ކަނޑިންމަ ރިސޯޓްގެ ވިލާތަކުގެ ކުރެހުމެއް: އެ ރިސޯޓް އަންނަ ފެބްރުއަރީ މަހު ހުޅުވާނެ.
20 އޮކްޓޯބަރ 2016 - 12:47
ރާއްޖޭގެ އެންމެ ބޮޑު ސްވިމިން ޕޫލް ހިމަނައިގެން ދ. ކަނޑިންމާގައި ތަރައްގީކުރާ ރިސޯޓް ހުޅުވުން އަންނަ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
ކަނޑިންމަ ރިސޯޓް ހުޅުވަން ކުރިން ނިންމާފައި އޮތީ އަންނަ ޑިސެމްބަރު މަހު އެވެ. ނަމަވެސް، އެ ރިސޯޓް ތަރައްގީކުރާ ކުންފުންޏާ ހަވާލާދީ ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކުން ބުނީ އެ ރިސޯޓް މިހާރު ހުޅުވާނީ އަންނަ ފެބްރުއަރީ މަހު ކަމަށެވެ.
ކުޑަހުވަދޫގައި އެއާޕޯޓް ވެސް ހަދާ ރިއޯލޯ ގްރޫޕުން ތަރައްގީކުރާ ކަނޑިންމަ ރިސޯޓަކީ އެންމެ މަތީ ފެންވަރަށް ތަރައްގީކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި 11 ކެޓަގަރީއެއްގެ 247 ކޮޓަރި ހުންނާނެެ އެވެ. އެ ހުރިހާ ކޮޓަރިއެއް ވެސް ހަދާފައިވަނީ ބޮޑު ޓެރަސްއަކާ އެކު އެވެ.
ކަނޑިންމަ ރިސޯޓް ހުޅުވާއިރު ރާއްޖޭގެ އެންމެ ބޮޑު ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ. އަދި ޖިމް އާއި ވޯޓާ ސްޕޯޓްސް އާއި މެރިން ބައިލޮޖީ ސްކޫލަކާއި ކިޑްސް ކްލަބެއްގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތްދޭ އެންމެ ބޮޑު އެއް ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ހުންނާނީ އެ ރަށުގަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓް އަންނަނީ ހުޅުވަމުންނެވެ. އެ ގޮތުން، މި އަހަރުގެ ބާކީ އޮތް ބައިގައި އިތުރު ނުވަ ރިސޯޓް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ބާޒާރަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.
ގިނަ އާ ރިސޯޓުތަކެއް ހުޅުވިޔަސް، ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހާއްސަކޮށް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިންމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގ
23 October 2016
ރައްޔިތުންނަށް ކިހާ ފައިދާއެއް މިކަމުން ލިބޭބާ!
މިހާރު
20 October 2016
ދެން މިހާރު ވަޒީފާތައް އިއުލާންކޮށް މީހުން ހޯދަން އަދިވެސް ފަށާކަަށް ނުވޭ ތަ؟
Hello
20 October 2016
ކީއްވެތަ އެއްމެ ފޮޓޯ އަކުން ތިނިންމާލަނީ