނެޓް ގެ ޑޭޓާބޭނުންވި ބެލެނިވެރިންނަށް ދިރާގުއާއި އޫރިދޫމެދުވެރިކޮށް ހިލޭ ޑޭޓާ ހޯއްދަދިން.ސަރުކާރުންވެސް މިހާރު ހިލޭ ޑޭޓާދޭކަމަށް ހަބަރުންކީން.އަޅުގަނޑުމެންގެވެސް ބުރަ މަސައްކަތުން ކުދިންނަށް މިތައުލީމު ހޯދައިމިދެނީ.ސްކޫލު ފަރާތުންވެސް ބުރަމަސައްކަތްތަކެއް ކޮއްގެން މިހެން ކިޔަވައިދެވުނީ.ސަރުކާރުންވެސް މަސައްކަތް ކުރަނީ ރަނގަޅަށް ކަމަށް ގަބޫލިކުރަން.އެއްވެސް ބަޔެއްގޯހެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454