ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާބަޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖޫން 2016 - 19:28
ވޯލްޑް ކަޕް ކޮލިފައިންގައި 2007 ވަނަ އަހަރު މާލޭގައި ޔަމަން އަތުން 2-0 އިން މޮޅުވި ނަމަވެސް އެ މެޗުން މިހާރު ކުރާނެ ފައިދާއެއް ނެތް ކަމަށާއި އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ޔަމަނާ ދެކޮޅަށް ނުކުންނައިރު މިއީ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދޭން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.
"އެއީ ވަރަށް ކުރީގެ މެޗެއް. މިހާރު ވަރަށް ބޮޑަށް ބަދަލުވެދާނެ ސްކޮޑް އަހަންނަށް ލަފާކުރެވޭ ގޮތުގައި. ޔަމަނުގެ ވޯލްޑް ކަޕް ކޮލިފައިން ސްކޮޑް ވަރަށް ވަރުގަދަ. އަހަރެން ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނުކުންނާނީ އެ ޓީމަށް އިހުތިރާމްކޮށްގެން،" ހާބަޓް ބުންޏެވެ.
ނޫ ޖާޒީގައި މާލޭގައި ކުޅެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ އަޝްފާގް (ދަގަނޑޭ) ލަނޑުތަކުން 2-0 އިން އެ ފަހަރު ރާއްޖެ މޮޅުވި ނަމަވެސް ފުރަތަމަ ލެގު 3-0 އިން ޔަމަން ކާމިޔާބުކޮށްފައިވާތީ ރާއްޖެ އެ ފަހަރު އަނެއް ބުރަށް ނުހޮވުނެވެ. އެ މެޗުގައި ކުޅުނު ތިން ކުޅުންތެރިޔަކު ޔަމަން ޓީމުގައި ހިމެނޭއިރު އޭރުގެ ކުޅުންތެރިންގެ ތެރެއިން ރާއްޖޭގެ ޓީމުގައި ހިމެނެނީ ގޯލްކީޕަރު އިމްރާން މުހައްމަދާއި ދަގަނޑޭ އަދި އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ކޯޗު ބުނީ އެފްއޭއެމްގެ އިންތިހާބު ނިމިފައިވުމަކީ ރަނގަޅެއް ކަމަށާއި މިހާރު ސަމާލުކަން ހުރީ ސީދާ ފުޓްބޯޅައަށް ކަމަށެވެ. އެގޮތަށް ބަލާއިރު މާދަމާރޭގެ މެޗަކީ އާ ފެށުމެއް ކަމަށް ބެލެވިދާނެ ކަމަށް ހާބަޓް ބުންޏެވެ.
"ޔަގީނުން ވެސް އެނގޭ ކަމަކީ ބައިނަލްއަގްވާމީ މިފަދަ މެޗުތަކަކީ ކުޅުންތެރިންނަށް ފެންވަރު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއްކަން. ޔަމަނުގައި އޮތީ ވަރުގަދަ ސްކޮޑެއް. އެހެންކަމުން މި ފުރުސަތުގެ ބޭނުން ކުޅުންތެރިން ހިފަން ޖެހޭ. ހާއްސަކޮށް އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ހިފާފައިވާއިރު މިއީ އަނެއްކާ ވެސް ލިބޭނެ އިތުރު ކުރިއެރުމަކަށް ވާނެ،" ހާބަޓް ބުންޏެވެ.
އޭނާ ބުނީ މެޗަށް ތައްޔާރުވާން ލިބުނީ މަދު ވަގުތުކޮޅެއް ކަމަށެވެ. ދެ ތިން ދުވަހު ތަމްރީން ހަދައި ވެލެންސިއާއާ ދެކޮޅަށް ޓްރެއިނިން މެޗެއް ކުޅުނުއިރު، ހާލަތަށް ބަލާއިރު ރާއްޖެ އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ހަމައެކަނި ކަންބޮޑުވުމަކީ މަދު ދުވަސްކޮޅެއް ލިބުން އެކުގައި ޕްރެކްޓިސްކޮށްލަން. އެކަމަކު ޓީމުގެ ތެރޭގައި ރޫހު ރަނގަޅު. އެއީ ހިތްހަމަޖެހުމެއް،" ހާބަޓް ބުންޏެވެ.
މާދަމާރޭގެ މެޗު މާލޭގައި ކުޅޭއިރު ދެ ވަނަ ލެގު ކުޅޭނީ ގަތަރުގަ އެވެ. ޔަމަނުގެ ހޯމް މެޗު އެ ގައުމުގައި ނުކުޅެނީ ސަލާމަތީ ސަބަބުތަކާ ހެދި އެވެ. ހާބަޓް ބުނީ އެއް މެޗު މާލޭގައި އަދި އަނެއް މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅުނު ނަމަވެސް ރާއްޖެ އަށް އެޑްވާންޓޭޖެއް ނެތް ކަމަށެވެ.
"ޔަމަނުން ހޯމް މެޗުތައް ކުޅެމުން އަންނަނީ ގަތަރުގައި 2012 އިން ފެށިގެން. އެހެންކަމުން އެ ޓީމު އޮންނާނީ އެކަމަށް ހޭނިފައި. އެއީ ލިބޭނެ މާބޮޑު އެޑްވާންޓޭޖެއް ނޫން،" ހާބަޓް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޢިބް !
02 June 2016
السلام علييكم ، بسم الله الرحمن الرحيم ، އަޅުގަނޑު މިބުނާ ބަހުގަ ހުރިވަރުވެސް އިގިދާނެ މާދމާ ފެނިގެން ދާނީ ވަރަށް ހީނުކުރާ ކުޅުމެއް ސަބަބެއް ނެތިއެއްނޫން، %100 ގެރެންޓީ ، ނަތީޖާ ރަންގަޅު ވުމުގެ އެއްވެސް ! ދަގޭ ކުޅުނު ކަމުގަ ވިޔަސް ! މީއެގޮތުގަ ބުނި ބަހެއްކަމައް ނުބެލުމައް އެދެން ،،،الله އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނި ބަހުގަ ހުރިވަރު ،ان شاء. الله آمين ،،،،،!.
އައްޓަމަސް
01 June 2016
އާފެށުން، އާކުކުޅަށް ގާބިސް އެޅުން، އާރައީސް، އާތަޖްރިބާ. ހުސް އާ ދެންބާވަނީ ކޮންއިރަކުންބާ؟!