މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ.
28 އޯގަސްޓް 2020 - 17:31
ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމާ ގުޅިގެން، ކޮމަންވެލްތު ގޭމްސް އިން އަނެއްކާވެސް ފުރުސަތު ދޭން ނިންމައިފި އެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ. ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ.
ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރަސްމީކޮށް ރާއްޖެ ހިމެނިކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ރައީސް ލޮއިސް މާޓިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔުމުން އެންގެވީ މިއަދެވެ
އެކަމާ ގުޅިގެން، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ދިވެހި ކުޅިވަރަށް އުފާވެރި ދުވަހެއް ކަމަށާާއި ރާއްޖެ އަލުން ކޮމަންވެލްތުގައި ހިމަނަން އެހީތެރިވެދިން ހުރިހާ ގައުމުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
A very happy day for Maldivian sporting. President of the Commonwealth Games Federation, Dame Louise Martin has written to me informing that the resolution to re-admit the Maldives to @thecgf has been approved. Our thanks to all member countries who supported our re-admission.
— Ibrahim Mohamed Solih (@ibusolih) August 28, 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓް.
ކޮމަންލެވްތުން 2016 ވަނަ އަހަރު ރާއްޖެ ވަކިވާން ނިންމިއިރު، އޮލިމްޕިކް ކޮމިޓީން ދިޔައީ 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސް އިން ކާމިޔާބީ ހޯދުމަށް އަމާޒުކޮށް، ޕްލޭންތައް ހަދައި ބައެއް އެތުލީޓުން ތަމްރީންތަކަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ނިންމުމާ އެކު ކޮމަންވެލްތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.
އޭރު ވެސް ކޮމަންވެލްތުގެ ރައީސް މާޓިން ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި އުއްމީދަކީ އެކަން ހައްލުވެ ވީ އެންމެ އަވަހަކަށް އަލުން ކޮމަންވެލްތުން ރާއްޖެ ފެނުން ކަމަށް ވިދާޅުވެ، ދިވެހި ކުޅިވަރު އާއިލާ އަށް ހިތްވަރުދީފަ އެވެ.
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެ ގޮތުން އެތުލީޓުންނާއި ކޯޗުން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހޯދުމާއި އެކި ޓީމުތަކަށް ކޯޗުން ހޯދުމުގެ މަސައްކަތްތައް ފަދަ ކުޅިވަރަށް ބޭނުންތެރި އެކި ކަންކަމުގައި ކޮމަންވެލްތު ގޭމްސް އިން އެހީވެ އެވެ. އަލުން ކޮމަންވެލްތުގައި ބައިވެރިވުމުން މި ހުރިހާ ފުރުސަތުތަކެއް ވެސް ފަހިވެގެންދާނެ އެވެ.
ކޮމަންވެލްތު ގޭމްސް އަކީ ދިވެހި އެތުލީޓުންނަށް އޮލިމްޕިކްސްގެ ކުރިން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކޮށް ތަޖުރިބާ ހޯދައި އަދި ރާއްޖޭގެ ނިސްބަތުން ކާމިޔާބީ ހޯދުމަށް ލިބޭ ޕްލެޓްފޯމެކެވެ.
އެންމެ ފަހުން ރާއްޖޭން ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ އެތުލެޓިކްސް، ބެޑްމިންޓަން، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކޮށްފަ އެވެ. މިހާރު އޮތްގޮތުން އެއް ގޭމްސްގެ މެދުކެނޑުމަށް ފަހު ރާއްޖޭން ދެން މި ގޭމްސްގައި ވާދަކުރާނީ 2022 ވަނަ އަހަރު އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ ގޭމްސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިމީހާގެ ދަރި
28 August 2020
ކޮމަންވެލްތަކީ ބޭކާރު ތަނެއް. ކޮމަންވެލްތުގައި ބައިވެރިވުމުގެ އެއްވެސް ބޭނުމެއް ނެތް.