ކުކޫން މޯލްޑިވްސް: އެ ކުންފުނީގެ ދަށުން ހިންގާ ދެ ރިސޯޓުވެސް އަންނަ މަހު ހުޅުވާލާނެ--ފޮޓޯ/މިހާރު
25 ޖޫން 2020 - 11:32
ކޮކޫން މޯލްޑިވްސް އާއި ޔޫ އެންޑް މީ ބައި ކޮކޫން އަންނަ މަހު 15 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ރިސޯޓްތައް ހިންގާ ކުންފުނިން ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރާއި ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 15 ގަ އެވެ.
ބޯޑަރު ހުޅުވާ ދުވަހު އަލުން ހިދުމަތް ފަށަން ނިންމި މި ދެ ރިސޯޓަކީ ވެސް ކޮކޫން މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓެވެ. ދެ ރިސޯޓު ވެސް އަލުން ހުޅުވާލާއިރު ޓޫރިސްޓުންނަށް ރައްކާތެރިކަން ޔަގީން ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި އަލުން ހުޅުވާލާއިރު އެ ރިސޯޓުތައް ވެގެންދާނީ ސާފުތާހިރު ކަމުގެ ނަމޫނާއަކަށެވެ. އެގޮތުން ދެ ރިސޯޓުގެ ހުރިހާ ވިލާތަކާއި އެހެން ފެސިލިޓީތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ހުންބެލުމާއި މާސްކު އަދި އަންގި ބޭނުންކުރަން ޖެހޭ ކަމަށް ވެސް ކޮކޫން އިން ބުންޏެވެ. އަދި އަތް ސާފުކޮށް ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ރިސޯޓުތަކުގެ އެކި ސަރަހައްދުތަކުގައި ސެނިޓައިޒާ ބަހައްޓާފައި ހުންނާނެ އެވެ.
މި ދެ ރިސޯޓަށް އަންނަ ޓޫރިސްޓުން ވެސް އެޑްވާންސްކޮށް ބުކިން ހައްދައި ޗެކިންކުރަން ޖެހޭނެ އެވެ. ޓޫރިސްޓުންނަށް މިހާރު އޮންލައިންކޮށް ޗެކިން ކުރެވޭ އިންތިޒާމު ވެސް ވަނީ ހަދައިފަ އެވެ. މިއީ ފްރަންޓު ޑެސްކުގައި ހޭދަކުރާ ވަގުތު މަދު ކުރުމަށް ގެނައި ބަދަލެއް ކަމަށް ކޮކޫން އިން ބުންޏެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތަކުން ކޮވިޑް-19 ފެނުނު ނަމަވެސް ކޮކޫންގެ ދެ ރިސޯޓުން ވެސް، ރިސޯޓްތައް ބަންދުކުރުމާ ހަމަ އަށް ވެސް މި ބަލީގެ މީހަކު ނުފެނެ އެވެ.
ރިސޯޓްތައް މި ހުޅުވަނީ ތިން މަސް ދުވަހުގެ މަޑުޖެހުމަކަށް ފަހު އެވެ. މިއާ އެކު ގިނަ ރިސޯޓުތަކުން އަންނަނީ އެ ތާރީހަށް ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. ނަމަވެސް ބައެއް ރިސޯޓުތައް ހުޅުވަން ނިންމާފައިވަނީ ސެޕްޓެމްބަރުގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
25 June 2020
ހުޅުވުމަކީ މައްސަލައެއްނޫން. މައްސަލައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަވުމުގެ ބިރު އޮތުން. ގެސްޓުންނާ މުވައްޒަފުންވެސް ރިސޯޓުން އެހެން ރިސޯޓަކަށް ނުދިއުން. އަދި މުވައްޒަފުން ކެއްތެރިވެ ރަށަށް ނުދިއުން. އެއާރޕޯރޓާ ރިސޯޓާ ދެމެދު ދަތުރު ކުރުމުގައު ހަރުދަނާ ފިޔަވަޅުތައް އެޅުން