ކުޅިވަރު / ފްރާންސް ނެޝަނަލް ޓީމް

ފްރާންސަށް ކޯޗުކޮށްދިނުމަކީ ޒިދާންގެ ހުވަފެނެއް

ޒިދާން: ކޯޗިން ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ފްރާންސް ގައުމީ ޓީމަށް ކޯޗުކޮށްދޭނެކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އޭއެފްޕީ

21 އޯގަސްޓް 2020 - 07:42

ޕެރިސް (އޮގަސްޓް 21) - ފްރާންސް ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު އަދި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޒިނެދިން ޒިދާން ބުނެފި އެވެ.

ފްރާންސްގެ ކޯޗުކަމުގެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްޕްސްގެ ކޮންޓްރެކްޓް ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ނިޔަަލަށް އާ ކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ފްރާންސާ އެކު ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޑެޝޯމްޕްސް ވަނީ ޒިދާން ރެއާލަށް ކޯޗުކޮށްދޭ ދުވަސް އަދި ފެންނާނެ ކަމަށް ބުނެފަ އެވެ.

ދާދި ފަހުން ޕެރިހުގައި ޒިދާންގެ ފުޓްބޯޅަ ސްކޫލް "ޒިދާން ފައިވް ކްލަބް"ގެ މަސައްކަތް ފެށުމަށް ފަހު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ކޯޗިންގެ މަސައްކަތް ފެށިިއިރު ވެސް ފްރާންސް ޓީމާ އެކު މަސައްކަތްކުރުމުގެ އުއްމީދު އޮތް ކަމަށެވެ.

"މީގެ އަހަރުތަކެއް ކުރިން ވެސް އަހަރެން ބުނިން އަހަންނަކީ އުއްމީދުތަކެއް ހުރި ކޯޗެކޭ. ކީއްވެހޭ އަހަރެން ފްރާންސް ގައުމީ ޓީމާ ހަވާލުނުވާންވީ؟ އެއީ އަހަރެންގެ ހުވަފެނެއް. އެކަން ޑެޝޯމްޕްސް އަށް ވެސް އެނގޭނެ. އެކަން އިއުލާނުކުރި މީހަކީ ވެސް އެއީ،" ޒިދާން ބުންޏެވެ.

ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް އެ ޓީމަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދިން ޒިދާން ބުނީ ފްރާންސް ޓީމުގައި އޭނާގެ ގިނަ ހަނދާންތަކެއް އެބަހުރި ކަމަށާއި އުއްމީދަކީ އިތުރު ކަންތައްތަކެއް އެ ޓީމާ އެކު ހާސިލްކުރުން ކަމަށެވެ.

ޒިދާން އޭއެފްޕީ އަށް ހާއްސަ އިންޓަވިއުއެއްދެނީ. -- ފޮޓޯ: އޭއެފްޕީ

"ފްރާންސް ގައުމީ ޓީމާ އެކު އަހަރެންގެ އުފާވެރި އަދި ހިތާމަވެރި ހަނދާންތަކެއް އެބަހުރި. ފްރާންސާ އެކު އަހަރެންގެ ފަހު މެޗާ ހަމައަށް ހުރިހާ ކަމެއް ވަރަށް ފުރިހަމަ. އެކަމަކު އެންމެ ބޭނުންވި ގޮތަކަށް ނޫން ފަހު މެޗު ދިޔައީ،" 2006 ވަނަ އަހަރުގެ ފައިނަލުގައި ދެއްކި ރަތް ކާޑަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރުމަށް އިޝާރާތްކޮށް ޒިދާން ބުންޏެވެ.

ޒިދާން މި ވަގުތު ރެއާލާ އެކު ކޮންޓްރެކްޓްގައި ހުރީ 2022 ވަނަ އަހަރަށެވެ. މި ސީޒަނުގައި ޒިދާން ވަނީ ރެއާލަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ. ކޮވިޑް-19ގެ ސަބަބުން ބޮޑު މެދުކެނޑުމެއް އައި މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ރެއާލަށް ލީގު ހޯދައިދެވުމަކީ ޒިދާން ދެކޭ ގޮތުގައި އޭނާ އަށް ވަރަށް ހާއްސަ ކާމިޔާބެކެވެ.

"އަލުން އަވަހަށް ފުޓްބޯޅަ ކުޅެން ފެށޭނެ ކަމުގެ އުއްމީދެއް ވެސް ނެތި އެހެން އޮއްވައި އަލުން ފުޓްބޯޅަ ފަށައި މި ފަހަރު ލީގު ލިބުން އަހަރެން އެ ކާމިޔާބީ ވަރަށް މަތިން ރޭންކްކުރަން. އެއީ އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރުގައި އެންމެ އުފާވި އެއް ދުވަސް،" ޒިދާން ބުންޏެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކަންތައްތައް ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އެކަމަކު ލިބުނު ފިލާވަޅާ އެކު ކުރިއަށް އޮތް ސީޒަނުގައި ނަތީޖާތައް ރަނގަޅުކުރަން ފުރިހަމަ އަށް ތައްޔާރުވާނެ ކަަމަށް ޒިދާން ބުންޏެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454