ފުރަން ތައްޔާރުވެފައިވާ ބިދޭސީ އަކު އިމިގްރޭޝަން ކައުންޓަރު ކައިރީ: އޮންލައިންކޮށް ވޯކް ވިސާ ފީ ދެއްކުމުގެ ހިދުމަތަކީ މީގެ ކުރިން ވެސް ދެމުން އައި ހިދުމަތެއް -- ފޮޓޯ: އިމިގްރޭޝަން
05 ޖުލައި 2020 - 16:09
އޮންލައިންކޮށް ނޫން ގޮތަކަށް ވޯކް ވިސާ ފީ ނުދެއްކޭ ގޮތަށް އިމިގްރޭޝަނުން ބަދަލު ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ، މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގައިދުރުކަން ބަހައްޓައިގެން އެ އިދާރާގެ ހިދުމަތްތައް ދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އޮންލައިންކޮށް ވޯކް ވިސާ ފީ ދެއްކުމުގެ އިހްތިޔާރު މީގެ ކުރިން ދީފައި ވި ނަމަވެސް، މިއަދުން ފެށިގެން މި ފީ ދެއްކޭނީ އޮންލައިންކޮށް އެކަންޏެވެ.
Changes to work visa fee collection process.
— Maldives Immigration (@ImmigrationMV) July 5, 2020
More details: https://t.co/QTm0T1zPJr
Visit https://t.co/Msm4LCo6tm to pay work visa fee online.#Staysafe pic.twitter.com/jCt57VTrCp
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއް
ކޮވިޑްގެ ހާލަތު ރަނގަޅުވަންދެން ވެސް އަމަލުކުރާނީ މި އުސޫލާ އެއްގޮތަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް ހާލަތު ރަނގަޅުވުމުން ކުރިއެކޭ އެއްގޮތަށް އިމިގްރޭޝަން އޮފީހަށް ގޮސް، ފައިސާ ދެއްކޭނެ ގޮތަށް އުސޫލު ބަދަލު ކުރަން އަދި ނުނިންމަ އެވެ.
މި ހިދުމަތް ހޯދަން workpermit.egov.mv ވެބްސައިޓަށް ވަދެ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" ބޭނުންކުރުމުން ލިބޭނެ އެވެ. ވޯކް ވިސާ އަށް ފައިސާ ދެއްކުމާ ގުޅޭ ކަންކަމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ، ވޯކް ވިސާ ހޮޓްލައިން 9199153 އަށް ގުޅަން އިމިގްރޭޝަނުން ވަނީ އެދިފައި އެވެ.
ކޮވިޑް ފެތުރުން ހުއްޓާލުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން، އިމިގްރޭޝަނުން ދެމުން އައި ގިނަ ހިދުމަތްތަކެއް ހުއްޓުނެވެ. މިކަމާ ގުޅިގެން ކުރިމަތިވި ދަތިތަކަށް އިމިގްރޭޝަނުން ވަނީ ގިނަ ލުއިތަކެއް ހޯދައިދީފައި އެވެ. ވިސާ ފީ ނުދެއްކި، މުއްދަތު ހަމަވި މީހުންގެ އަތުން ޖޫރިމަނާ ނުނަގާ މުއްދަތު ވެސް އިމިގްރޭޝަނުން ވަނީ އިތުރުކޮށްފައި އެވެ. އަދި ވޯކް ވިސާ ނޫން ވިސާތަކުގައި ރާއްޖެ އައި މީހުން، ވިސާ އާ ނުކޮށް އެ މީހުންގެ ގައުމަށް އަނބުރާ ދެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަދީފައި އެވެ. މީގައި ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ސްޓުޑެންޓް ވިސާގައި އައި މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!
05 July 2020
ވަރަށްރަގަޅުކަމެއް... އިމިގުރޭޝަނަށްދައްކާ ހުރިހާ ފައިސާއެއް އޮންލައިންކޮށް ދައްކަންޖެހޭ. އަދި ފައިސާއާއި ބެހޭމުއާމަލާތްތަށް ކައުޓަރުގަ ތިބޭމީހުނާކުރުން ހުއްޓާލަންޖެހޭ. އިމިގުރޭޝަނުން ކޮރަޕްޝަން ފުހެލަންޖެހޭ.
ވިޒާ ފީ
05 July 2020
ވިޒާ ފީ އަކީ މީރާ އަށް ދައްކާ އެއްޗެއް!
ރަންނަ
05 July 2020
ކުރިއެރުމެއް. މަރުހަބާ