ލަނޑު ޖެހުމަށް ފަހު ސެވިއްޔާގެ ޑި ޔޯން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2020 - 10:29
ކޮލޯން (އޮގަސްޓް 17) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސެވިއްޔާ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކުރި ސެވިއްޔާ އިން ފައިނަލުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. ޔުނައިޓެޑް ރޭގެ މެޗުން ބަލިވުމާ އެކު މި ސީޒަން ތަށްޓަކާ އެކު ނިންމާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ތަށްޓެއް ނުލިބި ޔުނައިޓެޑް އެންމެ ފަހުން ޖެހިޖެހިގެން ތިން ސީޒަން ފުރިހަމަކުރީ މީގެ 31 އަހަރު ކުރިންނެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މި ސީޒަނުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ޔުނައިޓެޑުން ފެނުނު ފެނާންޑޭސް މި ސީޒަނުގައި ފޮނުވާލި 14 ވަނަ ޕެނަލްޓީ އެވެ. މި ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑަށް ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޮސް ކުރި ފައުލަކަށެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީ އެވެ.
ޔުނައިޓެޑަށް ލީޑުފުޅާކޮށްދޭން ފްރެޑަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ނަތީޖާ ހަމަހަމަކުރަން ސެވިއްޔާ އިން ކުރި މަސައްކަތް މެޗުގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސޫސޯ އެވެ. ކުރިން ލިވަޕޫލާއި އޭސީ މިލާނަށް ކުޅުނު ސޫސޯ މި ގޯލު ޖެހީ އެ ޓީމުގެ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުންނެވެ.
މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދޭން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އެ ޓީމުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އެވެ. މާޝިއަލަށް ހުސްކޮށް ލިބުނު ދެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަތައް ސެވިއްޔާގެ ގޯލުގައި ހުރި ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. އަދި ފެނާންޑޭސް އާއި ރެޝްފޯޑް ޖެހި ބޯޅަތައް ސެވިއްޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ޔުނައިޓެޑްގެ ޕޮގްބާ (ކ) އާއި ބްރޫނޯ (ވ) ކައިރިން ސެވިއްޔާގެ ބަނޭގާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަަނަ ހާފް ފަށައިގެން ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދާތީ ސެވިއްޔާ އިން ވަނީ ބަދަލުތަކެއް ގެނެސްގެން އަލުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ފެށި އެވެ. އެ ޓީމުން ވަނީ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޔޫސެފް އެންނެސްރީ އާއި ލޫކަސް އޮކަމްޕޯސް ބަދަލުކޮށްފަ އެވެ. ކުޅެން އެރީ ބާސެލޯނާ އަށް ކުރިން ކުޅުނު މުނީރް އާއި ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އެވެ.
ސެވިއްޔާ މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕީއެސްވީގެ ކުރީގެ ފޯވާޑް ޑި ޔޯން އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ސެވިއްޔާގެ ކެޕްޓަން ހެސަސް ނަވާސް ނަގައިދިން ހުރަހަކުން ޑި ޔޯން މި ގޯލު ޖެހީ ޔުނައިޓެޑްގެ ތިން ޑިފެންޑަރުންގެ ތެރެއިން ހުސްކޮށް އަރަ އެވެ. އެ ބޯޅަ ހުއްޓުވަން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ޔުނައިޓެޑުން މެޗުގައި ގެނައި ހަތަރު ބަދަލު ވެސް ގެނައީ މެޗުގެ 85 ވަނަ މިނިޓްގެ ފަހުންނެވެ. އެކަމަކު އަލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ޔުނައިޓެޑަކީ އެއް ސީޒަނެއްގައި ލީގު ކަޕާއި އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ ސެމީން ކެޓި ފުރަތަމަ ޓީމެވެ. އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ސީޒަނުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ތަށްޓެއް ލިބުމުގެ ނަސީބު ނުލިބުމުން އެއީ މާޔޫސްކަމެއް ކަމަށެވެ. އެކަމަކު އޭނާ ހުރީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ވަރުގަދަކޮށް އަންނަ ސީޒަނުގައި މި އަށް ވުރެން ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުހިފައިގެންނެވެ.
ހުރިހާ މުބާރާތެއްގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު 20 މެޗުން ބަލިނުވެ އޮތްއިރު، މިއީ އެ ޓީމަށް މި މުބާރާތުގެ ފައިނަލަށް ނުކުންނައިރު ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ބުނެފަ އެވެ. ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ސެވިއްޔާ ނުކުންނާނީ މިރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާއި އިޓަލީގެ އިންޓަ މިލާން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
17 August 2020
މިދިޔަ ސިޒަންގަ ޔޫރަޕްގެ 2 މުބާރާތުގެ ފައިނަލްގަ އިނގިރޭސި 4 ޓީމްކުޅުނީމަ އެކަމާ ބޮޑާވެ ފޮނުއެރުވި މީހުނަށް މިހާރު އެއްޖެއް ވިސްނޭނެކަމަށް ހީކުރަން. ދުނިޔޭގެ އެންމެ ގަދަފަދަކަމަށް ދައުވާކުރާ ކައްޕަޅިލީގުގެ ހުރިހާ ޓީމްތަށް އެދިޔައީ ޗޮކުން.
އާއިޝަތު ރަދީފާ
17 August 2020
ދެން ލަލީގާގެ ބާރސާ 8-2 ބަލިވުން އެއއީ ލީގުގެ ވަރުގަދަކަން؟
ރަދީފްއޮފިޝިއަލް
18 August 2020
@އާއިޝަތުރަދީފާ ކަލެއަށް އަބަދު ހުވަފެނުން ވެސް ފެންނަނީ ބާސާ ދޯ!! ކޮންމެހެން އެކި ނަންނަމުގަ ކޮމެންޓްނުކޮށް (އަންނި ، ނިއުމާ ، ހިސޭ) ކޮމެންޓްކުރޭ.މަހަށް ދޭބަލަ ކަލޭ.
ހަމްބޭ
18 August 2020
މި ސީޒަންގަ ޔޫރަޕްގެ އެންމެ ދަށް ކްލަބަކީ ބަރްކަލޯނާ. 8 ވީމަ ތަންކޮޅެއް ބޮޑުވަރު.
ކޮންޓެ
17 August 2020
1 ޕެނަލްޓީ ވޯޒް ނޮޓް އިނަފް
ރަދީފްއޮފިޝިއަލް
17 August 2020
ސެވިއްޔާ އެއީ ޔުއެފާކަޕް/ޔޫރޮޕާ ލީގް ފައިނަލާއި އެންމެ ރަހްމަތްތެރި ކްލަބް.ރޭގެ 02 ވަނަ ގޯލް ސެވިއްޔާއިން ޖެހީމަ ފެނުނީ މެންޔޫގެ ޑިފެންޑަރުން އެކަކު އަނެކަކުގެ ކުށް ދައްކައި ޒުވާބުކުރިތަން.ސެވިއްޔާ މޮޅުވުމުގަ ގޯލް ކީޕަރުގެ ހުށިޔާރުކަން ވަރަށް ބޮޑަށް ރޭގެ މެޗްގަ ފެނުނު.ވ.ވެދުން
ޕެނާންޑޭސް
17 August 2020
އެއް ޕެނަލްޓީ ލިބުނީމަވެސް ޕެންޗެސްޓަރ ޔުނައިޓެޑް އާއި ބުރޫނޯ ޕެނާންޑޭސް އަށް ފައިނަލަށް ނުދެވުން. މުޅި ސީޒަނުގަ 22 ޕެނަލްޓީ. އެކަމަކުވެސް 3 ވަނައަށް ވުރެ ކުރިއަށް ދެވުނު މުބާރާތެއް ނެތް.
ރަދީފްއޮފިޝިއަލް
17 August 2020
ޕެނަލްޓީ އެއީ ފުޓްބޯޅައިގެ ގަވާއިދުގަ އެފަދަ ހާލަތެއް އައީމަ ދޭން އޮންނައެއްޗެއް.ބްރޫނޯ ފެނާންޑެސް (މެންޔޫ ފޭނުން ބުނާގޮތުން 02 ވަނަ ރޮނާލްޑޯ) އެއީ މިސީޒަނުގަ ހުރިހާ މުބާރާތެއްގަ 14 ޕެނަލްޓީ ޖަހައި އެހުރިހާ ޕެނަލްޓީއެއް ކާމިޔާބްކުރި ކުޅުންތެރިއެއް.
އަލީ ނަޢީމް
17 August 2020
ޕެނަލްޓީ ލިބެނީ ހަމަ އެޓޭކް ކުރެވޭތީ.. މިހާރު ވީ.އޭ.އާރު ވެސް ބޭނުންކޮށްގެން ބަލާފައި.. އެހެންވީމަ ހަޖަމް ކޮށްލާ...
ލޮލް ލޮލް
17 August 2020
އަލީ ނަޢީމު، އެ ހުރިހާ އެޓޭކް ކޮށްގެން ވެސް ދިޔައީ ތޮޅިން، އެކަން ވެސް ހަޖަމުކޮށްލާ. ވީއޭއަރުން ބަލާފަ ގޯސްކޮށް ނިންމާފަ އެބަހުރި. ވީއޭއާރު އެއީ މަތިން ފޭބި އެއްޗެއްތަ؟
ޢަލީ ނަޢީމް
17 August 2020
ލޮލް.. ތިމާ ސަޕޯޓްކުރާ ޓީމް ނޫނަސް ހަޤީޤަތް ޤަބޫލްކުރަންވާނެ،، އެޓޭކް ކޮށްގެންވެސް ތޮޅިޔަށް ދާފަހަރު ދާނެ...
ރެފްރީ
17 August 2020
ފުޓްބޯޅައިގައި ޕެނަލްޓީ އަކީ އޮންނަ އެެއްޗެއް