ކެޓަލޯނިއާގެ ލެއިޑާގައި މިހާރު ވަނީ ފީލްޑް ހޮސްޕިޓަލެއް ގާއިމްކޮށްފައި. --ފޮޓޯ:އީޕީއޭ
05 ޖުލައި 2020 - 12:30
ކެޓަލޯނިއާ (ޖުލައި 5) - ކޮރޯނާވައިރަސްގެ ކޭސްތައް އިތުރުވާން ފެށުމާ އެކު ސްޕޭނުގެ ކެޓަލޯނިއާ ސަރަހައްދުން 200،000 އަށް ވުރެ ގިނަ މީހުން ލޮކްޑައުންކޮށްފި އެވެ.
ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ގުއިމް ޓޮއްރާ ވިދާޅުވީ ބާސެލޯނާގެ ހުޅަނގުން އޮންނަ ދަނޑުވެރި ސަރަހައްދެއް ކަމަށްވާ ސެގްރިއާ އަށް އެއްވެސް މީހަކު ވަދެ ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. ކެޓަލޯނިއާ އަކީ ސްޕޭނުން ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯސް އެއް ސަރަހައްދެވެ.
ކެޓަލޯނިއާގެ 7.5 މިލިއަން މީހުންގެ ތެރޭން ވަނީ 72،860 މީހުންނަށް ކޮވިޑް-19 ޖެހި 12،586 މީހުން މަރުވެފަ އެވެ. ސްޕޭނުން ވަނީ 297,625 މީހުން ޕޮޒިޓިވްވެ 28،385 މީހުން މަރުވެފަ އެވެ.
ފުލުހުން ބުނީ ސެގްރިއާގައި މީހުން ބޭރަށް ނުކުމެ އުޅޭތޯ ބެލުމަށް ފުލުހުންގެ ޗެކް ޕޮއިންޓްތައް ގާއިމްކުރާނެ ކަމަށެވެ.
ރައީސް ޓޮއްރާ ވިދާޅުވީ ލޮކްޑައުން އަށް ދާން ނިންމީ މިނިސްޓަރުންނާއި ސިވިލް ޑިފެންސް އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފަހު، އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.
ކެޓަލޯނިއާގެ ލެއިޑާއާ އިންވެގެން އޮންނަ އަރަގޮން ސަރަހައްދުގައި ވެސް މިދިޔަ މަހު ވަނީ އަލުން ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy