24 ޖުލައި 2020 - 08:44
ރިތިކް ރޯޝަނާ އެކު އޭނާގެ ބައްޕަ ގެނެސްދޭ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައިގައި ރިތިކްގެ ހަތަރު ކެރެކްޓާއެއް ހިމެނޭނެ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
އެ ނޫހުން ބުނި ގޮތުގައި ކުރީގެ ބައިތަކުގައި ވެސް ރިތިކް ކުޅުނު ކްރިޝް އާއި ރޯހިތުގެ ކެރެކްޓާގެ އިތުރުން "ކްރިޝް 4" އިން ރިތިކްގެ އިތުރު ދެ ކެރެކްޓާއެއް ތައާރަފުކުރާނެ އެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ. ނަމަވެސް ރާކޭޝް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ.
މީގެ އިތުރުން އާ ފިލްމުން ފެންނާނެ އަނެއް ބަދަލަކީ "ކްރިޝް" ގެ ފެށުން ކަމަށްވާ 2003 ގެ ފިލްމު "ކޮއި...މިލް ގަޔާ" އިން ފެނިގެން ދިޔަ އޭލިއަން "ޖާދޫ" އަލުން އެނބުރި އައުމެވެ.
"ކްރިޝް 4" މި ސީރީޒްގެ އެހެން ފިލްމުތަކަށް ވުރެ ވަރުގަދަ އަދި ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ އިރު، ގިނަ އަދަދަކަށް ވީއެފްއެކްސް ހިމެނޭ ފިލްމުގެ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2013 ގައި ގެނެސްދިން "ކްރިޝް 3" ގެ ވީއެފްއެކްސް ހެދި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންޓާ އެވެ. އެ ސްޓޫޑިއޯ އަކީ މި ވަގުތު އިންޑިއާގައި ހުރި ވީއެފްއެކްސް އަށް އެންމެ ކުޅަދާނަ ޓީމް އޮތް ތަނެވެ.
ޕިންކްވިލާ އަށް ރާކޭޝް ބުނީ "ކްރިޝް 4" ގެ ސްކްރިޕްޓް މިހާރު އޮތީ ނިމިފައި ކަމަށެވެ. އެކަމަކު ލޮކްޑައުންއާ ހެދި އަދިވެސް ޝޫޓިން ފެށޭނެ އިރެއް ކަށަވަރުނުވާތީ ސްކްރިޕްޓް އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށް ބުންޏެވެ.
އޭނާ ބުނީ ޝޫޓިން ފެށޭނެ ރަނގަޅު ވަގުތެއް ލިބުމުން އެ މަސައްކަތް ފަށާނެ ކަމަށާއި ފިލްމުގެ ވަރަށް ބޮޑު އިންޑިއާ އިން ބޭރުގައި ވެސް ނަގަން ޖެހޭ ކަމަށެވެ.
"ކްރިޝް 4" ގެ ބަތަލާ އަކީ ކާކުކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެކި ބަތަލާއިންނަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. އޭގެ ތެރޭގައި ކްރިތީ ސެނަން އާއި ޖެކްލިން ފެނަންޑޭޒާއި ޔާމީ ގޯތަމް ފަދަ ބަތަލާއިން ހިމެނެ އެވެ.
"ކްރިޝް" ގެ އެންމެ ފަހުގެ ދެ ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އަދި "ކްރިޝް 3" ގައި ކަންގަނާ ރަނާވަތު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy