ޓޮޓެންހަމްގެ ކީޕަރު ލޮރިސް.-- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2016 - 12:00
މިއުނިކް (އޮކްޓޯބަރު 19) - ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ބެޔާ ލެވަކޫސަނާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓަން ފްރާންސްގެ ހޫގޯ ލޮރިސް ނޫން ކީޕަރެއް ހުރިނަމަ މިއީ މުޅިން ތަފާތު މެޗަކަށްވީށް ކަަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް ގްރޫޕް އީގެ ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެެއް ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު މޮނާކޯ އެވެ. އެ ޓީމު ވަނީ ރޭ ކުޅުނު މެޗުން 1-1 އިން ސީއެސްކޭއޭ މޮސްކޯއާ އެއްވަރުވެފަ އެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސީއެސްކޭއޭ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ލެވަކޫސަން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ލޮރިސް ވަނީ މަތަކޮށްފަ އެވެ. މެޗަށް ފަހު ޕޮޗެޓީނޯ ވަނީ ލޮރިސް އަށް ޝުކުރު އަދާކޮށްފަ އެވެ.
"ދެ ހާފްގައި ވެސް އަހަރެމެން މޮޅަށް ކުޅުނު. އެކަމަކު އެއީ ވަކި ކުޅުންތެރިއަކު ދެއްކި އާދަޔާ ހިލާފު ހިތްވަރެއްގެ ސަބަބުން އަހަރެމެންނަށް ދެއްކުނު ކުޅުމެއް. ލޮރިސް ނެތްނަމަ މިއީ ތަފާތު ވާނެ މެޗެއް. ލޮރިސް އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ހޮވާލެވޭ މޮޅު ކީޕަރެއް. މިރޭ ޓޮޓެންހަމް ސަލާމަތްކޮށްދިނީ ލޮރިސް،" ޕޮޗެޓީނޯ ބުންޏެވެ.
ލޮރިސް ބުނީ ރޭގެ މެޗުން މޮޅުނުވެވުނު ނަމަވެސް ދެ ވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy