މުނިފޫހިފިލުވުން / ބޮލީވުޑް

ޕާކިސްތާނު އެކްޓަރުންނާ އެކު މަސައްކަތެއް ނުކުރާނަން: ކަރަން ޖޯހަރް

ކަރަން ޖޯހަރް އަދި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން (ކ)

20 އޮކްޓޯބަރ 2016 - 06:16

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ރޯލެއް ހިމެނޭތީ އެ ފިލްމު ރިލީޒްކުރިޔަ ނުދޭން އިންޑިއާގެ ސިޔާސީ ބައެއް މީހުން މަސައްކަތްކުރާތީ އެ ފިލްމު ރިލީޒްކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މި ދަނޑިވަޅުގައި ކަރަން ޖޯހަރް ވަނީ މިކަމުގައި އޭނާ ދެކޭ ގޮތް ހާމަކޮށްފަ އެވެ. އިންޑިއާގެ ނިއުސް ޗެނަލަކަށް ކަރަން ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ވެސް ގައުމު މުހިއްމު ކަމަށާއި ބޯޑަރު ބަލަހައްޓާ ސިފައިންނަށް ޕާކިސްތާނުން ދިން ހަމަލަ ކުށްވެރިކުރާ ކަމަށެވެ.

މި ހުރިހާ ދުވަހަކު އޭނާ ހިމޭނުން ހުރީ އޭނާ އަކީ ގައުމީވަންތަކަމާ ދެކޮޅު މީހެއް ކަމަށް ބަޔަކު ސިފަކޮށް އެގޮތަށް ވާހަކަދައްކާތީ ވީ ދެރައިން ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.

ކަރަން ބުނި ގޮތުގައި އޭނާ "އޭ ދިލް ހެ މުޝްކިލް" ޝޫޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ޑިސެމްބަރުގެ ނިޔަލަށެވެ. އެ ދުވަސްވަރު އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު މިހާރު ހުރި ވަރުގެ ސީރިއަސް މައްސަލައެއް ނެތެވެ. އެހެންކަމުން އޭރު ކުޅުނު ފިލްމެއްގައި ޕާކިސްތާނު އެކްޓަރަކު އުޅޭތީ ފިލްމު ރިލީޒްކުރިޔަ ނުދޭން މަސައްކަތް ކުރުމަކީ ވަރަށް ނާއިންސާފު އަމަލެއް ކަމަށް ކަރަން ސިފަ ކުރި އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އިތުރު އެއްވެސް ފިލްމެއްގައި ޕާކިސްތާނު އެކްޓަރަކު ދެން ބައިވެރިއެއް ނުކުރާނެ އެވެ.

"އޭ ދިލް ހެ މުޝްކިލް"ގެ ޝޫޓިންގައި ފިލްމުގެ ތަރިންނާއި ޑައިރެކްޓަރު ކަރަން ޖޯހަރް

ޕާކިސްތާނުގެ ހަމަލާއެއްގައި އިންޑިޔާގެ 19 ސިފައިން މަރުވުމާ ގުޅިގެން އެ ދެ ގައުމުގެ އަރާރުން ހޫނުވުމުން އެންމެ ބޮޑު އަސަރެއް ކުރީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ކަން ކަރަން ފާހަގަކުރި އެވެ. އެގޮތުން ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން ވަނީ މަނާ ކޮށްފަ އެވެ. އަދި މަހާރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ވަނީ ޕާކިސްތާނު އެކްޓަރުން 48 ގަޑިއިރު ތެރޭ އެ ގައުމުން ފުރައިގެން ދިއުމަށް އަންގައި އެމީހުން ބައިވެރިކޮށްގެން ކުޅެފައިވާ ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރިޔަ ނުދޭނެ ކަމަށް އިންޒާރުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އަށާއި ޝާހްރުކް ޚާންގެ "ރައީސް" އަށެވެ. ސަބަބަކީ މި ދެ ފިލްމުގައި ވެސް ޕާކިސްތާނު ތަރިން މަސައްކަތް ކޮށްފައިވާތީ އެވެ.

މީގެ ތެރެއިން ވެސް އެންމެ ބޮޑު ހުރަހަކާއި ދެރައެއް ކުރިމަތިވެފައި ވަނީ ކަރަންގެ ފިލްމަށެވެ. ސަބަބަކީ މިމަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހުރިހާ ތައްޔާރީއެއް ވެފައިވާތީ އެވެ.

މިކަމުގައި ފިލްމު އިންޑަސްޓްރީ ވަނީ ދެބައިވެފަ އެވެ. އެއް ބަޔަކު ކަރަންގެ ފިލްމު ރިލީޒްކުރެވެން ޖެހޭނެ ކަމަށް ބުނެ ވަކާލާތު ކުރާއިރު އަނެއް ބަޔަކު ބުނަނީ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ގައުމަށް ކަމަށެވެ.

ފިލްމު ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނި ގޮތުގައި ކަރަންގެ ފިލްމުން ޕާކިސްތާނު އެކްޓަރު ފަވާދު ފެންނަނީ އެންމެ ހަތަރު ވަރަކަށް މިނިޓަށެވެ. އެހެންވެ ފިލްމު ރިލީޒްކުރުމުގައި ހުރަސްތައް ކުރިމަތި ނުކުރުމަށް އޭނާ ވަނީ އެމްއެންއެސް އަށް އިލްތިމާސް ކޮށްފަ އެވެ.

"އޭ ދިލް ހެ މުޝްކިލް"ގައި މުހިއްމު ބައިތައް އަދާކުރާ ތަރިން: ފަވާދު، އަނުޝްކާ، ރަންބީރު އަދި އައިޝްވަރިޔާ

"މި ފިލްމުގައި 150 ޓެކްނީޝަނުން މަސައްކަތް ކޮށްފައިވޭ. އެހެންވެ އެންމެ ޕާކިސްތާނު މީހަކު އެންމެ ހަތަރު މިނިޓްގެ ރޯލެއް ކުޅެފައިވާތީ މުޅި ފިލްމަށް ގެއްލުން ދިނުމަކީ އިންސާފެއް ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި މިއީ އިންޑިއާގެ ރައްޔިތުންގެ އެތައް ކްރޯޑު ރުޕީޒްއެއް އިންވެސްޓްކޮށްފައިވާ ފިލްމެކެވެ. އެހެންވެ ފިލްމަށް ލިބޭ ގެއްލުމަކީ އިންޑިޔާއަށް ލިބޭ ގެއްލުމަކަށް ނޫނީ ނުވާނެ އެވެ.

ފިލްމު ރިލީޒްކުރުމުގައި މައްސަލަތައް ކުރިމަތިނުކުރުމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާއި ފިލްމު އެސޯސިއޭޝަނުން ވެސް އެމްއެންއެސް އަށް އިލްތިމާސް ކުރި ނަމަވެސް އެމީހުން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އަދި ފިލްމު އަޅުވާ ސިނަމާތައް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ވެސް ވަނީ އެ ޕާޓީން ދީފަ އެވެ. ނަމަވެސް ސިނަމާތައް ހިމާޔަތްކޮށްދޭނެކަމުގެ ޔަގީންކަން މުމްބައި ފުލުހުން ވަނީ ދީފަ އެވެ.

0 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454