ޕީޖީ ޝަމީމް: ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެ ކަމަށް ވިދާޅުވި
01 ޖުލައި 2020 - 18:39
ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އިތުރު ބައެއް މައްސަލަތަކުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނަކު ފުލުހުން ދޫކޮށްލި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިިލީހާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އުމުރުން 39 އަހަރުގެ އެ ދެ ފިރިހެނުން ދޫކޮށްލުމުގައި ސިޔާސީ ނުފޫޒު އޮތްކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ބައެއް ޖިންސީ މައްސަލަތަކުގެ ތެރެއިން ތުހުމަތުތަކެއް އަމާޒު ވެފައިވާ މައްސަލަތަކެއް އެބަހުރި ކަމަށާއި އެފަދަ މައްސަލަތަކުގެ ތަހުގީގު ހިނގި ގޮތް ބައްލަވާނެ ކަމަށެވެ. ސަފާރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އެ ތަހުގީގާ ގުޅޭ ލިޔުންތައް ދޭން ފުލުހުންނަށް އަންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަހުގީގު ހިނގައިދިޔަ ގޮތާއި މީހެއްގެ ނުފޫޒެއް އައިސްފައި އޮތްތޯ އާއި އާންމު ގޮތެއްގައި މި ބާވަތުގެ ތަހުގީގުތައް ހިނގަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން. އަދި މި ތަހުގީގު ވަކިން ޚާއްސަކޮށް ބަލާފައިި އެކަމުގައި ކަންތައް ހިނގައިދިޔަ ދިރާސާ ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައްސަލައެއްގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެކަމުގެ ޝަކުވާ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅޭނެ އެވެ. އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުލުހުން ވިދާޅުވަނީ ނުފޫޒެއް ނުފޯރައޭ. އަޅުގަނޑުމެން މި އުޅެނީ އެކަން ބަލަން ވެގެން. ބަލާފައި އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލާފައި އަޅުގަނޑުމެން ހާމަ ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (މ) އާއި ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.
އޭނާ ވިދާޅުވީ، ސަފާރީގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ނިންމިޔަސް، ހެކި ގެއްލި އަދި އަނިޔާލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތެއް މިހާތަނަކަށް ނެތް ކަމަށެވެ. އާންމުންގެ ކަންބޮޑުވުން ހުރި އެފަދަ މައްސަލަތައް މަޖިލީހަށް ބެލިދާނެ ކަމަށާއި ތަހުގީގަށް ހުރަސް އެޅޭ ކަންކަން ނުކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެއީ މަޖިލީހަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރެއް. އެ ބޭފުޅުންނަށް އެކަން ކުރެއްވޭނެ. އެކަން ރަނގަޅު ގޮތުގައި ކުރައްވާނެ ކަމަށް ގަބޫލު ކުރަންޖެހޭ." ޝަމީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސަފާރީގައި ހިނގައިދިޔަ ހާދިސާގައި އަނިޔާ ލިބުނު އުމުރުން 27 އަހަރުގެ އަންހެންމީހާއާ އެ މިނިސްޓްރީން ބައްދަލުކޮށް، ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ހާމަ ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ވެސް އޭނާގެ ރައްކާތެރިކަން ކަށަވަރު ކުރަން. އެއްވެސް މައްސަލައެއް، ކަންބޮޑުވުމެއް އޮތިއްޔާ، ނަފުސާނީ ޑޮކްޓަރަށް ދައްކަން ބޭނުން ވަންޏާ އެކަން ވެސް އަޅުގަނޑުމެން ފަހިކޮށްދެން،" އާއިޝާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ޖިިންސީ ގޯނާގެ ބޮޑު މައްސަލައެއް ފެންމަތިވުމުން ދެން ހުރި އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެގެންދެ އެވެ. އެފަދަ މައްސަލަތައް ވީހާ ވެސް އަވަހަކަށް ރިޕޯޓު ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ހެކި ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންނަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ ފުލުހުންނާ ހަމައަށް އަންނައިރު ހެކި ގެއްލިފައި އޮތިއްޔާ،" ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން ހެކި ހުންނަ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބުމަށް ފަހު ކޯޓަށް ފޮނުވުމާ ދެމެދު އެވްރެޖު ގޮތެއްގައި ހޭދަވާނީ ތިން ދުވަސް ކަމަށެވެ. އެކަމަކު ޝަރުއީ މަރުހަލާގެ ތެރެއިން މައްސަލަތައް ލަސްވުމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރެވި، ކޮންމެވެސް ވަރަކަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
02 July 2020
ޖިންސީ ގޯނާއެއްނޫން، އެއީ ރޭޕްކޭހެއް، އެހެންކަމުން ފުލުހުން އެކަމެއް ތަހްގީގެއް ނުކުރޭ، ޖެންޑާއިންނާއި، ހިއުމަން ރައިޓްސްއިން، އަދި ޕީޖީން އަންގަންވީ ރޭޕިސްޓުން ހައްޔަރުކޮށް ތަހްގީގު ފެށުމަށް، ތަހްގީގެއް ހިންގިއްޔާ މިހާރު ހިންގަމުން އެދަނީ މަޖިލިހުގެ ތެރެއިން، ޕްރޮސެކިއުޓަރަކީ ޤާނޫނު އަސާސީން މިނިވަންކަން ހޯދައިދީފައިވާ މުއައްސަސާއެއް، ސަރުކާރުގެ އެއްވެސް މީހެއްގެ އާއިލާއަކަށް، ކުލައަކަށް ޤައުމަކަށް ބެލުމެއްނެތި ޤާނޫނުތައް ދަމަހައްޓައި ނަގަހައްޓަންޖެހޭ
ބޯގޯސް އަފީފް ދީދީ
02 July 2020
ޕީޖީގެ މަގާ މްގައި އަދު ހުރި މީހަކީ އިނގިރޭސިވިލާތުގައި އެ މްޑީޕީ ޖަހާފައި އޮތް ބޯޑެއްހިފައިގެންހުރެ މުޒާހަރާ ކުރި މީހެއް. އެހެންވީ މާ ތިކަން ނި މޭނެގޮތް އެބައެނގޭ.
އައިޕީ މޭން
02 July 2020
އަޅުގަނޑަށް ފެންނަނީ މި މައްސަލަ ސުޕްރީމް ކޯޓުންވެސް ބަލަން. ޚާއްސަކޮށް، ޤާނޫނު އަސާސީ އަމިއްލަޔަށް މާނަކޮށްގެން ހިތު ހުރިހާ ކަމެއް ކުރަމުންދާ މަޖިލީހުގެ ކަންތައް.
ސަމާއިލް މުހައްމަދު
02 July 2020
މައްސަލަ ޖެއްސީމަވަނީ ކިހިނެއް؟ދެން ތިކަން އެހެން ގޮތަކަށް ބަދަލުވޭތަ؟އެންމެ ފުރަތަމަ ކަމަކަށް ފުލުހުން އިއުތިރާފު އެވީ އެމީހުންގެ ޔޫރިން ޓެސްޓްވެސް ނަހަދާކަމަށް.ދަންވަރު ސަފާރި އެއްގައި އަންހެނެކަކު ގެންގޮސް އެމީހުން އެކުރީ ކޮންކަމެއް.އެގަޑީގަ ސަފާރީގަ ދަރުސެއް އޮތީބާ؟އެކަމަކު ޖިންސީ އަނިޔާ ލިބުނު މީހާ އެއްބަސްވޭ ބަގުރާބޮއެ މަޖާކުރިކަމަށް.ޢެންމެ ކުޑަމިނުން ނުކެރުނު ގޮއްސަ ސަފާރީ ޗެކު ކޮށްލާކަށްވެސް.
އެހެން
02 July 2020
މީނާއަކީ އެއްވެސް އިންސާފެއް ހުރި މީހެއް ނޫން. ނިކަމެތިންނަކީ މީނާގެ ނަޒަރުގައި އިންސާފް ލިބެންވީ ބައެއް ނޫން. ބޮޑުންގެ ފަހަތުން ދުވެ ނޫހުގައި ފޮޓޯއެއް ޖަހާލަން ސުރުޚީއެއް ހަދާލުން އޭނާގެ ކަމަކީ.
މިވަރެއްނެތް
01 July 2020
ބަލަންޖެހޭ މައްސަަލަތައް 1.އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބާއި ޒިޔަތު ގޭގައި ތިބީ ކީއްވެތޯ؟ 2.ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައި ފަރުވާލަސްވުމުން މަރުވި ކުދިންނާއި މީހުންގެ މައްސަލަ 3. ތި ރޭޕް ގެ މައްސަލަ 4.ސަލާމަތީ ބާރުގެ ބައެއް ވެރިންނާއި ބަނގުރަލާ ގުޅުވާ ސޯޝަލް މީޑިޔާގައި ފާޅުކޮށްފައިވާ ފޮޓޯތަކުގެ ހަގީގަތް 5.ވުޖޫދުގައި ނެތް ދުބާއިގެ ކުންފުންޏަކަށް ވެންޓިލޭޓަރުތަކެއް ގަންނަން ފައިސާ ދިން މައްސަލަ 6.މޭޑަމް ފާތުންގެ ކާރާއި ރަން އަނގޮޓީ!
އެމްއެމްޕީއާރުސީ1
02 July 2020
އަދި އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ވަންނަންޖެހޭ ފައިސާ، އެމްއެމްޕީއާރުސީއޭ ކިޔާ ކުންފުންޏަކަށް ވައްދަން، ޕަބްލިކް ފައިނޭންސް އެކްޓާ ޚިލާފަށް ނިންމައިގެން އެހެން ހެދި މައްސަލަވެސް.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
01 July 2020
މީނާއަށް މިކަން ބެލޭނެބާ؟ ކޮވިޑްގެ މައްސަލައިގައި ކުރެއްދޫގެ އިހުމާލެއްވޭތޯ ބަލަންވެސް މީނާ ތެޅެގަތް. ދެން ވީނުވީއެއްނޭންގުނު. ރައްޔިތުންވެސް މިހާރު އެކަން ހަދާންނެތިއްޖެ.
ސަންޕަދަރި
01 July 2020
ނިކަން ރަނގަޅަށް ބަލާތި, ބަލާފަ ރޭޕްކުރި ދެމީހުނަށް ނިޝާނުލް ޤާޒީ ގެ އިތްޒަތްތެރި ލަޤަބު ޖެހޭނެ އަރުވަން ޖުލައި 26 ގަ ބޮޑު ޖަލްސާއެއް ބާއްވާފަ. ބާކީ އޮތީ 25 ދުވަސް އަވަހައް ތިޔަކަން ނިންމާ.
ނެގުނުކަތީބު
01 July 2020
މީނާއަށް ބެލޭނެކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ޢެއްވެސް އިންޞާފެއް ހުރި މީހެއް ނޫން.
ކަނބިލި
01 July 2020
މމމ މީނާ ރަނގަޅުވާނީ ދެރައް ދޭތެރޭ ފަތަން. އެ މީހަކާ އެކަށީގެން ނުވާ ކަންކަން ހަވާލުކުރީ މާ އަބަދުވެސް އޮންނީ ދެބޯގެރި ދުއްވުން