30 ޖޫން 2020 - 11:23
އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގައިވާ ގޮތަށް އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅާފައި ނެތުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް މިއަދު ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް ވަނީ ފާސްކޮށްފަ އެވެ. މި މައްސަލަ ބަލައިގަތުމަށް، ހާޒިރުވެ ތިބި 32 މެމްބަރުންގެ ތެރެއިން 31 މެމްބަރަކު ވޯޓް ދެއްވި އެވެ.
ބަހުސުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ގަރާރު ހުށަހެޅީ އެސޯސިއޭޝަން ހިނގަން ޖެހޭނީ ހެދިފައިވާ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި ކަމަށާއި އެއާ އެކު، އެފްއޭއެމުން ބިރު ދެއްކުމުގެ ގޮތުން ބުނާނީ، ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނާތީވެ ފުޓްބޯޅަ ސަސްޕެންޑްކުރުމުގެ ފުރުސަތު ފީފާ އަށް ލިބިގެންވާ ވާހަކަ ކަމަށެވެ.
"ތެދެއް، ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަންނަ ކަމަށް ވަނީނަމަ އެ ފުރުސަތު އެބައޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ނުފޫޒު އެތަނަށް ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ނޫންކަން އެބަ ސާފުކޮށް ކަނޑައެޅިގެން އަޅުގަނޑު ހުށަހެޅި މައްސަލައިން އެނގޭނެ. އަޅުގަނޑުގެ މައްސަލައަކީ ގާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓަރާއި އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅާ މިހާ ގިނަ ދުވަސް ވަންދެން އޮތްއޮތުން (އަދި އެކަން) ކުށްވެރިކޮށް މައްސަލަ ހުށަހެޅީ،" އާޒިމް ވިދާޅުވި އެވެ.
އޭއެފްސީގެ ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ވިދާޅުވީ އެސޯސިއޭޝަން ހިނގަން ޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި އޭގެ ބޭރަށް ނުކުމެ ކަންކަން ކުރަމުންދަނީމާ ނަމަ ފީފާ، އޭއެފްސީ އަޔަސް ދެއްކޭނެ ވާހަކަތައް ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ހަމަޔެއްގައި، ކަންކަން ކުރުމަށް ގާނޫނުގައި ބުނާ ކަމަށާއި އެކަމަކު އެފްއޭއެމުން ހަމަމަގަށް އެޅުވުމަށް މައްސަލައެއްލީ ކޮންމެ ކްލަބެއް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ސަސްޕެންޑްކުރީ އޭނާ ވިދާޅުވި ގޮތުގައި އެފްއޭއެމްގެ ހިންގާ ގަވާއިދުން ބާރު ލިބިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނީތީ ކަމަށެވެ.
"އޭގެ ބަދަލުގައި މި ބުނަނީ ތި ކްލަބުން އެބަހުއްޓޭ މީހުންނަށް މުސާރަ ނުދީ. އެއީ ތެދެއް. ދިވެހިރާއްޖޭގެ ހުރިހާ ކްލަބަކުން ހުންނާނެ މުސާރަ ނުދީ އެތައް މަހެއް، އެތައް އަހަރެއްގައި. އެހެންވީމާ ހަމަހަމަކޮށް ހުރިހާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނަމަ ހަމައެކަނި ދެ ކްލަބެއް، އެ މައްސަލަ އެތަނަށް ލީތީވެ، އެ ދެ ކްލަބާ ދޭތެރޭ ފިޔަވަޅު ނޭޅޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ގާނޫނުން ކަނޑައެޅިގެން ވަކި ގޮތަކަށް ކަންކަން ކުރަން އެ ބާރު ސްޕޯޓްސް މިނިސްޓަރަށް ދީފައި އޮއްވާ އަދި އެގޮތަށް ކަންކަންކުރަން ބުނެފައި ވަނިކޮށް އެގޮތަށް ނުކުރާ ކަމަށް ވަނީ ނަމަ ވަޒީރެއް ހުރުމުގެ ބޭނުމެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރާ ކަމަށެވެ.
"އެ ވަޒީރެއް އެތާ ހުންނަ ކަމަށް ވަނީ ނަމަ ގާނޫނުގައި އޮތްގޮތަށް ކަންކަން ކުރުމަށް އިރުޝާދު ދޭން ޖެހޭނެ، އަންގަން ޖެހޭނެ. އަދި އެ އަންގައިގެން އެގޮތަށް ކަންކަން ކުރަމުން ނުދާ ނަމަ ވަނީ ނަމަ އަޅުގަނޑު ގަބޫލުކުރަނީ އެ ފަރާތްތަކާ ދޭތެރޭ އަޅަން ފިޔަވަޅު (އަޅަންޖެހޭނެ). އެކަން ނުކޮށްގެން އަޅުގަނޑުމެން ވާހަކަދައްކަނީ، މައްސަލަ ހުށަހެޅީ،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓްރީ އޮފް ޔޫތުން މިކަންކަމަށް ފިޔަވަޅު އަޅަން މިހާރު ވެސް ލަސްވެއްޖެ. އެހެން ނަމަވެސް މިހާރުން މިހާރަށް އެ ފިޔަވަޅުތައް އަޅައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާ ބާއްވައިގެން ނާޖާއިޒު ގޮތުގައި، ވިޔަފާރި ކުންފުންޏެއް ހިންގާ ގޮތަށް ހިނގުމުގެ ފުރުސަތު ނުދިނުމަށް، އަދި ކްލަބް ޖަމިއްޔާ ހިންގަން ޖެހޭ އުސޫލާ ގަވާއިދާ އެއްގޮތަށް ހިންގަވަން އަންގައިދެއްވަން މިނިސްޓަރަށް މި ފުރުސަތުގައި ހަނދާންކޮށްދެން."
އާޒިމް ވިދާޅުވި ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ވަނީ ނަމަ މިއީ ގާނޫނީ ދައުލެޔެކޭ ބުނެ ބަލަން ތިބެވޭކަށް ނެތް ކަމަށާއި މިއީ ގަނޫނީ ދައުލަތެއް ނަމަ ގާނޫނުން، ވަޒީރުންނަާއި އެކިއެކި ކޮމިޝަނަންތަކުގައި މީހުންނަށް އެ ކުރަން ލާޒިމްކުރާ ކަންކަން ކުރުމަކީ ކޮންމެހެން އެ ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ، މީގެ ކުރިން އެފްއޭއެމްގެ މައްސަލަތަކެއް ބަލަން މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން މި ސަރުކާރު، ވެރިކަމާ ހަވާލުވިތާ ކައިރީގައި ސްޕޯޓްސް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލި އެވެ.
އެކަމަކު އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން، މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަނުގެ ހިންގުމަށް ފާޑުވިދާޅުވެ އަދި ތުހުމަތުތަކެއް ވެސް ކުރެއްވުމަށް ފަހު ދެން ފެނިގެން ދިޔައީ މިނިސްޓަރު މަހުލޫފު އެ ހިތްހަމަނުޖެހުންތައް އެ ފަރާތް ކުރެއްވުމަށް ފަހު ބައްސާމްއާ ސުލްހަވެވަޑައިގެންނެވި މަންޒަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާޗާ ބެ
01 July 2020
ހުރިހާ އެސޯސިއެސަން ގަ ވެސް ނުފޫޒް ހާއްސަކޮއް ބާސްކެޓް
ނަޒޫ ނަސީމް
01 July 2020
މަހޭ ގޯސްވީ ލޮލް.
ލޮލް1
01 July 2020
އަބަދުވެސް މި މިމީހުން ނޫން އެހެން މީހުން ނުފޫޒު ފޯރުވަނީ. އާޒިމްވެސް ބޭނުންނުވާ ކަމެއް ނޯވޭ. މަޖިލީހުގެ ރައީސްކަމާއި މެމްބަރުކަމާއި އެފްއޭއެމްގެ ރައީސްކަންވެސް.
ސައިމާ
30 June 2020
ތީހަމަ ނުފޫޒު ފޯރުވުން. ބޮޑު ގޮރިއްލާއެއްގެ ކޮށްޓަށް ވެއްޓުނީމާ ހާސްވެ ބިރުނުގަންނާނެ މީހެއް ނުހުންނާނެ. އެއީ އަދި އެ ގޮރިއްލާ އެމީހާއަށް އަނިޔާކުރަން އުޅުނަސް ނުވަތަ މާ ދުރުގައި ބަލަން ހުއްޓަސްމެ. ތިމާމެންގެ ބާރުއޮތްތަަނަށް، ވައްދަން ނުޖެހޭ މައްސަލައެއް މައްސަލައެއްކަމަށް ހަދައިގެން ވައްދާ، ބަހުސްކުރުމަކީ އެކަން ރައްދުވާ ބައެއްގެ ވިސްނުމާ ފިކުރަށް ނުފޫޒު ފޯރުވުން.
Solah
30 June 2020
ފީފާގެ އުސޫލުތަކާ ޚިލާފަށް އެފް.އޭ.އެމާ ބެހޭގޮތުން ޤާނޫނެއް ނެހެދޭނެ. އެގޮތަށް ޢަމަލުކުރަންޏާ ޖެހޭނީ ފީފާގައި ބައިވެރިނުވެ ތިބެން. ކޮންތާކުން ކޯންޗެއް ކިޔަވައިގެން ހުރި މީހެއް ތިޔައީ؟
ރަދީފު ބިން ރަފައިދާ
30 June 2020
ގާނޫނު ހިނގަނީ ވަކިބަޔަކަށް. ޕާޓީމީހުންނާ ގާނޫނު އަރާ ހަމއެއްނުކުރޭ. ގާނޫނު ނުހިނގުމޭ ތިބުނަނީ މިކަމަށް އިޝާރާތްކޮށްހެން ހީވަނީ.
އަކު
30 June 2020
މަހްލޫފް ދުއްވާލަން ރޭވިރޭވުމުގެ ބައެއް މީ.
އަސްތާ
30 June 2020
ކުޑަކުދިން މިނިސްޓަރުންނަށް ލައިގެން ފުޓްބޯޅަކުރިއަރުވާނެ ގޮތެއް ނޭނގޭ. ޕްރިންސް އަރިހުގަ ޑިނަރ އެއްދިނީމަ ހުރިހާ ކަމެއް އޯކޭ ވެއްޖެ ހެހެހެ
ސަންޕަދަރި
30 June 2020
ކަލޭބޭނުންވޭ އެފްއޭއެމްވެސް ކަލޭބޭނުންވޭ މަޖްލިސް މެމްބަރުކަންވެސް ކަލޭބޭނުންވޭ މަޖްލިސް ރައީސްކަންވެސް ކަލޭބޭނުންވޭ ގުޅަ ވިއްކަންވެސް ކޮންކަމެއް ބޭނުންނުވަނީ, ހުސް ނަސީދު. މުޅި ސިސްޓަމް ދިރުވާލާ.