ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޔުނައިޓެޑުން ވެސް ހަރަދުކުރުމުގައި ވިސްނާނެ: ސޯލްޝެއާ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (ކ) އާއި މިޑްފީލްޑަރު ފެނާންޑޭސް.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖުލައި 9) - ކޮވިޑް-19ގެ ސަބަބުން ދިމާވާ މާލީ ދަތިތަށް މެންޗެސްޓާ ޔުނައިޓެޑަށް ވެސް އެބައޮތް ކަމަށާއި ޓީމު ވަރުގަދަކުރުމުގައި ޓްރާންސްފާ މާކެޓްގައި ފައިސާ ހަރަދުކުރާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު ޔުނައިޓެޑުން ބޮޑު އަގުގައި ގަތް ގިނަ ކުޅުންތެރިންތަކެއް ވަނީ ކުރު މުއްދަތުގެ ތެރޭގައި އެ ޓީމު ދޫކޮށް ގޮސްފަ އެެވެ. އެ ޓީމުގައި އެންމެ ފަހުން ހުރި ދެ ކޯޗުން ކަމަށްވާ ހޯސޭ މޮރީނިއޯ އާއި ލުއީ ވެން ހާލްއާ އެކު ޔުނައިޓެޑްގެ މެނޭޖްމަންޓުގެ ޓްރާންސްފާ ޕޮލިސީއާ މެދު އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ކްލަބްތަކުން ހަރަދުކުރާ ގޮތްތަކަށް ބަދަލު އަންނާނެކަން ފާހަގަކޮށް ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ދާދި ފަހުން ވިދާޅުވީ އެ ޓީމުގެ ހަރަދުތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ޖެހޭނީ ވަރަށް ބޮޑަށް ހުރިހާ ދިމާލަކަށް ވެސް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ޔުނައިޓެޑުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ޖެހޭނެކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިން އަންނަނީ ބުނަމުންނެވެ. ސޯލްޝެއާ ބުނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި ހަރަދުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

"ހަގީގަތް ގަބޫލުކުރަންޖެހޭ. މުޅި ދުނިޔޭގެ ހާލަތު ވެސް އޮތީ ބަދަލުވެފައި. މާލީ ގޮތުން ބެލިޔަސް އަދި ދިރިއުޅުމުގައި ހަމަޖައްސަން ޖެހޭ ކަންތައްތަކަށް ބެލިޔަސް. ކޮންމެ ފަހަރަކު އަހަރެން އެޑް (ވުޑްވާޑް) ކައިރިއަށް ޓީމުގެ ހަރަދުކުރުމުގެ ޕްލޭން ހިފައިގެންދާއިރު ވެސް ހަގީގަތަށް ވިސްނަން ޖެހޭ. އަހަރެން ވިސްނަނީ ދުރު މުސްތަގުބަލަށް. އަހަރެންގެ ޕްލޭން އޮތީ ވެސް އެ ގޮތަށް. އެހެން އެކަން ކުރާއިރު އަހަރެން ޔަގީންކަން ދެން އަހަރެން ހަރަދުކުރާނީ ކްލަބްގެ ފައިސާ އަށް އަދި ހާލަތަށް ވަރަށް ބަލައިގެން. އަހަންނަކީ އަމިއްލަ ފައިސާ އަށް ވެސް ވަރަށް ބަލާ މީހެއް،" ސޯލްޝެއާ ބުންޏެވެ.

ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިން މަޑުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ ގޮތުން ގިނަ ކުޅުންތެރިން ކޮންޓްރެކްޓް އާ ކުރަމުންދާ ގޮތަށް ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ އަށް ވެސް އާ އެއްބަސްވުމެއް ދޭން އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސޯލްޝެއާ ބުނީ އޭނާގެ ޕްލޭނުގައި ޓީމުގެ ޒުވާން ތަރިންނަށް ޖާގަ ގެއްލޭނެ ގޮތެއް ނުހަދާނެ ކަމަށާއި އެ ކުޅުންތެރިން ކުރިއަރައިގެންދާން އޮތް ފުރުސަތު ކްލަބްގެ ތެރެއިން ދޭނެ ކަމަށެވެ. އެ ގޮތުން މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އަދި މޭސަން ގްރީންވުޑް އެކުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުވުމުގެ މުހިއްމުކަން ސޯލްޝެއާ ފާހަގަކުރި އެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު ޔުނައިޓެޑުން މިހާރު ވަނީ ކުރިއެރުމެއް ހޯދާފައި ކަމަށާއި 16 މެޗުން ޖެހިޖެހިގެން ބަލިނުވެ ހަމަކުރެވުމަކީ ވެސް އޭގެ ހެއްކެން ކަމަށް ސޯލްޝެއާ ގަބޫލުކުރެ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދުން އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ސޯލްޝެއާ ގަބޫލުކުރެ އެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައިގެން ޔުނައިޓެޑަށް ހަތަރެއްގައި އޮތް ލެސްޓާ ސިޓީއާ އެއް ޕޮއިންޓާ ގާތަށް ޖެހިލެވޭނެ އެވެ. ވިލާ ޕާކުގައި އެސްޓަން ވިލާ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:15 ގަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454